PG Bishaam judiciary committee ah haazirukurun miadhu haveeru
image
ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް-- ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޕީޖީ ބިޝާމް ޖުޑީޝަރީ ކޮމިޓީ އަށް ހާޒިރުކުރަން ހަމަޖެހިފައިވަނީ މިއަދު ހަވީރު 04:00 ގައި

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ހަވީރު 04:00 ގައި ހާޒިރު ކުރަން ނިންމައިފި އެވެ.
އެ ކޮމެޓީގެ ނައިބު މުގައްރިރް އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ތައާރަފްވުމުގެ ބައްދަލުވުމަކާއެކު އެކި މައްސަލަތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް މި ހަފްތާގެ ހޯމަ ދުވަހު މަޖިލީހަށް ހާޒިރުވާން ބިޝާމަށް އަންގާފައިވާ ކަމަށެވެ.

މީގެ ކުރިން ބިޝާމް ހާޒިރުވާން އަންގާފައި އޮތީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. ނަމަވެސް މިދިޔަ ހަފްތާފައި ރަސްމީ ދަތުރެއްގައި ދުބާއީ އަށް ބިޝާމް ވަޑައިގަތުމުން މަޖިލީހަށް ހާޒިރުކުރުވުން ފަސްކުރީ އެވެ.

ޕީޖީ ބިޝާމް މިއަދު ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ގަދަކަމުން އެ އިދާރާ އިން ނެރެ ދައުވާ ކުރި މައްސަލައިގަ އެވެ.

އެ ދުވަހު އޭރު އޮތް ރައީސް ޔާމީންގެ ސަރުކާރުގެ އިދިކޮޅު މެމްބަރުން މަޖިލީހަށް ވަނުމަށް ސިފައިންނާއި ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ.

ސުޕްރީމް ކޯޓުން އޭރު ނިންމީ މެމްބަރުން އިންތިހާބުވި ޕާޓީން ވަކިވެ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

ނަމަވެސް އެގޮތަށް ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން ޕީޕީއެމްގެ 12 މެމްބަރަކު ވަނީ އެޕާޓީން ވަކިވެފަ އެވެ. އެކަން އެހެން އޮތްކަމުގައި ވީ ނަމަވެސް އިލެކްޝަންސް ކަމިޝަނުން އޭރު ކަނޑައެޅީ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށެވެ.

އެ 12 މެމްބަރުން ގަދަކަމުން މަޖިލީހަށް ވަތް ކަމަށް ބުނެ ޕީޖީން ވަނީ އެ މެމްބަރުންގެ މައްޗަށް ދައުވާ އުފުލާފަ އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އިންތިހާބުވެވަޑައިގެން ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ވަނަ ދުވަހު ޕީޖީން ވަނީ ދައުވާ އަނބުރާ ގެންފޮސްފަ އެވެ.

މީގެ އިތުރުން ބިޝާމް އާ ގުޅޭ ކަންބޮޑުވުންތަކަކާ އެކު އެ އޮފީހުގެ ފިރިހެން ވަކީލުންތަކެއް ވަނީ ޖުޑީޝަރީ ކޮމެޓީއަށް ސިޓީއެއް ފޮނުވައިފަ އެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ފޮނުވި ސިޓީގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލަކަށް ކުރިން ހުންނެވި އައިޝަތު ފަޒްނާ އަހުމަދުގެ ޖިންސީ ފުރައްސާރައިގެ މައްސަލަ އަށް ފިޔަވަޅެއް އަޅާފައިނުވުމުގެ ކަންބޮޑުވުންތަކެވެ.
ހިޔާލު