Mulhi Dhuniyein Taapsee Pannu ah enme kamudhaa manzilakah Dhivehi Raajje!
image
ތާޕްސީ ޕަންނޫ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

މުޅި ދުނިޔޭއިން ތާޕްސީ ޕަންނޫއަށް އެންމެ ކަމުދާ މަންޒިލަކަށް ދިވެހިރާއްޖެ!

ބޮލީވުޑުގައި އަރަމުން އަންނަ ބަތަލާ ތާޕްސީ ޕަންނޫ، މުޅި ދުނިޔެއިން ދަތުރުކުރަން އެންމެ ބޭނުންވާ މަންޒިލަކީ ދިވެހިރާއްޖެ ކަމަށް އޭނާ ބުނެފިއެވެ.
އުމުރުން 31 އަހަރުގެ ތާޕްސީ އެކަން ހާމަކޮށްފައި މިވަނީ "ކާލީ ޓޭލްސް" ނަމަކަށް ކިޔާ ޔޫޓިއުބް ޗެނަލަކަށް ދިން އިންޓަވިއުއްްގައެވެ. ކާލީ ޓޭލްސްއަކީ ކާއެއްޗެއްސާއި ދަތުރުފަތުރު ކުރުމާއި ގުޅޭ ތަފާތު މައުލޫމާތު ފޯރުކޮށްދެމުން އަންނަ ބައެކެވެ.

އިންޑިއާއިން އެންމެ ދާން ބޭނުންވަނީ ކޮން ތަނަކަށްތޯ ސުވާލުކުރުމުން އޭނާ ވަނީ، ކެރެލާ ވަރަށް ރީތި ކަމަށާއި އެހެންކަމުން އެތަނަށް ދާހިތްވާ ކަމަށް ބުނެފައެވެ. އަދި އެންމެ ދާން ބޭނުންވާ ބައިނަލްއަގްވާމީ މަންޒިލަކީ ކޮބާތޯ ބުނުމާއެކު "މޯލްޑިވްސް" ކަމަށް އޭނާ ބުންޏެވެ.

ރައްޓެހިންނާއެކު 2013 ވަނަ އަހަރު ތާޕްސީ ރާއްޖެ ޒިޔާރަތް ކުރިއެވެ. އެފަހަރުގެ ދަތުރަށް ފަހު ވެސް އޭނާ ވަނީ ރާއްޖޭގެ ގުދުރަތީ ރީތި ކަމަށް ވަރަށް ބޮޑަށް ހިތް ޖެހިފައިވާ ކަމަށް ބުނެފައެވެ. އަދި އެ ދަތުރަށް ފަހު އިންޑިއާގެ ނޫހަކަށް އޭނާ ވަނީ ރާއްޖެއިން އެންމެ ރީތި ރަށެއް ކަނޑައަޅާނަމަ ކަނޑައަޅާނީ އިރުފުށި ކަމަށް ވެސް ބުނެފައެވެ.

ބޮލީވުޑުގެ ތަރިންގެ މެދުގައި ރާއްޖެއަކީ ވަރަށް މަގްބޫލު މަންޒިލެކެވެ. ކުރިން ބޮލީވުޑުގެ ބަތަލާ ދީޕިކާ ޕަޑުކޯން ބޭރުގެ ނޫހަކަށް ވަނީ އޭނާ އެންމެ ދާން ބޭނުންވާ މަންޒިލަކީ ރާއްޖެ ކަމަށް ބުނެފައެވެ.

ދެހާސް ދިހަ ވަނަ އަހަރު ތެލޫގޫ ފިލްމަކުން ފިލްމީ ދާއިރާއަށް ތައާރަފުވި ތާޕްސީއަކީ ތަމަޅަ އަދި މަލަޔާލަމް ފިލްމުތަކުގައި ވެސް މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ. 2013 ވަނަ އަހަރު ބޮލީވުޑުގެ ފިލްމު، ޗަޝްމޭ ބައްދޫރުން ބޮލީވުޑަށް ތައާރަފުވި ތާޕްސީ ވަނީ "ޖުޅްވާ 2" އާއި "ޕިންކް" ގެ އިތުރުން "ބަދްލާ" ގައި ވެސް މަސައްކަތްކޮށްފައެވެ.
ހިޔާލު