Ministarah fenunu paaku kuraane jaaga aanmunnah nufenunee keehve?
image
ފުލުހުން އުޅަނދުތަކުގައި ސްޓިކާ ޖަހަނީ-- ފޮޓޯ: މިހާރު
މާއިދާ މުހައްމަދު ރަޝާދު
3 ކޮމެންޓް
 

މިނިސްޓަރަށް ފެނުނު ޕާކު ކުރާނެ ޖާގަ އާއްމުންނަށް ނުފެނުނީ ކީއްވެ؟

ސަރުކާރުން އަންގައިގެން މިއަހަރުގެ ކުރީކޮޅު ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ސައިކަލުތަކުގައި ސްޓިކާ ޖެހުން ފުލުހުން ހުއްޓާލި އެވެ. ޕާކުކުރާނެ ޖާގަ ނުދައްކާ އެގޮތަށް އުޅަނދު ފަހަރުގައި ސްޓިކާ ނުޖަހާނެ ކަމަށް ސަރުކާރުން އަންގާފައި ވާތީ އެ މަސައްކަތް ފުލުހުން މަޑު ޖައްސާލުމާއެކު ސަރުކާރަށް ތައުރީފު އޮހެން ފެށި އެވެ. އެކަމަކު ބައެއް ސަރަހައްދުތަކުގައި ހިތުހުރި ގޮތަކަށް ޕާކުކުރަން ފެށުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އަނެއްކާ ވެސް އެއްގަމު އުޅަނދުގައި ސްޓިކާ ޖަހަން ފެށުމެވެ.
ކުރިން ތައުރީފުގެ ބަސްތައް އޮއްސަމުން އައި ނަމަވެސް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ވެސް ފާޑުކިޔުންތައް ކުރިމަތިވީ އެހިސާބުންނެވެ. ދާދި ފަހުން ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވަނީ އަލުން ސްޓިކާ ޖަހަން ފެށީ ޕާކުކުރާނެ ޖާގަ ދެއްކުމަށް ފަހު ކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރުގެ އެ ވާހަކައާ ގުޅިގެން މިނިސްޓަރަށާއި ސަރުކާރަށް ފާޑުކިޔުން އިތުރުވި އެވެ.

"ސްޓިކާ ޖަހައިގެން މައްސަލައެއް އަޅުގަނޑުމެންނަކަށް ހުށަހެޅިފައެއް ނެތް. ސަބަބަކީ މިގޮތަށް ޕޮލިހުން ވަރަށް ރަނގަޅަށް ބައްލަވާފައި ސްޓިކާ ޖަހަން ޖެހޭ ވެހިކަލްތަކުގައި ސްޓިކާ ޖަހަމުން އެ ގެންދަނީ. އެކަމަށްޓަކައި އަޅުގަނޑު ޕޮލިހުންނަށް ޝުކުރު ދަންނަވަން،" ނަހުލާ މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވި އެވެ.

ސްޓިކާ ޖަހަނީ ޕާކު ކުރާނެ ޖާގަ ދިނުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް މިނިސްޓަރު އެ ވިދާޅުވާ ވަރަށް ޕާކް ކުރާނެ ސަރަހައްދުތައް އިތުރުކޮށްފައެއް ނުވެ އެވެ. އެންމެ ބޮޑު ޕާކިން ޒޯނެއް ހެދީ ކުރީގެ ހެލްތު މިނިސްޓްރީ ހުރި ބިމުގައެވެ. ދެން ފުރުގާން މިސްކިތް ކައިރީގަ އެވެ. މިގޮތަށް ދެތިން ތަނެއް ހެދި ނަމަވެސް މާލެ އަށް ބޭނުންވާ އަދަދަށް ޕާކް ކުރާނެ ޖާގަ އިތުރުކުރެވިފައެއް ނުވެ އެވެ. ހާއްސަކޮށް ސަރުކާރުގެ އިދާރީ މައި ބިލްޑިން ކަމަށްވާ ވެލާނާގެ ބިލްޑިން ސަރަހައްދުން އެކަށީގެންވާ ވަރަށް ޖާގަ އިތުރު ކުރެވުނުތޯ، މއީ ވެސް މިނިސްޓަރު އަމިއްލަފުޅަށް ވިސްނާލެއްވުން ރަނގަޅު ނުކުތާ އެކެވެ. މިނިސްޓަރު އެހެން ވިދާޅުވާ އިރު މިއީ މާލޭގެ ހާލަތެވެ.

މާލޭއަކީ އެއްގަމު އުޅަނދު ފަހަރުން ވެސް ތޮއްޖެހިފައިވާ ތަނެއްކަމީ އެންމެން ގަބޫލުކުރާނެ ހަގީގަތެކެވެ. އަވަހަށް ތަންތަނަށް ދިއުމަށް ސައިކަލެއްގައި ދިއުމަށް ވުރެ ހިނގާފައި ދިއުން ވެސް ރަނގަޅޭ މީހުން ބުނަނީ އެހެންވެ އެވެ. ކިތަންމެ އަވަހަށް އޮފީހަށް ދާން ނިކުތް ނަމަވެސް ގިނަ ފަހަރަށް ގަޑި ޖެހެނީ ޕާކުކުރާނެ ޖާގައެއް ނުލިބިގެންނޭ ވެސް ބުނަނީ ހަމަ އެހެންވެ އެވެ.

