Raajje aai China ge gulhumakee ufedhuntheri gulhumehge misaalu: Minister Shahid
image
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
1 ކޮމެންޓް
 

"ރާއްޖެ-ޗައިނާ ގުޅުމަކީ އުފެއްދުންތެރި ގުޅުމެއްގެ މިސާލު: މިނިސްޓަރު ޝާހިދު

ރާއްޖެ އާއި ޗައިނާއާ ދެމެދުގައިވާ ގުޅުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި އެންމެ ކުޑަ އެއް ގައުމުން އެންމެ ބޮޑު އަދި އެންމެ ބާރުގަދަ އެއް ގައުމާއެކު ބިނާކުރަނިވި އުފެއްދުންތެރި ގުޅުމެއްގެ މިސާލު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ޝިންހުއާ ނިއުސް އޭޖެންސީ އަށް ދެއްވި އިންޓަވިއު އެއްގައި ޝާހިދު ވިދާޅުވީ ޗައިނާއާއެކު އޮތް ގުޅުން އިތުރު ހަރުފަތްތަކަށް ގެންދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުންވާ ކަމަށެވެ. ޝާހިދު ވިދާޅުވީ ޗައިނާއާއެކު އޮންނަނީ ޒަމާންވީ، ވަރުގަދަ ގުޅުމެއް ކަމަށެވެ.

"ޗައިނާ ދެމި އޮންނާނީ ރާއްޖެ އަށް މުހިއްމު އިގްތިސާދީ އަދި ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި،" ޝާހިދު ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑު އަމިއްލަ އަށް ވެސް މަސައްކަތް ކުރަމުން މި ދަނީ ދެގައުމުގެ ވަރުގަދަ ގުޅުން ބަދަހިކޮށް، އަންނަން އޮތް އަހަރުތަކަށް އެ ގުޅުން ހަރުދަނާ ކުރުމަށް،" ފޮރިން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ޗައިނާގެ ސަރަހައްދީ އިސްތިގްލާލަށް ރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށާއި، ޗައިނާގެ "ވަން ޗައިނާ ޕޮލިސީ" އަށް ރާއްޖޭން ތާއީދު ކުރުމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ޗައިނާ އިން ހިންގާ "ބެލްޓް އެންޑް ރޯޑް" މަޝްރޫއަށް ވެސް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޝާހިދުގެ ވާހަކައިގައި ވަނީ ޗައިނާ އިން ރާއްޖެ އަށް ކޮށްދެއްވާފައި ކަންކަމަށް ދިވެހިން ޝުކުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ރަންވޭ އާއި، ބައެއް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފާހަގަކުރެއްވި އެވެ.

ޗައިނާގެ އިންވެސްޓަރުން ރާއްޖެ އަށް ގެނައުމަށް ސަރުކާރުން ޗައިނާގެ ސަރުކާރާއެކު މަސައްކަތް ކުރަމުން ދާނެ ކަމަށާއި، ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަމާއި ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމުގައި ސަރުކާރުން ދެމި އޮންނާނެ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާލު

ސަކީނާގެ އަމާ

ދެފުއްކެހެރި...