February 8 akaai gulhigen dhauvaa kuri 2 massalla eh Court in fonuvaalaifi
image
ފެބްރުއަރީ 8ގެ ހަމަނުޖެހުންތަކުގެ ތެރެއިން ---
0 ކޮމެންޓް
 

ފެބްރުއަރީ 8އާ ގުޅިގެން ދައުވާކުރި ދެ މައްސަލައެއް ކޯޓުން އަނބުރާ ފޮނުވާލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ ޖެހިގެން އައި ފެބްރުއަރީ އަށްވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖ)ގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއް ކޯޓުން އަނބުރާ ފޮނުވާލާފައިވާ ކަމަށް ޕީޖީ އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ބިޝާމް ވިދާޅުވީ ޕީޖީ އޮފީހުގައި 8 ފެބްރުއަރީ މައްސަލާގައި އެއްވެސް ފަރާތަކަށް ދައުވާ ކުރުމަށް މިހާރު ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދަށް އައިފަހުން ދައުވާ ކުރުމުގެ މުއްދަތުތައްވެސް މިހާރު ގޮސްފައިވާ ކަމަށް ބިޝާމް ވިދާޅުވިއެވެ.

ނަމަވެސް ވިދާޅުވީ މިހާރުވެސް ކޯޓުގައި 8 ފެބްރުއަރީގެ މައްސަލާގައި ދައުވާ ކުރުމަށް ބައެއް މައްސަލަތައް ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ އޭގެތެރެއިން ދެ މައްސަލައެއް ކޯޓުން އަނބުރާ ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. ބިޝާމް ވިދާޅުވީ އެ މައްސަލަތައް ކޯޓުން އަނބުރާ ފޮނުވާލީ ހެކި ނެތުމުން ކަމަށާއި އެކަމުގައި ފުލުހުންނާއި ގުޅިގެން ޕީޖީން މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

"ދެ މައްސަލަ ކޯޓުން މިވަނީ ފޮނުވާލާފައި. ދެން މި މައްސަލަތަކުގައި ޕީޖީއަށް ހުރި ދައްޗަކީ ހެކިން ހުށަހެޅުމަށް ހުރި ދަތިތައް. ކޯޓުން ބުނެފައިވަނީ ހެކިން ހާޒިރުވުމުން އަލުން އެ މައްސަލަތައް ހުށަހެޅުމަށް. ދެން އަޅުގަނޑުމެން މިހާރުވެސް މިދަނީ ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުން. ބާކީ އޮތް ހަމައެކަނި މައްސަލަ މި ތިން މައްސަލައިގެ ތެރެއިން، އެ މައްސަލަވެސް މިއަދު ފޮނުވާނެ ކަމަށް ކޯޓުން ވަނީ ބުނެފައި،" ޕީޖީ ބިޝާމް ވިދާޅުވިއެވެ.

ބިޝާމް މިފަދައިން ވިދާޅުވެފައިވާއިރު ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8ވަނަ ދުވަހު ހިނގި މި ހަމަނުޖެހުންތަކާއި ގުޅިގެން ދައުވާކުރި 70 މީހެއްގެ މައްސަލަ ރިވިއުކުރަން ޕީޖީއަށް އެމްޑީޕީގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.

ވެރިކަން ބަދަލުވުމަށްފަހު ހިނގި ހަމަނުޖެހުންތަކުގައި އައްޑޫގެ އިތުރުން ގދ. ތިނަދޫން 94 މީހެއް، ލ. އިސްދޫން ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވެ އެވެ. ހއ. އިހަވަންދޫގެ 22 މީހަކާއި، އެ އަތޮޅު ދިއްދޫޫން އަށް މީހަކާއި ރ. އަލިފުށިން އަދި ބ. ތުޅާދޫން ހަތަރު މީހަކަށް އަދި އެތައް ބަޔަކަށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ ކޮށްފައި ވެ އެވެ.

އޭގެ ތެރެއިން ގިނަ ދައުވާތައް އަނބުރާ ގެންގޮސްފައިވާ ބައެއް މައްސަލަތަކުގައި ޖޫރިމަނާކޮށް މައްސަލަ ނިންމާފައިވެ އެވެ.

ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތުތަކަށް 10 އަހަރު ފަހުން، ބޮޑެތި ބަދަލުތަކެއް ގެނެސް، އެ ސިޔާސަތުތައް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ މިދިޔަ ޑިސެމްބަރު މަހު އަލުން ކަނޑައަޅުއްވައިފި އެވެ.
ހިޔާލު