ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާ ގޮތަށް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރީ އެދައުވާ ކުރަން، އެކަމަނާއަށް ފެނިވަޑައިގަންނަވައިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމަށް ޕީޖީ ބިޝާމު ހާޒިރު ކުރެއްވުމުން މެމްބަރުންގެ ސުވާލުތަކާއި ގުޅިގެން ބިޝާމް ވިދާޅުވީ ދައުވާ ކުރުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް އެކަމަނާއަށް ފޯރުވާފައި ނުވާ ކަމަށާއި އަދި ދައުވާތައް ކޮށްފައިވާނީ ވެސް ތަހުގީގު އިދާރާތަކުން ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން، ދައުވާ ކުރަންޖެހޭތޯ ނުވަތަ ނޫންތޯ ބަލަންޖެހޭ ބެލުންތަށް ބެލުމަށް ފަހުގައި ކަމަށެވެ.
ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު މަޖިލީހަށް ވަތް ކަމަށް ބުނާ މައްސަލާގައި ކްރިމިނަލް ކޯޓަށް ދައުވާ ކުރަން ފޮނުވި މައްސަލާގައި ބިޝާމު ވިދާޅުވީ ޕީޖީގެ މަގާމަށް އޭނާ އައްޔަން ކުރެއްވި ހިސާބުން އޭނާ އަމަލު ކޮށްފައިވާނީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި އަދި ޕީޖީގެ ގާނޫނުން އޭނާއަށް ލިބިދޭ ބާރާއި އިހުތިޔާރުގެ ދަށުން ކަމެވެ. އަދި ދައުވާ ކުރުމާއި ނުކުރުން، ބައެއް ދައުވާތައް އަނބުރާ ނެންގެވުމާއި އަދި ބައެއް މައްސަލަތަކުގައި ކުރިން ދައުލަތުން ގެންގުޅުނު ސްޓޭންޑް ފަހުން ބަދަލު ކުރެއްވުން ފަދަ ކަންކަމަކީ ޕީޖީގެ ގާނޫނުން އޭނާއަށް ލިބިދޭ ބާރާއި އިހުތިޔާރުގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށާއި އެކަމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް އަދި އެއްވެސް "ޑީލެއް" ނޯންނާނެ ކަމަށެވެ.
ދައުލަތުގެ އެއްބާރުގެ ތެރެއަށް ސިފައިންނާއި ފުލުހުން އަރައިގަނެ، މަޖިލީހުގެ ތެރޭގައި މެމްބަރުން ތިއްބާ އަނިޔާކޮށް، ޕެޕަސްރޭ ޖަހައި، ގަދަކަމުން ދަމާކޫއްތާ މަޖިލީހުން ނެރެ، އަދި ނުވިތާކަށް އޭގެ ތެރެއިން މަޖިލީހުގެ 12 މެމްބަރުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ހަމަ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުތި، ހަމަ ޕްރޮސެކިއުޓް ގައިޑްލައިންގެ ތެރެއިން ތޯ ތަކުރާރުކޮށް، އެ 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ސުވާލު ކުރެއްވުމުން ބިޝާމު ވިދާޅުވެފައިވަނީ ހަމަ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އޭނާއަށް ގާނޫނުން ލިބިދޭ ބާރާއި އިހުތިޔާރުގެ ދަށުން ކުރެއްވި ދައުވާ ތަކެއް ކަމަށެވެ.
"އޭރުގަ އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިން އޮތް ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރުންނަކީ މެމްބަރުން ނޫން ކަމުގައި ކަނޑައަޅުއްވާފަ، އެސިޓީގެ މައްޗަށް ބިނާކޮށް، އެސީޓީގައި ދެއްވާފައިވާ މައުލޫމާތުތަކަކީ އަސާސް ކަމަށް ބަލައިގެން އަޅުގަނޑުމެން ދައުވާ ކޮށްފައި އޮންނާނީ. އެހެން ނަމަވެސް މައްސަލަ ސުޕްރީމް ކޯޓަށް މެމްބަޝިޕާ ގުޅުން ހުރި މައްސަލަ ގޮސް، އެކި ފަހަރު މަތިން އެކި މައްސަލަ ނިމެމުން ގޮސް އެންމެ ފަހުން 08 އޮކްޓޯބަރު 2018 ގައި ސުޕްރީމް ކޯޓުން ނިންމެވި ނިންމުމާއި ގުޅިގެން އަޅުގަނޑުމެން އެ 12 މެމްބަރުންގެ މައްސަލަ އަނބުރާ ގެންނަން ނިންމީ. އެ ނިންމުން ނިންމާފަ އެއޮތީ އެ ހާދިސާ ހިނގި ދުވަހު ފުލުހުން މަގު ބަންދު ކުރީމަ. މެމްބަރުން ނޫން ބަޔަކު މަޖިލީހަށް ވަންނަން އުޅުމުން އެކަން ހުއްޓުވުމަށް ކަމަށްވާއިރުގަ. އެ ދައުވާ ކުރި އަސާސް ނެތި ގޮސްފައި ވާތީ ކަމަށް ރިޔާއަޔަތް ކޮށް. އެއްވެސް ފަރާތަކުން އަޅުގަނޑު ކައިރީގައި ގުޅާފަ މިމައްސަލަ މިހާރުދެން ރިވިއު ކުރަން ވެއްޖެ ނޫން ހެއްޔޭ ވެސް އެއްވެސް ބޭފުޅަކު ވިދާޅެއް ނުވޭ، އަޅުގަނޑަށް ހަމަ 08 އޮކްޓޯބަރު 2018 ގައި ސުޕްރީމް ކޯޓުން އެޑީސިޝަން ނެންގެވުމާއެއެކުގާ އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރެވިގެން 11 އޮކްޓޯބަރު 2018 ގައި އެނިންމުން ނިންމާފައި އޮންނާނީ،" ޕީޖީ ބިޝާމް ވިދާޅުވި އެވެ.
