Police memorial day faahaga kohffi
image
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޕޮލިސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޕޮލިސް މެމޯރިޔަލް ޑޭ ފާހަގަކޮށްފި

ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ދުނިޔެއާ ވަކިވެ ގޮސްފައިވާ ފުލުހުންގެ ހަނދާނުގައި މިއަހަރުގެ ޕޮލިސް މެމޯރިއަލް ޑޭ މިއަދު ފާހަގަކޮށްފި އެވެ.
އެ ދުވަސް ފާހަގަކުރުމަށް ދިދަ ނެގުން އޮތް އިރު، މިއަދު މާލޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އެ ރަސްމިއްޔާތުގައި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި ފުލުހުންގެ ހިދުމަތުގައި އުޅެނިކޮށް ޝަހީދުވި ފުލުހުންގެ އާއިލާތައް ބައިވެރިވެފައި ވެއެވެ.

ރަސްމިއްޔާތު ނިންމާލެއްވުމަށް ފަހު، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވަނީ، ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވި އެކިއެކި ހާދިސާތަކުގައި މިދުނިޔެއާ ވަކިވެގޮސްފައިވާ ފުލުހުންގެ އާއިލާތަކާއި ބައްދަލުކުރައްވާފަ އެވެ.

އެގޮތުން ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވި އެކިއެކި ހާދިސާތަކުގައި މިދުނިޔެއާ ވަކިވެގޮސްފައިވާ ފުލުހުންގެ ހަނދާން އާކުރުމަށް ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފައި ވެއެވެ. އަދި ފުލުހުންގެ މަރުކަޒުތަކުގައި ނަގާފައިވާ ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށް ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކޮށްފައިވެއެވެ.

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ނޮދަން އޮޕަރޭޝަންސް ކޮމާންޑާއި ސަދަން އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ ހުރިހާ އަތޮޅެއްގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ވެސް ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ޕޮލިސް މެމޯރިއަލް ޑޭއާ ގުޅިގެން ފުލުހުން ވަނީ "މޯލްޑިވްސް ޕޮލިސް ސާވިސް ޑިޖިޓަލް މެމޯރިއަލް" ގެ ނަމުގައި ސައިޓެއް ވެސް ހުޅުވާފަ އެވެ. އެގޮތުން އެސައިޓުގައި މިދުނިޔެއާ ވަކިވެގޮސްފައިވާ ފުލުހުންގެ ހަނދާން އާކޮށް އެފަރާތްތަކުގެ ވާހަދަތައް ގެނެސްދީފައި ވެއެވެ.

ޖުލައި މަހުގެ 23 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ޕޮލިސް މެމޯރިއަލް ޑޭ އަކީ، ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވި އެކިއެކި ހާދިސާތަކުގައި މިދުނިޔެއާ ވަކިވެގޮސްފައިވާ ފުލުހުންގެ ހަނދާން އައުކޮށް އެފުލުހުން ޤައުމަށްޓަކައި ވެފައިވާ ޤުރުބާނީ އާއި ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
ހިޔާލު