Dhivehinge garahitha handhaan
image
ޖުމްހޫރީ މައިދާން-- ފޮޓޯ: ލޭޒިންވަންޑަރަ
ރައްޔާން މުޙައްމަދު
4 ކޮމެންޓް
 

ދިވެހިންގެ "ގަރަހިތަ" ހަނދާން

މިމަހުގެ ފަސް ވަނަ ދުވަހެވެ. ހޫނު އަވިން ދުނިޔެ ދޮންކޮށްލުމަށް ފަހު އިރުގެ އުނދުން ނިއްވާލައިފި އެވެ. ގުދުރަތު މައި އަލި ގެއްލުމާއެކު އިންސާނުން އެބައިމީހުންގެ އަމިއްލަ ނިކަމެތި އާލާތްތަކުގެ ބޭނުން ހިފަން ފަށައިފި އެވެ. މަގުތަކުގެ ދެކޮޅުގައި ޖަހާފައިވާ ދިގު ހޮޅިތަކުގެ ބޮކިތައް ދިއްލާލައިފި އެވެ. އުޑުގައި ވާ ތަރިތަކާ އެއްވަރަށް އިމާރާތްތަކުގެ ފަންގިފިލާތަކުގައި ހަރުކޮށްފައި ހުރި ބޮކިތައް ބަބުޅަން މަސައްކަތްކުރާ ފަދަ އެވެ. މަގުތަކުގައި އަވަސް އަރައިގަނެގެން އުޅޭ ފަހަރަކު އުޅަނދެއްގެ އަލި މޫނަށް އެޅެމުން ދިޔައިރު އަޅުގަނޑު ހިނގަމުން ދިޔައީ އެކުވެރިން ކޮޅަކާ ބައްދަލުކޮށްލުމުގެ ނިޔަތުގަ އެވެ.
ވިއްސަކަށް މިނެޓްގެ ހިނގުމަކަށް ފަހު މަންޒިލަށް ފޯރައިފި އެވެ. އަޑު އަހަމުން ދިޔަ ލަވަ ހުއްޓުމަކަށް ގެނެސް ކަންފަތުން ހެޑްސެޓް ނައްޓާލިތަނާ އިވިގެން ދިޔަ އަޑަކީ "އެހެންނެއް ނުހެދޭނެ އެމީހުންނެއް ކަމަކު" މިއެވެ. އެއީ އަޅުގަނޑުގެ އެކުވެރިއެއްގެ އަޑެވެ. އަޑުގައި ހުރި ނުރުހުމާއި ރުޅިވެރިކަން ފާހަގަކުރެވުނެވެ. ލޯ މައްޗަށް އޭނާ ފާޅުވުމާ އެކު ވެގެން އުޅޭ ގޮތެއް އަހާލައިފީމެވެ. ޖަވާބަކީ މިއެވެ. "ފުލުހުން މީހެއްގެ ގައިގައި ހެސްކިޔާފަ ތަޅާލައިފި، ވީޑިއޯ އެބަ އުޅޭ ޓްވިޓާގައި".

މަތީގައި އެވަނީ މީގެ ދެހަފްތާ އެއްހާ ދުވަސް ކުރިން މުޅި ގައުމުގައި ގުގުމާލި ވާހަކަ އެއް އަޅުގަނޑާ ހިސާބަށް ފޯރިި ގޮތެެވެ. ފުލުހުން މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ، ރައްޔިތުންގެ ނުރުހުމުގެ ބަސްތައް ދިޔައީ ހަތަރު ފަރާތުން އޮހެމުންނެވެ. އެމީހުންނާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް އެއް ބަޔަކު ގޮވަމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ އަޅަންވީ ފިޔަވަޅުތައް ހާ އިން ޗަވިޔަންޏަށް ސަރުކާރަށް ކިޔާދެމުންނެވެ. ތަކުރާރު ކޮށްލާނަމެވެ. ދެ ހަފްތާ އެވެ. މިހާރު އެމައްސަލަ ކޮބައިތޯއެވެ؟ އަނިޔާކުރި ފުލުހުން ކޮބައިބާވައެވެ؟ އެވާހަކަ ދައްކާ މީހެއް ނެތެވެ. މައްސަލައަށް ވީނުވީ އެއް ބަލައިލާނެ މީހެއް ނެތި އަނިޔާކުރި ފުލުހުންނާމެދު ކަންތައް ކުރާނެ ގޮތުގެ ތަފްސީލެއް ނުލިބި މައްސަލަ އޮބުނީ ހެއްޔެވެ؟

