DRP ge leader akah Jabir
image
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
2 ކޮމެންޓް
 

ޑީއާރްޕީ ލީޑަރަކަށް ޖާބިރު، ނައިބު ލީޑަރަކަށް ކާނަލް ނަޝީދު

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ލީޑަރަކަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިރޭ ހަމަޖައްސައިފި އެވެ.
އެގޮތަށް ހަމަޖެއްސީ މިރޭ ބޭއްވި ޑީއާރްޕީގެ ކައުންސިލް ބައްދަލުވުމެއްގަ އެވެ. ޖާބިރަކީ ދާދި ފަހުން ޑީއާރްޕީ އާ ގުޅިވަޑައިގެންނެވި މެމްބަރެކެވެ.

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޖާބިރު، ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް ގޮނޑި އަށް ވާދަކުރެއްވީ އަމިއްލަ މެމްބަރެއްގެ ގޮތުގަ އެވެ.

އެއީ އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގެންނެވުމުންނެވެ. އެކަމަކު ޖާބިރު ވަނީ އިންތިހާބުގައި ވާދަކުރައްވާ ކާށިދޫ ދާއިރާގެ ގޮނޑި ހޯއްދަވާފަ އެވެ.

އޭގެ ފަހުން މަޖިލިހުގައި ޖާބިރު ގެންދަވަނީ ވަރަށް ބޮޑަށް އެމްޑީޕީ އާއި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އަދި އޭނާއަކީ މަޖިލީހުގައި މިހާރު ހުންނެވި ހަމައެކަނި އިދިކޮޅު މެމްބަރު ކަމުގައި ވިދާޅުވެފައި ވެއެވެ.

މިރޭ ބޭއްވި ޑީއާރްޕީގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީގެ ލީޑަރަކަށް ހަމަޖެއްސި ކުރިން އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވި މުހައްމަދު ނަޝީދު (ކާނަލް) އެވެ.

ޕާޓީގެ ރަޖިސްޓްރާ އަކަށް މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހަމަޖެއްސިއިރު، ދާދި ފަހަކާ ޖެހެންދެން އޭނާ ހުންނެވީ ކުރިން ވެރިކަން ކުރެއްވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައެވެ.

އޭގެ އިތުރުން ޑީއާރްޕީގެ ތަރުޖަމާނަކަށް ހަމަޖެއްސީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކުރީގެ ތަރުޖަމާނުގެ އިބްރާހިމް މުއާޒެވެ. އޭނާއަކީ ވެސް ކުރިން ޕީޕީއެމްގެ މެމްބަރެކެވެ.
ހިޔާލު

އަޒީމް

ޖާބިރު ޑީ އާރު ޕީ އަށް ދިޔުން އެއީ ވަރަށް އުފާވެރި ހަބަރެއް، ޑީ އާރު ޕީ އެއީ ކަނޑު ކޮހުންގެ ޕާޓީ. ނަންވެސް ބަދަލުކުރަން ފެނޭ.

ޙުސެން

މާނައަކީ ޑީއާރ ޕީ ގައި ކާރނަލް ފިޔަވައި ދެން އެހެން އެއްވެސް ބޭފުޅަކު ނެތެވެ. މިހާރު 4 ބޭފުޅުން ހަމަ ވެއްޖެއެވެ. މިއީ ވެސް ވަރަށް ބޮޑުވަރެކެވެ.