BML ge Shareef vanee Majleehah olhuvaalavvaafa, thahuqeeq kuraanan: Nasheed
image
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް--
0 ކޮމެންޓް
 

ބީއެމްއެލް ޝަރީފް ވަނީ މަޖިލީހަށް އޮޅުވާ ލައްވާފައި، ތަހުގީގު ކުރާނަން: ނަޝީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހަށް އޮލުވާލައްވާފައި ކަމަށް ނިންމައި، ފުލުހުންނަށް ހުށަހަޅާފައިވާ އޭނާގެ މައްސަލަ އަނބުރާ ނުނެގުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ތެދު ހާމަކޮށް ދެއްވާނެ ކަމަށް ބީއެމްއެލްގެ ޝަރީފްގެ ވިދާޅުވެފައި ވާތީ، އިތުރު ވިސްނުމަކަށް ދާންޖެހިދާނެ ކަމަށް އިއްޔެ ޖަލްސާގައި ވިދާޅުވި ނަމަވެސް، މާލިއްޔަތުގެ ކޮމެޓީގެ ޔައުމިއްޔާ ބެލި ބެލުމުން، ޝަރީފް މަޖިލީހުގެ އެކޮމެޓީގައި ކަނޑައެޅިގެން އޮޅުވާލައްވާފައިވާކަން ހާމަވާ ކަމަށެވެ.

އެހެންކަމުން، މަޖިލީހުން މިހާރު ނިންމާފައި ވަނީ މަޖިލީހަށް އޮޅުވާލާފައި ވާތީ އޭނާގެ މައްސަލަ ބަލާ ތަހުގީގު ކުރުމަށް ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މާލިއްޔަތު ކޮމެޓީން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް، ބީއެމްއެލްގެ އިސްވެރިން ހާޒިރުކޮށް، ބޭއްވި ބައްދަލުވުމުގައި ބީއެމްއެލްގެ ޝަރީފް ދޮގު މައުލޫމާތު ދީފައިވާ ކަމަށް އެކޮމެޓީގެ މެމްބަރުން ވިދާޅުވެފައިވާ ކަމަށާއި އަދި އެކޮމެޓީގެ ޔައުމިއްޔާ ބެލުމުން ވެސް އެކަން އެނގޭ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވާ އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާވާން ޖެހޭ "ނޮޓް ނެގޯޝިއަބަލް" ޗެކުތަކެއް އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި، އެހެންކަމުން ކޮމެޓީގައި ޝަރީފް ވަނީ ދޮގު މައުލޫމާތު ދެއްވާފައި ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް މިހާރު ފެންނަ ފެނުމުގައި ބޭންކް އޮފް މޯލްޑިވްސްގެ އޮފިޝަލް އެވަނީ މި މަޖިލީހަށް އޮޅުވާ ލައްވާފަ. އެހެންވީމާ އަޅުގަނޑު އިއްޔެ ދެންނެވިން، އެކަން އަޅުގަނޑުމެން ބަލާފަ، އިތުރު ވިސްނުމަކަށް ދާންޖެހިދާނެ ކަމަށް. އަޅުގަނޑުމެން މިހާރު ދާން ހަގީގަތުގައި އޮތް ވިސްނުމަކީ އެބޭފުޅާގެ މައްސަލަ ބަލާ ތަހުގީގު ކުރުން،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށް ފަހު، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ދޮގު މައުލޫމާތު ދިން ކަމަށް ބެލެވޭތީ، ޝަރީފްގެ މައްޗަށް ތަހުގީގެއް ހިންގުމަށް ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ކަމަށް އާދިއްތަ ދުވަހު މަޖިލީހުގެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވެފައި ވަނިކޮށް، ޝަރީފްގެ ފަރާތުން މަޖިލީހަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ.

އެ ސީޓީގައި ޝަރީފް ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހިމެނޭ ކަމަށް ބެލޭ ފައިސާގެ ޗެކްތަކެއް އުސޫލާ ހިލާފަށް ބީއެމްއެލުން އަމަލުކޮށްފައި ނުވާނެ ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އޭރު މައުލޫމާތު ދެއްވީ އޭރު ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް ކަމަށެވެ.

ނަމަވެސް މާލިއްޔަތު ކޮމެޓީގެ އެބައްދަލުވުމަށްފަހު، ސޯޝަލް މީޑިއާގައި އެފަދަ ބައެއް ޗެކްތަކުގެ މުއާމަލާތް ބީއެމްއެލްއިން ހިންގާފައިވާ ކަމަށް ދައުރުވާން ފެށުމުން ބީއެމްއެލުން އެކަން ބަލާފައިވާ ކަމަށެވެ. އަދި މާލިއްޔަތު ކޮމެޓީއަށް ތެދު މައުލޫމާތު ހާމަކޮށްދިނުމަށް ބޭނުންވާ ކަމަށާއި އެ ފުރުސަތު ދެއްވުމަށް އެދިފައިވާ ކަމަށް ޝަރީފްގެ ސިޓީގައި ބަޔާން ކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، ބޭނުންވަނީ ކޮންމެހެން މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، އަދަބެއް ދިނުން ނޫން ކަމަށާއި، މަޖިލީހުގައި ވާހަކަ ދައްކާއިރު ތެދު ހާމަ ކުރުމަށް ބާރުއެޅުމަށް ކަމަށެވެ. އެހެންކަމުން ތެދު މައުލޫމާތު ހާމަކޮށްދެއްވާނެ ކަމަށް ޝަރީފް ވިދާޅުވެފައި ވާތީ، ފުލުސް އޮފީހަށް ތަހުގީގު ކުރަން ހުށަހަޅާފައިވާ މައްސަލަ ނެގުމާއި މެދު ވިސްނަވާ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ބީއެމްއެލްގެ އިސްވެރިން، މިދިޔަ އަންގާރަ ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ކުރި ސުވާލުތަކާއި ގުޅިގެން ޝަރީފް ވަނީ މަޖިލީހަށް ދޮގު މައުލޫމާތު ދީފައި ކަމަށް ބައެއް މެމްބަރުން ތުހުމަތު ކުރައްވަ އެވެ. "ނޮޓް ނެގޯޝިއަބަލް" ޗެކްތަކެއް ބީއެމްއެލުން އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި ނުވާނެ ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްގެ ބައިވެރިވުން އޮތް ކަމަށް މަޖިލީހުގެ ގިނަ މެމްބަރުންނާއި މާލިއްޔަތު ކޮމެޓީގެ ގިނަ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ހިޔާލު