ދިވެހިރާއްޖެ އަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ކުޑަ ގައުމަކަށް ވިޔަސް ރާއްޖޭގައި ހިތާމަވެރި ހާދިސާއެއް ނުހިނގާ ދުވަހެއް މަދެވެ. މުޖުތަމައުގައި ހިނގާ ނޭއްދާރު ހާދިސާތަކުގެ ވާހަކަތަކަކީ ކޮންމެ ދުވަހަކުވެސް ހޮޅު އަށި ތަކާއި ކޮފީ މޭޒުތަކުގެ އެންމެ ގާތް އެކުވެރިޔާ އެވެ. މީސް މީޑިއާތަކުގެ އަދާހަމަތަކެވެ. ނަމަވެސް ހިތާމައަކީ ރާއްޖެއަކީ މިފަދަ ކަންތައްތަކުގެ ސިލްސިލާ ޑްރާމާ އަކަށް ބަދަލުވުމެވެ. ކޮންމެ ދުވަހަކުވެސް އައު އެޕިސޯޑް އެއް ނުކުންނަން ފެށުމާއެކު، އިއްޔެގެ އެޕިސޯޑް މަތިން ހަނދާން ހުންނަނީ މަދު ބައެކެވެ. އެތައް ބައެއްގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެއް ހިނގިޔަސް، "ވީކަމެއް ވިއްޔޭ" ބުނެ ހަނދާން ނައްތާލާ ފަދަ އެވެ.

މިފަދައިން "އޮބުނު" ހުރިހާ މައްސަލައެއް އަޅުގަނޑުގެ މި ނިކަމެތި ސިނކުޑިއަށް ގެނެވޭ ވަރަށް ވުރެ މާ ގިނަ އެވެ. މަހަކު ހިނގަނީ ކިތައް ރޭޕް ކުރުމުގެ މައްސަލަ ހެއްޔެވެ؟ ކިތައް ވައްކަމުގެ މައްސަލަ ހެއްޔެވެ؟ މިފަދަ ހަބަރުތަކުގެ ފަލަ ސުރުހީތައް ލޯ މައްޗަށް ކިތައްމެ ގިނައަކުން ފެނުނެއް ކަމަކު، މިފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، ތަހުގީގިގު ކުރިޔަށްދާ ވާހަކަ ނުވަތަ ދައުވާ ކުރެވި ޝަރީއަތުގެ ވާހަކަ ކަންފަތާއި ހަމައަށް ފޯރަނީ މަދު ފަހަރަކު އެވެ. މިކަންކަން ބަލާ މުއައްސަސާތަކަށް މައުލޫމާތު ސާފުކޮށްލުމަށް ގުޅާލުމަށް ގިނަ ފަހަރު ލިބޭ ޖަވާބަކީ ތަހްގީގު ކުރިއަށް ދާތީ ނުވަތަ ކޮންމެވެސް އެހެން ސަބަބަކާއި ހުރެ މައްސަލައިގެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ވާހަކަ އެވެ.

މުޅި ގައުމުގެ ލޭ ކައްކުވާލި ހާދިސާއެއް ދެ ހަފްތާ ތެރޭގައި ހަނދާން ނެތެނީ ނަމަ، އެނޫން މައްސަލަތަކަށް ވަކި އޮތީ ކޮން އުންމީދެއްތޯ އެވެ؟ ޒަމާނުގެ އޮޑީގައި ކުޑަ ދަތުރެއް ކޮށްލަން ހިންގަވާށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާ އަކުން ޖެހި ކުޑަ ކުއްޖެއް މަރުވި އެވެ. އެހިސާބުން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ރޭކާލި އެވެ. ސަރުކާލުން ފިޔަވަޅުތަކެއް ވެސް އެޅި އެވެ. ނަމަވެސް ވަގުތުގެ އޮޔާ އެކީ އެކަމުގެ މުހިންމު ކަންވެސް އޮބާލީ އެވެ. މުހިންމުކަން އަނެއްކާވެސް އެނގުނީ ގެތަކުގެ ބައިތައް ބޮލަށް ވެއްޓެން ފެށުމުންނެވެ. ގެއްއެއްގެ ބެލްކަނި ވެއްޓި މީހުންތަކެއް ޒަހަމްވުމުންނެވެ. ޖަމްބޯ ސިމެންތި ގޯންޏެއް ވެއްޓި މީހަކު މަރުވުމުންނެވެ.

