Male city council ge corruption massala ACC inn balan fashaifi
image
ސިޓީ ކައުންސިލް-- ފޮޓޯ: މިނިވަން ނިއުސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މާލޭ ސިޓީ ކައުންސިލުގެ ކޮރަޕްޝަން މައްސަލަ އޭސީސީން ބަލަން ފަށައިފި

ނައިޓު މާކެޓު ބާއްވަން ހުއްދަ ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުގެ މެމްބަރަކު އެ ކައުންސިލާ ދެކޮޅަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލައިގެ ތަހުގީގު ފަށައިފި އެވެ.
އެ މައްސަލަ އޭސީސީ އަށް ވެއްދީ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީނެވެ. އޭނާ މައްސަލަ ހުށަހެޅީ އެ ކައުންސިލުގައި ގިނަ ކޮރަޕްޝަނުގެ މައްސަލަތަކެއް އުޅޭ ކަމަށް ތުހުމަތު ކުރައްވަމުންނެވެ.

އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު ވަނީ އެ މައްސަލަ ބަލަމުންދާކަން ސީއެންއެމް އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އެކަމަކު ތަހުގީގު ކުރިއަށް ދާތީ އިތުރު އެއްޗެއް ވިދާޅެއް ނުވެ އެވެ.

ފަޒީން ވެސް ވިދާޅުވީ އެ މައްސަލަ ބަލަން ފެށިކަން އޭސީސީން އޭނާ އަށް އަންގާފައިވާ ކަމަށެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި ނައިޓު މާކެޓުތަކަށް ހުއްދަ ދޫކުރީ ކައުންސިލަރުންގެ އަގުލަބިއްޔަތުން ނިންމާފައިވާ ނިންމުންތަކާ ހިލާފަށެވެ.

"ސިޓީ ކައުންސިލް ހިންގަން ޖެހޭ ވަކި އުސޫލުތަކަކާއި ގަވާއިދުތަކެއް އެބަ ހުރޭ. އެ އުސޫލުތަކާއި ގަވާއިދުތައް އޮތް ގޮތަށް ބާއްވާފައި މޭޔަރު ބޭނުން ގޮތަކަށް ކަންކަން ނިންމުމަކީ އޮންނަން ޖެހޭ ގޮތެއް ނޫން. ބައިވަރު މައްސަލަ އެބަހުރި، އަޅުގަނޑު ވާނީ މިހާރު އެއް މައްސަލަ އޭސީސީ އަށް ހުށަހަޅާފައި،" ފަޒީން ކުރިން ސީއެންއެމް އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭސީސީ އަށް ހުށަހަޅާފައި ވަނީ ސިޓީ ކައުންސިލުން މާލޭ ސަރަހައްދުގައި ނައިޓް މާކެޓް، ފެއާ އަދި މަގުމަތީ ބާޒާރުތައް ބޭއްވުމަށް ދުވަސްތައް ކަނޑައެޅުމާއި އެފަދަ ހަރަކާތްތައް ބޭއްވުމަށް ހުއްދަ ދިނުމުގައި ކައުންސިލްގެ ގަވާއިދާއި އުސޫލުތަކަށް ތަބާވަމުން ނުދާ މައްސަލައެއް ކަމަށެވެ.

ނައިޓު މާކެޓާ ގުޅޭ ގޮތުން ނެރުނު އިއުލާން

ޖޫން މަހުގެ 19 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވާ، ނައިޓް މާކެޓް ބޭއްވުމަށް މުނާސަބަތު ދުވަސްތައް ކަނޑައެޅީ މޭޔަރު ޝިފާ މުހައްމަދު ކަމަށާއި އެކަން ނިންމުމުގައި ކައުންސިލުގެ އެހެން މެމްބަރުންގެ ބައިވެރިވުމެއް ނެތް ކަމަށް ފަޒީނު ތުހުމަތު ކުރެއްވި އެވެ.

އެކަމަކު އެއީ ސިޓީ ކައުންސިލުގެ ނިންމުމެއްގެ ގޮތުގައި އިއުލާންކޮށްފައި ވާތީ ފަޒީން ވަނީ އެކަން ކުށްވެރި ކުރައްވާފަ އެވެ. އޭގެ އިތުރުން އެ އިއުލާން ގެޒެޓްގައި ޝާއިއު ކޮށްފައި ވަނީ ކައުންސިލް ހިންގާ ގަވާއިދާއި މާލީ ގަވާއިދާއި ޚިލާފަށް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެކަން ކުރެވިފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ޝިފާ އެއްބަސްވެ ވަޑައިގެންނެވި ކަމަށާއި އެހެންވެ އެ އިއުލާން ބާތިލު ކުރެއްވި ކަމަށް ވެއެވެ. އެކަމަކު އިއުލާނު ބާތިލް ކުރުމަށް ފަހު ވެސް ގެޒެޓުން ނަގާފައެއް ނުވެ އެވެ. އެކަމަކު ސަރުކާރުގެ ގެޒެޓުގައިވާ ގޮތުން މިހާރު ވަނީ އެ އިއުލާން ބާތިލް ކުރުމަށް ފަހު އާ އިއުލާނެއް ނެރިފަ އެވެ.