އެންމެ ބޮޑަށް މާލޭގައި ކާރޫބާރު ބޮޑު އެއް ސަރަހައްދަކަށް ވާނީ ވެލާނާގޭ ސަރަހައްދެވެ. އެއީ ސަރުކާރުގެ ގިނަ އޮފީސްތަކާއި އިދާރާތައް ވެސް ހުންނަ ސަރަހައްދެއް ކަމުން އެތައް ބަޔަކު ކޮންމެ ދުވަހަކު އެތަނުން ހިދުމަތް ހޯދުމަށް ދެއެވެ. އެތަނުގައި ޕާކިން މައްސަލައަށް ލުޔެއް ހޯދުމަށް ވެލާނާގެއާ އިންވެގެން އޮތް ކުޑަ ބިމެއްގައި ޕާކިން ޒޯނެއް ވެސް އޮވެ އެވެ. ނަމަވެސް އެއީ އެ ސަރަހައްދަށް އެކަށީގެންވާ ޖާގައެއް ހެއްޔެވެ؟

ކޮންމެއަކަސް މިނިސްޓަރުގެ ވާހަކައަށް ރައްދުދީ ވެލާނާގެއިން އާންމުކޮށް ހިދުމަތް ހޯދާ މީހުން ބުނަނީ، އެތަނުގައި ސްޓިކާ ޖަހަނީ ޕާކު ކުރާނެ ތަނެއް ނުދައްކާ ކަމަށެވެ. އެގޮތުން އެސަރަހައްދުން ޕާކުކުރާނެ ޖާގައެއް ހޯދުމަށް ތިން ހަތަރު ބުރު ކޮށިވަށާ ޖަހާއިރު ވެސް ތަންކޮޅެއް ނުފެންނަ ކަމަށް ބުނެ އެވެ. ވެލާނާގެއާ އެއް ފަދައިން އެތަނުގެ ކުރިމަތީ ހުރި، ހުރަވީ ބިލްޑިންނަކީ ވެސް ކޮންމެ ދުވަހަކުމެ އާންމު ހިދުމަތްތައް ހޯދުމަށް އެތައް ބަޔަކު ދާން ޖެހޭ ތަނެކެވެ. އެހެންކަމުން، އެ ސަރަހައްދުގައި އުޅަނދު ފަހަރުގައި ސްޓިކާ ޖަހަނީ ހަމަ އެކަށީގެންވާ ވަރު ބޮޑު ޕާކިން ޒޯނެއް ހަދާފައިތޯ އެމީހުން ސުވާލު އުފައްދަ އެވެ.

"ތިން ހަތަރު ބުރު ޖަހާއިރު ގިނަ ފަހަރު ޕާކުކުރާނެ ތަނެއް ނޯވެ، ދެން އަވަސްކުރަން މިޖެހެނީ މަގުގަ ކިރިޔާ ވެސް ތަންކޮޅެއް އިނިއްޔާ އެތަނަކަށް ޕާކަށް ޖަހަން، އެކަމަކު ކުޑަ ވަގުތުކޮޅަކަށް ގޮސްފަ އަންނައިރު ވެސް އެބަހުރޭ ސްޓިކާ ޖަހާފަ،" އާންމު މީހަކު ކަންބޮޑުވުން ހިއްސާ ކުރަމުން ބުންޏެވެ.

މާލޭގެ ޕާކިން މައްސަލައަށް މިހާތަނަށް އެއްވެސް ސަރުކާރަކުން ހައްލެއް ގެނެވިފައެއް ނުވެ އެވެ. ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއްކޮށް މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ވެސް މިދިޔަ ސަރުކާރުން ބެހެއްޓީ އެ މައްސަލަ ހައްލުކުރެވޭނެ ކަމަށް ބަލަ އެވެ. އެކަމަކު ސަރުކާރު ނިމުނު އިރު ވެސް އެތަކެތީގެ ބޭނުން ނުކުރެވުނެވެ. އެންމެ ފަހުން ދަބަރަށް ވެގެން އެތަކެތި މިހާރުގެ ސަރުކާރުން ދަނީ ނަގަމުންނެވެ.

ޕާކިން ޒޯނެއް ނެތުމަކީ ހިތުހުރި ގޮތަކަށް ޕާކުކުރަން ޖެހޭ ސަބަބެއް ވެސް ނޫނެވެ. އެކަމަކު މިނިސްޓަރު އެވިދާޅުވި ޕާކިން ޒޯނުތައް އާންމުންނަށް ނުފެންނާތީ އެ ސުވާލު ކުރިމަތިކުރަން މަޖުބޫރުވީ އެވެ. ހަމަ އެގޮތަށް، ސައިކަލުގައި ސްޓިކާ ޖެހުމުން ސްޓިކާ ޖެހި މީހާ ގޯސްކުރުމުގެ ބަދަލުގައި ގަވައިދާ ހިލާފަށް ޕާކުކުރުން ވެސް ހުއްޓަން ވެއްޖެ އެވެ. ވަރަށް ގިނަ ފަހަރަށް، އާންމުން މަގު ހުރަސްކުރުމަށް ކުރަހާފައި ހުންނަ ކަފިހި ހުރަސްތައް މަތީގައި ވެސް ޕާކުކުރެވިފައި ހުންނަ ތަން ފެނެ އެވެ. އަދި މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކަށް އިތުރަށް ބާރުބޮޑުވާނެ ފަދަ ގޮތަކަށް ވެސް އުޅަނދުތައް ޕާކުކޮށްފައި ހުންނަތަން ފެނެ އެވެ.

ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދު ފަހަރުގައި ސްޓިކާ ޖެހުމުގައި މައްސަލައެއް ނެތެވެ. މައްސަލައަކީ ޕާކުކުރާނެ ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކާ ނުޖަހާނެ ކަމަށް ބުނި ވާހަކައެކެވެ.

ޕާކިން މައްސަލައަށް މާލެއިން ހައްލެއް ލިބެން ނެތް!

ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތް ސީއެންއެމް އަށް ކިޔައިދެމުން ޑެޕިއުޓީ މޭޔަރު، ޝަމާއު ޝަރީފް ވަނީ، މާލޭގެ ޕާކިން މައްސަލަ ހައްލު ކުރާނެ ޖާގަ މާލޭގައި ނެތް ކަމަށް ވިދާޅުވެފަ އެވެ. ސަބަބަކީ މާލޭގެ 42 އިންސައްތައަކީ އުޅަނދު ފަހަރު ކަމަށްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގެ ޕާކިން މައްސަލަ ހައްލުކުރަން މާލެއަކު ޖާގައެއް ނެތް، މި މައްސަލައަށް ލުޔެއް ލިބޭނީ ވެހިކަލް އެތެރެ ކުރެވޭ ވަރު ކޮންޓްރޯލު ކުރެވިގެން، އަޅުގަނޑުމެން މިހާރު ވާނީ އެކަމާއި ގުޅިގެން ކެބިނެޓާ ވެސް މަޝަވަރާ ކުރެވިފަ،" އެކަމާއި މެދު އަދި ގޮތެއް ނިންމާފައި ނުވާކަން ފާހަގަކުރައްވާ ޝަމާއު ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުގެ ވިސްނުން ހުރީ، ވެހިކަލް ކޮންޓްރޯލު ކުރުމަށް ފަހު ޕަބްލިކް ޓްރާންސްޕޯޓް ތައާރަފު ކުރުމެވެ.

ޕާކިން މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން އަންނަނީ، މާލޭގައި ހުސް ޖާގައެއް އޮތް ނަމަ އެތަނެއް ޕާކިން ޒޯނަކަށް ބަދަލު ކުރަމުންނެވެ. އެގޮތުން މި ސަރުކާރު އައި ފަހުން މިހާތަނަށް، ފިނޭންސް މިނިސްޓްރީ އާއި މާފަންނު ސަހަރާ ކައިރި އަދި އެމްއެމްއޭ ކައިރީ ވެސް ޕާކިން ޒޯނެއް ތަރައްގީ ކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ.

"މިހާރު ތީމުގެ ކައިރި އާއި ހާބަރު ސަރަހައްދުގައި އަދި އައިޖީއެމްއެޗު ކަންމަތި ވެސް ޕާކިން ޒޯނަކަށް ހެދުމުގެ މަސައްކަތް ކުރެވެމުން އެބަދޭ، އަދި ހީނާމާގޭގަ ހުރި ޕާކިން ސިސްޓަމް ނެގުނީމަ އެތަން ވެސް ޕާކިން ޒޯނަކަށް ބަދަލުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ހިޔާލު

ލަދު

މެލޭޝިޔާގައި ކާރު ޕާކު ކުރަން ބޮޑެތި ބިލްޑިންގުގެ އެތަކެއް ފުލޯ ހަދާފަ ހުރޭ !

ބަހަބެ

އެނގިފައިވާ ގޮތުގައި ކާރުތައް ރަޖިސްޓްރީ ކުރެވެނީ ކޮންމެވެސް ގަރާޖެއްގަ. ކާރުތައް ރަޖިސްޓްރީ ކުރެވިފައިވާ ގަރާޖުތައް ނޫން ތަންތަނުގައި ޕާކުކޮއްފައިި ހުންނަތަން ފެނޭ. ޤާނޫނުތަކުގެ ދަށުން ހެދިފައި ހުންނަ ގަވާއިދުތަކަށް ފާޅުގައި ހިލާފުވާއިރު އަދަބު ނުދެވެނީ ކީއްވެބާ އޭ!!!

ކޮލެޖު ބޯއި

ޖާގައެއް ނެތް. އެކަމަކު އޭގެ މާނައަކީ ޖެހުނު ގޮތަކަށް ޖެހުނު ކޮންމެތަނަކު ޕާކުކުރަން ވީއެކޭ ނޫން. ވީމަ މިނޫން ގޮތެއް ދަސްވަންދެން ސްޓިކާ ވެސް ޖަހަންވީ