Qaanoonuasaaseege gellifaioi sifaeh JSC in iaadha kohdheefi: Majlis Raees Nasheed
image
ޖޭއެސްސީން ނަސޭހަތް ދޭން ނިންމި އުއްތަމަ ފަނޑިޔާރު (މ) އަދި ފަނޑިޔާރު އަބްދުﷲ އަރީފް (ވ) އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ (ކ)--
0 ކޮމެންޓް
 

ގާނޫނުއަސާސީގެ ގެއްލިފައި އޮތް ސިފައެއް ޖޭއެސްސީން އިއާދަ ކޮށްދީފި: ނަޝީދު

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ ގެއްލިފައި އޮތް އަސާސީ ހަމައެއް އިއާދަ ކޮށްދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން އިއްޔެ ނިންމި ނިންމުމާއި ގުޅިގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ވަރަށް މުހިއްމު ދައުރެއް އެބައޮތް ކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށް ވެސް ކުށުގެ ތުހުމަތުން ބަރީއަވުމަށްޓަކައި ތިން ފުރުސަތު އަސާސީ ހައްގުތަކުގެ ތެރޭއިން ދީފައިވާ ކަމަށެވެ. އެއީ ދަށު ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ދަށު ކޯޓްގައި އޮތް މައްސަލައެއް ސުޕްރީމް ކޯޓަށް ގެންދިއުމަކީ ޤާނޫނު އަސާސީއާ އި ހިލާފް ކަމެއް ކަމަށެވެ. އެކަން ޖޭއެސްސީން ފާހަގަކުރާ ކަމަށާއި، ރާއްޖޭގެ ފަނޑިޔާރުންނަކީ އެއްވެސް ފަރާތަކަށް އެ ފަނޑިޔާރުންގެ މައްޗަށް ނުފޫޒް ފޯރުވާ ބަޔަކަށް ވެގެންނުވާނެ ކަމަށެވެ. އެހެންކަމުން ޖޭއެސްސީން އިއްޔެ އިޔާދަކޮށްދިނީ ގާނޫނު އަސާސީގައި ގެއްލިފައިވާ މުހިންމު އުސޫލެއް ކަަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ތިން ފަނޑިޔާރުންނަށް ނަސޭހާތްތެރިވާން ޖޭއެސްސީން ނިންމާފައި ވަނީ އެ ފަނޑިޔާރުންނާ ގުޅޭ ގޮތުން، އެ ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާއެއް އެ ކޮމިޝަނުގެ ކޮމެޓީއަކުން ތަހުގީގު ކުރުމަށްފަހު، ކޮމިޓީގެ ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓު އެކޮމިޝަނުގެ ޖަލްސާއަށް ބަލައިގަތުމަށް ފަހު އެވެ.

އެނގިފައިވާ ގޮތުގައި ޖޭއެސްސީ އިން ބެލި އެއް ޝަކުވާއަކީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ ދަރަނީގެ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް އެ މައްސަލައިގެ ލިޔުންތައް ސުޕްރީމް ކޯޓުން ނެގި މައްސަލަ އެވެ. އިކްރާމްގެ އަނބިކަނބަލުންނަކީ އޭރު ޖޭއެސްސީ އަށް ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާފައި ހުންނަވާ މެމްބަރު ލަތީފާ ގާސިމް އެވެ.

އެ ތިން ފަނޑިޔާރުންގެ މައްޗަށް ހުށަހެޅުނު ޝަކުވާގެ މައްސަލާގައި، އެކޮމިޝަނުން ބަލަން ނިންމީ މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ޖޭއެސްސީން ވަނީ ސްޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތައް ބެލުމަށް އެކޮމިޝަނުގެ ހަތް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލާފަ އެވެ.

އެކޮމެޓީގައި ހިމެނިވަޑައިގެންނެވީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހީމާއި ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅާއި ކޮމިޝަންގެ މެމްބަރު ހިސާން ހުސައިނާއ ކޮމިޝަންގެ މެމްބަރު އަބްދުލް ހަންނާން އަހްމަދާއި ކޮމިޝަންގެ މެމްބަރު ޑރ. އަލީ ޝަމީމް އަދި ކޮމިޝަންގެ މެމްބަރު އިބްރާހިމް ރިފްއަތު ކަމުގައެވެ.

އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ސްޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދޭން ނިންމާފައި ވާއިރު އެ ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ބެލުމަށް ފަހު، އެ ކޮމިޝަނުން މިހާރު ވަނީ އޭނާ ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނިޑޔާރުންނާމެދު އަދި ޖުޑީޝަރީއާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ، ޖުޑީޝަރީ އިސްލާހު ކުރުމަށް ނިކުތް ބަޔަކަށް ރައްޔިތުން އިތުބާރުކޮށް، ސަރުކާރާއި ރައްޔިތުންގެ ސުޕަމެޖޯރިޓީ ދީފައިވަނިކޮށް، ސުޕްރީމް ކޯޓުގައި ތިއްބެވި އެ ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން ނިންމުމާ ގުޅިގެން ބައެއް ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ދަނީ އަމާޒު ވަމުން ނެވެ.
ހިޔާލު