ޕީޖީ ބިޝާމުގެ ވާހަކަތަކުން އެނގުނީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ދައުވާ ކުރެއްވީ، ނިމިދިޔަ 18 ވަނަ މަޖިލީހުގެ ތިން މެމްބަރެއް ކަމަށްވާ، ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި، މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު އަދި މިހާރުގެ ވިލިނގިލި ދާއިރާގެ މެމްބަރުކަން ކުރައްވާ ސައުދު ހުސައިންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމާ ގުޅިގެން، އެމެމްބަރުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީގެ މައި ހަރުގެ މ. ކުނޫޒުން ނިކުމެގެން މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވި މަގުމަތިން ފުލުހުން މަގު ބަންދުކޮށްފައި ވަނިކޮށް، ފުލުހުންނަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށެވެ.
ޕީޖީ ބިޝާމުގެ ވާހަކަތަކުން އެނގުނީ އޭނާ ވެސް އޭރު ގަބޫލު ކުރައްވާފައި ވަނީ، އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން ވިދާޅުވަމުންދިޔަ ގޮތަށް، އެ ތިން މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
ނަމަވެސް ޕީޖީ ބިޝާމަށް ގާނޫނުއަސާސީގެ 74 ވަނަ މާއްދާ އޭރު ނުފެނުނީ ކަމަށް ވެދާނެ އެވެ. އެ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ މެމްބަރަކު މަގާމުން ވަކިކުރާންހިއްޖެތޯ ބެލުމުގައި ނުވަތަ މެމްބަރު ކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާ މެދު ހިލާފެއް އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ގާނޫނުއަސާސީގައި ވަރަށް ސާފު ބަހުން އެގޮތަށް ބަޔާންކޮށްފައި ވަނިކޮށް، ރައީސް ޔާމީންގެ "ޕަޕެޓުން" ތަކެއް ގޮތަށް ހަރަކާތްތެރިވި އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކަށް ރިޔާއަތްކޮށް، ޕީޖީ ބިޝާމް ވެސް އެ ވަނީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ އިދިކޮޅު މެމްބަރުންގެ ހައްގުތަކަށް އަރައިގަނެފަ އެވެ.
ނިމިދިޔަ 18 ވަނަ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އޭރު ބުނަމުން ދިޔައިރު، އިތުރު 12 ޖިނާއި ދައުވާކޮށްފައި ވެއެވެ. އެ 12 މެމްބަރުންގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައި ވަނީ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
އެ 12 މެމްބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި 20-25 އަހަރާމެދުގެ ހިދުމަތް ކުރެއްވި މެމްބަރުންނާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ހިމެނެ އެވެ.
ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމުގެ ތުހުމަތުގައި ޕީޖީ ބިޝާމް ދައުވާކޮށްފައިވާ، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަކީ:
1. ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (މިހާރުގެ ރައީސުލްޖުމްހޫރިއްޔާ)
2. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު (މިހާރު ސަރުކާރުގެ ފޮރިން މިނިސްޓަރު)
3. ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް (މިހާރުވެސް މަޖިލިސް މެމްބަރެއް)
4. ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް (މިހާރުވެސް މަޖިލިސް މެމްބަރެއް)
5. ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) (ކުރީގެ މެމްބަރު)
6. ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ (ކުރީގެ މެމްބަރު)
7. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން (މިހާރުވެސް މަޖިލިސް މެމްބަރެއް)
8. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) (ކުރީގެ މެމްބަރު)
9. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު (މިހާރުވެސް މަޖިލިސް މެމްބަރެއް)
10. ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް (ކުރީގެ މެމްބަރު)
11. މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު (ކުރީގެ މެމްބަރު)
12. ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން (މިހާރުވެސް މަޖިލިސް މެމްބަރެއް)
އެ ދައުވާތައް މިހާރު ޕީޖީން ވަނީ އަނބުރާ ގެންގޮސްފަ އެވެ.