Supreme Court fandiyaarunge adhadhu 7 ah ithuru kuraa islaahu thasdheegu koffi
image
ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި ފަސް ފަނޑިޔާރުން--
1 ކޮމެންޓް
 

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމުގެ ބިލު ތަސްދީގުކޮށްފި

ސުޕްރީމް ކޯޓުފެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ކޯޓުތަކާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މިއަދު ތަސްދީގުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ތަސްދީގު ކުރައްވާފަ އެވެ.

އެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ ޖުލައި 17 ގައެވެ. ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރި ބިލް، މަޖިލީހުގެ ތަޅުމުން ފާސް ކުރީ 74 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހަށް އެ ބިލް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އޭގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ހަތް ފަނޑިޔާރުން ކަމަށެވެ.

ބިލުގައި ބުނެފައި ވަނީ ދާއިމީ ސުޕްރީމް ކޯޓު އުވުނުއިރު، ސުޕްރީމް ކޯޓުގައި ތިއްބެވީ ހަތް ފަނޑިޔާރުން ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު ވަކިކުރައްވާފަ އެވެ. އެހެންކަމުން އެބިލްގެ ބޭނުމަކީ އަލުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތް ފަނޑިޔާރުންނަށް އިތުރު ކުރުމެވެ.

މިހާރު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ ގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅި އެ މައްސަލަތައް އެކޮމިޝަނުން ބެލުމަށްފަހު، މިހާރު ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކި ކުރަމަށް މަޖިލީހަށް ފޮނުވުމަށް ނިންމާފަ އެވެ.

ރައީސް އެ ބިލް ތަސްދީގު ކުރެއްވާ ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމާއެކު، އެ އިސްލާހު މިހާރު ވަނީ ކޯޓުތަކާއި ބެހޭ ގާނޫނަށް އައިސްފަ އެވެ.

ގެޒެޓުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ވަނީ ރައީސް އެ ބިލު ތަސްދީގު ކުރެއްވުމާއެކު މިއަދުން ފެށިގެން އެ ގާނޫނަށް އަމަލު ކުރަމުން ދާނީ ގެނެވުނު އިސްލާހު ހިމެނިގެން ކަމަށެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނު ކުރާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާގެ މަތިން ރައީސްގެ ފަރާތްޕުޅުން މަޖިލީހަށް ނަން ހުށަހަޅުއްވައިގެންނެވެ.
ހިޔާލު

ކަޅޭ

ސޫދު ލައިދެއްޗެ. ޕްލީސް.