ހަނދާން ނެތުމަކީ އިންސާނީ ތަބީއަތުގައިވާ ސިފައެއްކަން އަޅުގަނޑަށް ފަހުމްވެއެވެ. އަޅުގަނޑަކީ ވަކި މާ ހަނދާން ގަދަ މީހެއް ނޫނެވެ. ނަމަވެސް އިއްޔެ 30 އަހަރު ދުވަހު ވެރިކަން ކުރި މީހާ ހާ ނުބައި މީހެއް ނެތިފައި، މިއަދު އެމީހާ "ބެސްޓީ" އަށް ވުމުން މަފްހޫމާ މެދު ސުވާލު އުފެދެ އެވެ. ބަދަލަކަށް ބޭނުންވެ ހުރިހާ ރައްޔިތުން އެކެއްޗަކަށް ބަދަލު ގެނެސް ތިން އަހަރު ފަހުން އަނެއްކާ ވެސް ބަދަލު ގެނައީ ހަމަ ރައްޔިތުން އެކެއްޗަކަށް ވެގެންނެވެ. 2013 ގައި ވެސް ކަން ހިނގާދިޔައީ ރައްޔިތުން އެކެއްޗަކަށް ވެގެންނެވެ. އަދި މިދިޔަ އަހަރު ހިނގާދިޔަ ކަމެއް ހިނގީ ހަމަ މި ބުނާ ރައްޔިތުން އެއް އަޑަކުން އެކައްޗެއް ކިޔައިގެންނެވެ. ހަނދާން ނެތެނީ އެވެ. ކަމެއް ބޭނުންވުމުން އެކަން ހާސިލްކުރަން މީހުން އެތަކެއް ވައުދާ ހުވާ ކުރާ ކަން ހަނދާން ނެތެނީ އެވެ. ދޮގު ހަދާ، މަކަރާއި ހީލަތްތެރި މީހުން އުޅޭކަން ހަދާން ނެތެނީ އެވެ.

ކޮންމެ އަކަސް މީހުންނަށް ފާޑުކިޔަން އަޅުގަނޑު މިއީ ފުރިހަމަ އިންސާނެއް ނޫނެވެ. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަ ގޮތެއް ދަންނަވާލާނަމެވެ. ދިރިއުޅުމުގެ އަމާޒެއް ކަމުގައި ވިސްނަންވާނީ މުސްތަގުބަލަށެވެ. މުސްތަގުބަލު މިއަދަށް ވުރެ ފަހިކުރުމަށް މަސައްކަތް ކުރަން ޖެހޭ ވަގުތަކީ މިއަދެވެ. މިއަދު އެ މަސައްކަތް އެންމެ ފުރިހަމައަށް ކުރެވޭނީ އިއްޔެ ލިބުނު ފިލާވަޅު ރަގަޅަށް ސިނކުޑީގައި ބައިންދައިގެންނެވެ. އެހެން ނޫން ނަމަ ކުށްތައް ދާނީ ތަކުރާރުވަމުންނެވެ. މައްސަލަތަކަށް ދުވަހެއްގެ ކޮޅުން ވެސް ހައްލެއް ނުހޯދޭނެ އެވެ. ވީކަމެއް ވީއެވެ. އެހެން ނަމަވެސް އެކަމުގައި ވެސް ކޮންމެ ވެސް ފިލާވަޅެއްވާނެކަން ކަށަވަރެވެ.
ހިޔާލު

ހިގާމީހެއް

ފުލުހަކައް އޭނަގެ ވަޒީފައި ގގެ ޒިންމާ އަދާކުރަމުން ދަނިކޮއް ގަސްދުގައި އިސްވެ އެއްވެސް ފަރާތަކުން ފުލުހަކައް ނޫނީ އެ ފުލުހުންގެ ބަޔަކައް އަނިޔާ ކުރުމުން އެވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތީ .. އަހަރެން ގަބޫލެއް ނުކުރަން އަނިޔާވެރިކަމެއް..ފުލުހުން އަނިޔާ ކުރާވާހަކ ދައްކާ އާއްމުން ކިތައްމީހުނައް ރޯމާ ދުވާލު ގގުރޫޕް ހަދައިގެން އަނިޔާ ކުރަނީ ...އެކަމަކު ފުލުހަކައް އަނިޔާވެ ރުޅި ކޮންޓްރޯލް ނުވެދާ ވަގުތެއް ގައި ޖަހއިފިއްޔާ އެއީ ވަރައް ބޮޑުކަމކައް ވެގެން ހުރިހާ އެންމެން އުޅެން.

ދީދި

ބަލަ، ތި ނޫހުން ޑީ.އީ.ޑީ މީހުންގެ ދިފާއުގައި ކަސައުޓީއަށްވުރެ މޮޅު ޑްރާމާއެއްގޮތަށް ޑީ.އީ.ޑީގެ މީހުންގެ ޢަމަލުތައް ދިފާއުކޮށް ރައްޔިތުންނަށް ދޮގު ވާހަކަ ކިޔައިދީފަ މިހާރު ކޮން ވާހަކައެއް ދައްކާކަށް؟ ފުރަތަމަ ތިމާމެން އަމިއްލައަށް ދެއިރު ދަޅާގައި ބަދަލުވާ މީހުންނަށްނުވެ އެތެރޭގެ ކަންކަން އިސްލާހުކުރޭ!

ބޭކާރު

ވަރަށް ބޮޑު ތެދެއް! ނޫސްވެރިންގެ ަަަަަަަަަަަަަަަަަ އިހުމާލުވެސް މީގަވޭ.

ބޭކާރު

ވަރަށް ބޮޑު ތެދެއް! ނޫސްވެރިންގެ ަަަަަަަަަަަަަަަަަ އިހުމާލުވެސް މީގަވޭ.