19 ޖޫންގައި ކުރި އިއުލާންގައިވާ ގޮތުން އަހަރަކު 12 ފަހަރު ނައިޓް މާކެޓު ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި އަޟްހާ އީދު ދުވަސް، ފިތުރު ޢީދު ދުވަސް، ރާއްޖެ އިސްލާމްވީ ދުވަސް، ކީރިތި ރަސޫލާގެ ޢީދު މީލާދު ދުވަސް، މިނިވަން ދުވަސް، ޤައުމީ ދުވަސް، ޖުމްހޫރީ ދުވަސް، މީލާދީ އާއަހަރު ފެށޭ ދުވަސް، ހިޖްރީ އާއަހަރު ފެށޭ ދުވަސް އަދި މަސައްކަތްތެރިންގެ ދުވަހުގެ އިތުރުން ނަސްރުގެ ދުވަހާއި ޝަޢުބާން މަސް ހިމެނެ އެވެ.

ނަމަވެސް ޖޫން 25 ވަނަ ދުވަހު ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ޖޫން 19 ގެ އިއުލާން ބާތިލްކޮށް އަހަރަކު ދެ ފަހަރު ނައިޓް މާކެޓް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ނައިޓު މާކެޓުގެ ކޮރަޕްޝަން ތުހުމަތު

ފަޒީން ވިދާޅުވީ ނައިޓް މާކެޓް ބޭއްވުމަށް އެކި ފަރާތްތަކަށް ހުއްދަ ދިނުމުގައި ވެސް އަމަލު ކުރަމުން ދަނީ ކައުންސިލްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެއް ނޫނެވެ. އެގޮތުން ޖުލައި 26 ގެ މުނާސަބަތު ގައި މާލޭގެ ރަސްފަންނުގައި ނައިޓް މާކެޓެއް ބޭވުމަށް ބަޔަކަށް ހުއްދަ ދީފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ ކައުންސިލް މެމްބަރުން ނިންމާފައިވާ ގޮތާ ހިލާފަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނައިޓް މާކެޓް ބާއްވަން ހުއްދައަށް އެދި ހުށަހެޅޭނީ ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނިކޮށް، ކުރިން ދޫކޮށްފައިވާ ހުއްދައެއް އެކެއް ޖޫން ގައި ކައުންސިލުން ބާތިލްކޮށް، 19 ޖޫންގައި އެހެން ބަޔަކަށް ވަނީ ހުއްދަ ދީފަ އެވެ.

ފަޒީން ވިދާޅުވީ އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލާގައި ވަނީ "ކުދިކުދި ކަންކަން" ކަމަށެވެ. އެއަށް ވުރެ ބޮޑެތި މައްސަލަތައް ވެސް އެބަހުރި ކަމަށާއި، ނަމަވެސް އެހެން މައްސަލަތައް ހުށަހަޅާނީ މިމައްސަލައިގެ ނަތީޖާ ނިކުންނަ ގޮތެއް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެދެވޭ ނަތީޖާ އެއް ނުލިބެއްޖި ހާލަތެއްގައި ހުރިހާ މައްސަލަތަކެއް އާއްމު ކުރާނެ ކަމަށް ވިދާޅުވި އެވެ.

ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން މޭޔަރު ޝިފާ ސީއެންއެމް އަށް ވިދާޅުވީ މާލޭ ސިޓީ ކައުންސިލް ގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް މައްސަލައެއް އުޅޭނަމަ، އެކަން ދައުލަތުގެ ކަމާ ބެހޭ ފަރާތަށް ހުށަހަޅަން ވާނެ ކަމަށެވެ.

ފަޒީނު ކުރެއްވި ކޮރަޕްޝަނުގެ ތުހުމަތު ދޮގު ކުރައްވަމުން ޝިފާ ވިދާޅުވީ އެފަދަ ކަމެއް ކައުންސިލްގައި ނުހިނގާ ކަމަށެވެ. އެކަމަކު ޝައްކެއްވާ ނަމަ، އޭސީސީ އަށް އެކަން އެންގުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑަށް އެނގިފައެއް ނެތް މެމްބަރުންގެ މެދުގައި އެފަދަ ކަމެއް ހިނގާފައިވާ ކަމެއް. އެކަމަކު އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ ފަރާތެއް ވެއްޖެއްޔާ އެބަހުރި ދެއްތޯ ސަރުކާރުގެ މުއައްސަސާތައް، މި ކަންކަން ބެލުމަށް އުފައްދާފައިވާ، ކޮންމެ ފަރާތަކަށް ވެސް އެ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އެބަ އޮތް ދެއްތޯ،" ޝިފާ ވިދާޅުވި އެވެ.
ހިޔާލު