Magu matheege rakkaatheri kamaa behey gothun Naib Raees mashvaraa kuravvaifi
image
މިއަދު ކުރިޔަށް ދިޔަ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މަގުމަތީގެ ރައްކާތެރިކަމާ ބެހޭ ގޮތުން ނައިބު ރައީސް ފައިސަލް މަޝްވަރާކުރައްވައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުވުމުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިސް ފަރާތްތަކުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ނައިބު ރައީސަށް މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.

އެގޮތުން މަގުތަކުގެ އަމާންކަން ބަލަހައްޓައި، މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަށްޓަކައި ކުރަމުންދާ އަދި ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަންތައްތަކުގެ މައުލޫމާތު އެބޭފުޅުން ހިއްސާކުރެއްވި އެވެ.

އަދި މިކަންތައްތަކަށް ކުރުމަށް ހުރި ގޮންޖެހުންތަކުގެ މައުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ކުރިޔަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ލަސްވަމުންދާ ކަންކަން އަވަސްކުރެވޭނެ ގޮތަކީ ކޮބައިތޯ ބެއްލެވުމަށް އެދިވަޑައިގެންފައެވެ.

މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ފެންނަމުންދާ ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި ހުރިހާ އެންމެން ގުޅިގެން އާ ހިތްވަރަކާއެކު މި މަސައްކަތް ކުރިޔަށްގެންދެވުމަށް އެމަނިކުފާނު ވަނީ ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންގެ ފަރާތުން އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީކައުންސިލްގެ މެންބަރުންނާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހިޔާލު