REPORT: Fathuru verikamah faagathi ahareh, ekamaku vaudhu thakun haasil vee kihaa minvareh?
image
ރާއްޖޭގެ ރިސޯޓެއް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފަތުރުވެރިކަމަށް ފާގަތި އަހަރެއް، އެކަމަކު ވައުދުތަކުން ހާސިލްވީ ކިހާ މިންވަރެއް؟

ނަވާރަ ސަތޭކަ ހަތްދިހަ ދެވަނަ އަހަރު ރާއްޖޭގެ ރަން ބިސް އަޅާ ކުކުޅު އެޅި ފުރަތަމަ ރަން ބިހާއެކު މިއަދާ ހަމައަށް ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުން އައިސް މި ޤައުމުގެ މައި ލޭނާރު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް މިދަނީ ވިދަމުންނެވެ. ކަނޑުއަޑީގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށްފަހު މިއަދު ދިވެހިރާއްޖެ މިވަނީ މާމުއި ހަނދުގެ ދުވަސްތަކާއި ސާފު ހުދު ދޮންވެލި ގަނޑާއި ރާއްޖޭގެ ރީތި ކަމާއި ޗާލޫކަން ބަލާލުމަށް ޗުއްޓީ ހޭދަކުރަން ބޭނުންވާ ކޮންމެ މީހެއްގެ ހުވަފެނީ މަންޒިލަށް ވެފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ސިނާއަތުގެ ތަފާތު ހުވަފެންތައް ދިވެހިން ދަނީ ދެކެމުންނެވެ.
ފަތުރުވެރިކަން ނަންބަރުތަކުން

ފަތުރުވެރިކަމުގެ ސިނާއަތް ހުޅުވިގެން ދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ އެންމެ ހާހެއް ކަމުގައި ވިޔަސް އޭގެ 47 އަހަރު ފަހުން ބިންގާ ހަރުދަނާވެ، އަދަދު ވަނީ މިއަދު މިލިއަނަކަށް އިތުރުވެފަ އެވެ. އެންމެ ފުރަތަމަ ރެއަކަށް 22 ޑޮލަރުން ވިއްކަން ފެށި ދިވެހިރާއްޖޭގެ ފަތުރުވެރިކަން މިއަދު މިވަނީ މަލްޓި މިލިއަން ޑޮލަރުގެ ސިނާއަތަކަށް ބަދަލުވެފަ އެވެ.

އަހަރަކަށް ފަހު އަހަރެއް ފަތުރުވެރިން ޒިޔާރަތް ކުރަމުންދާ އަދަދު އިތުރުވާކަމީ ފަތުރުވެރިކަން ފުޅާވެފައިވާ މިންވަރު ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. އެގޮތުން ފާއިތުވެދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓާ އާއި މިއަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު މިއަހަރު ފަތުރުވެރިން އައި އަދަދު ވަނީ 18.7 އިންސައްތަ އިތުރުވެފައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކައެވެ. 2018 ވަނަ އަހަރު އެ މުއްދަތުގެ ތެރޭގައި 765،515 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު މިއަހަރުގެ އަދަދަކީ 862،589 އެވެ. ހަމަ އެކަނި ޖޫން މަހަށް ބެލި ކަމުގައި ވިޔަސް މިދިޔަ އަހަރު ގެ ޖޫން މަހުގައި 93876 ފަތުުރުވެރިން ޒިޔާރަތް ކޮށް މިއަހަރުގެ ޖޫން މަހު 113،456 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ 21 އިންސައްތައިގެ ކުރިއެރުމެއްކަން ފާހަގަކޮށްލަންޖެހެ އެވެ.

"އަސްލު ހަގީގަތުގައި މިދިޔަ އަަހަރު ފަތުރުވެރިން މި ރިސޯޓަށް އައި އަދަދު ވަރަށް މަދު. މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް ބެލިޔަސް ވަރަށް ބޮޑުތަން އިތުރު. އަދި މި މަހު ހާއްސަކޮށް ވަރަށް ގިނަ އިންޑިއާ ފަތުރުވެރިން ރިސޯޓަށް އައި،" ޝެރަޓަން މޯލްޑިވްސްގެ މުވައްޒަފަކު ސީއެންއެމް އާ ވާހަކަ ދައްކަމުން ބުންޏެވެ.

އިޓަލީވިލާތުން ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިއަކާއެކު ފެށިގެން ދިޔަ މި ސިނާއަތް މިހާރު ވަނީ ދުނިޔޭގެ ހުރިހާ ބައްރުތަކަށް ފެތުރިފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މެދުގައިވާ މަޤުބޫލުކަން ލިބިފައިވާ މި މަންޒިލަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޗައިނާއިންނެވެ. 82140 ފަތުރުވެރިންނާއެކު މި ލިސްޓުގެ ދެވަނައިގައި އަވަށްޓެރި އިންޑިއާ އޮތްއިރު އެންމެ ކުރީ ސަފުގައި އިންޑިއާ ހިމެނުމަކީ ރާއްޖޭގެ ތާރީހުގައި ފާހަގަކުރަން ޖެހޭ ވަރުގެ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. 69237 ފަތުރުވެރިންނާއެކު ލިސްޓުގެ ހަތަރު ވަނައިގައި ޖަރުމަން އޮތް އިރު ފަސް ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އެ މުއްދަތުގެ ތެރޭގައި މިދިޔަ އަހަރާއި އަޅާ ބަލާއިރު އެ ފަސް ޤައުމުން ފަތުރުވެރިން އައި އަދަދު ވަނީ އިތުރުވެފަ އެވެ.

ފަތުރުވެރިންގެ ސިނާއަތް ކުރިއެރުމުގެ ފަހަތުގައި ވަރަށް ގިނަ މީހުންގެ މިންނެތް މަސައްކަތް އޮންނާނެ ކަން ޔަގީނެވެ. އެގޮތުން އަހަރަކަށް ވުރެ އަހަރެއް ރާއްޖޭގެ ރިސޯޓްތަކާއި ހޮޓެލްތަކާއި ގެސްޓް ހައުސްތަކުގެ އިތުރުން ސަފާރީތަކުގެ އަދަދު ގިނަވެގެންދާ ކަމީ މި ކުރިއެރުމުގެ ފަހަތުގައިވާ އެއް ސިއްރެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖޭގައި 146 ރިސޯޓާއި 554 ގެސްޓް ހައުސް އާއި 153 ސަފާރީ އާއި 12 ހޮޓެލް ހިންގަމުން އެބަދެ އެވެ. ކުރިއަށް އޮތް ތަނުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އިޝާރާތް ކޮށްފައި އޮތުމަކީ އެންމެންނަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެކެވެ.

މިނިސްޓަރު ވަހީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ގިނަ ރިސޯޓްތައް ހުޅުވިގެން ދާނޭ އެވެ. ހަމަ އެހެންމެ މިހާރު ހުއްޓިފައިވާ ރިސޯޓްތަކުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ކުރިއަތް އޮތް ތަނުގައި ރައީސްގެ ވައުދާއި އެއް ގޮތަށް 35000 އާ އެނދު ފޯރުކޮށްދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 43،356 އެނދު ބޭނުން ކުރަމުން ދިޔައިރު މީގެ 14 އިންސައްތަ މިހާރު ވަނީ އިތުރުވެފަ އެވެ.

ރާއްޖެ ޕްރޮމޯޓު ކުރުން

ގައުމެއް ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި މަޝްހޫރުވެ ފަތުރުވެރިންގެ މެދުގައި މަގްބޫލު ނަން ހިނގާ ގައުމަކަށް ވެގެން ދާނީ އެ ގައުމު އިޝްތިހާރުކޮށް ޕްރޮމޯޓް ކޮށްގެންނެވެ. ޓޫރިޒަމް މިނިސްޓްރީން ރާއްޖެ ޕްރޮމޯޓް ކުރުމަށް އެކި ހަރަކާތްތަކެއް ހިންގުމަށް ރާވަމުންދާ ކަމީ ސިނާއަތް އިތުރަށް ތަނަވަސްވެގެން ދާން މަގުފަހިވެގެން ދާނެ ކަމެއް ކަން ކަށަވަރެވެ. މި އަހަރުގެ ކުރިއަށް އޮތް ތަނުގައި އެކި އެކްސްޕޯތަކާއި އެސެމްބްލީތަކާއި ކޮންފެރެންސް ތަކުގައި ބައިވެރިވުމަށް ހަމަޖެހިފައި ވާއިރު މި ބައްދަލުވުންތަކުގައި އިގްތިސާދު ކުރިއެރުވުމަށް މަޝްވަރާތަކެއް ކުރެވިގެންދާނެ އެވެ.

ރާއްޖެއިން ބައިވެރިވާން ހަމަޖެހިފައިވާ ބައެއް އިވެންޓްތަކަށް ބަލާއިރު އޮކްޓޯބަރު މަހު އޮންނަ ވޯލްޑް ޓްރެވެލް މާކެޓް އޮގަސްޓް މަހުގައި އޮންނަ ވޯލްޑް ޓޫރިޒަމް އެކްސްޕޯ ފާހަގަކޮށްލެވެ އެވެ. ސަރުކާރުން ދަނީ ރާއްޖެ އިޝްތިހާރު ކުރުމަށް ރާއްޖެ އިން ބޭރުގައި އެކި ރޯޑް ޝޯތަކާއި އެފަދަ އެކި ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން ރާއްޖޭގައި އިންޑިއާގެ ފިލްމް ފެއާ އެވޯޑެއް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވަހީދު ވިދާޅުވެފައިވާ އިރު މިއީ ދިވެހިންނަށް ބޮޑު އުފަލެއް ލިބިގެންދާނެ އަދި ރާއްޖެ ވެސް އިސްތިހާރު ވެގެންދާނެ ކަމެއް ކަން ޔަގީނެވެ.

ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައިދާތަން ފެންނަމުން ދާއިރު މިއީ ކޮންމެ ދިވެއްސަކު މިކަމާ މެދު ފަހުރުވެރި ވާން ޖެހޭ ކަމަކެވެ. އުންމީދަކީ މިއަށްވުރެ އިތުރަށް މި ގައުމު ނަން ވިދާލާ މި ދާއިރާ އިތުރަށް ތަރައްގީވެގެންދާ މަންޒަރު ފެނިގެން ދިޔުމެވެ. އަދި މި ސިނާއަތުން ލިބޭ އާމްދަނީގެ ސީދާ ފައިދާ ދިވެހި ރައްޔިތުންނަށް ކޮށް، އެ މުއްސަނދިކަން ހަމަހަމަކަމާއެކު ބެހިގެން ދާނެ ދުވަހެއް އައުމެވެ.

ތަރައްގީ ދަނީ ކޮން މިސްރާބަކަށް؟

ސިޔާސީ ހަލަބޮލިކަމަށް ފަހު ހަމަޖެހުން އައުމާއެކު ފަތުރުވެރިކަމަށް ފާގަތި އަހަރެއް މިވަނީ އައިސްފަ އެވެ. އެކަމަކު މި ކުރިއެރުމާއެކު ވެސް ސަރުކާރުން މި ސިނާއަތް ކުރިއަރުވަން ވީ ވައުދުތައް ހާސިލްވެފައި ވަނީ ކިހާ މިންވަރަކަށް ތޯ ބަލައިލުން މުހިމެވެ. ސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތުން ގެސްޓު ހައުސް ވިޔަފާރި ފުޅާ ވުމަކީ ފަތުރުވެރިކަމުގެ ސީދާ ފައިދާ ރައްޔިތުންގެ ޖީބަށް ލިބޭނެ ކަމެކެވެ.

"ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާކޮށް ކުރިއަރުވާ ރާއްޖޭގެ ހުރީހާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، ގެސްޓްހައުސްގެ އިތުރުން، އައިލަންޑް ހޮޓަލާއި، ބުޓީކް ހޮޓަލާއި ހޯމްސްޓޭ ތައާރަފް ކުރެވިގެންދާނެ،" ސަރުކާރުގެ މެނިފެސްޓޯގައި ވެއެވެ. އެކަންކަމުގެ ވާހަކަ ކޮންމެވެސް ވަރަކަށް ދެކެވުނު ނަމަވެސް އެކަންކަން އަދި ހާސިލް ކުރެވިފައެއް ނުވެ އެވެ. އައިލަންޑް ހޮޓަލާއި، ބުޓީކް ހޮޓަލާއި ހޯމްސްޓޭ ތައާރަފް ކުރެވުނު ރަށެއް އަދި ނެތެވެ.

"ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމުގައި އިސްލާމްދީން ފުށުނާރާ ގޮތަށް އަދި ދިވެހިވަންތަ ކަމަށް އުނިކަން ނާންނާނެ ގޮތަށް ސިޔާސަތުތަކާއި އުސޫލުތައް ބައްޓަން ކުރެވޭނެ ކަމަށާއި ހަރުދަނާ ޤަވާއިދުތަކެއް ތަޢާރަފް ކުރެވި ދިވެހިންނާއި ޓޫރިސްޓުންނަށް ރައްކާ ތެރިކަން ކަށަވަރު ކުރެވޭނެ ކަމަށާއި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި އިސްލާމިކް ޓުއަރިޒަމް ތަޢާރަފް ކުރެވޭނެ" ކަމަށް ވެސް މެނިފެސްޓޯ ގައި ވެއެވެ.

އެކަމަކު އެފަދަ ސިޔާސަތެއް އަދި ރަސްމީކޮށް އިފުތިތާހުކޮށްފައެއް ނުވެ އެވެ. އަދި އިސްލާމިކް ޓޫރިޒަމު ގޮސްފައި އޮތް ހިސާބެއް ވެސް ނޭނގެ އެވެ. އޭގެ އިތުރު ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ރަށުގެ ޕްލޭނު ހެދުމާއި ރަށުގައި ފަތުރުވެރިކަމާ ގުޅޭ ކަންކަން ބެލެހެއްޓުމާ، ރަށުން ލިބެންހުންނަ ހުރިހާ ހިދުމަތެއް އެކުލެވޭ ރަށު ވެބްސައިޓް ބެލެހެއްޓުމާ، ރަށް މާކެޓް ކުރުމާއި، ހުރިހާ ކަމެއް ކުރާ ފަރާތަކީ ރަށު ކައުންސިލްގެ އިދާރާ (ރަށު ފްރަންޓް އޮފީސް) ކަމަށް މެނިފެސްޓޯ ގައި ބަޔާންކޮށްފައި ވެއެވެ.

"ރަށު ފްރަންޓް އޮފީހެއް" އަދި ނެތެވެ. މިނިސްޓަރު ވަހީދު ގެސްޓު ހައުސް ވިޔަފާރި ކުރިއަރުވަން ރަށްރަށަށް ދަނީ ދަތުރު ކުރައްވަމުންނެވެ. އެކަމަކު މެނިފެސްޓޯގައި ކައުންސިލުތަކާއި ހަވާލު ކުރަން ބުނި ކަންކަމުގެ ވާހަކަ ސީދާ ދައްކަވާ އަޑެއް ނީވެ އެވެ. މި ފާހަގަކުރީ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭ ގޮތުން މެނިފެސްޓޯގައިވާ ބައެއް ކަންކަމެވެ. އަދި މި ނޫނަސް އެތައް އެތައް ކަމެއް ވެއެވެ.

ފަތުރުވެރިކަމަށް ފާގަތި އަހަރެއް އައިސް، ނަންބަރުތައް ހިއްސާ ކުރަމުން އުފާ ކުރާއިރު، މި ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ރައޔްިތުންނަށް ވީ ވައުދުތައް މަތިން ވެސް ހަނދާން ކުރަން ޖެހެ އެވެ. ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރެއިން އަދި ފާއިތުވީ ހަތް މަހެވެ. އެކަމަކު އެ ހަތް މަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ކިހާ ވައުދެއް ފުއްދައިފި ހެއްޔެވެ؟ މިއީ ރައްޔިތުން އެ މިނިސްޓްރީއާ ކުރާ ސުވާލެކެވެ. އަދި ސަރުކާރުގެ އެހެން ވުޒާރާތަކުގައި ވެސް ރައްޔިތުން ކުރާނެ ސުވާލަކީ މިއީ އެވެ.
ހިޔާލު