Loluge haassa faruvaa dhey marukazeh China inn gaaimkoh dhenee
image
މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތު މިނިސްޓްރީ
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ލޮލުގެ ހާއްސަ ފަރުވާދޭ މަރުކަޒެއް ގާއިމް ކުރަން ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގައި ލޮލުގެ ހާއްސަ ފަރުވާދޭ މަރުކަޒެއް ގާއިމް ކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. ޗައިނާގެ ނޭޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރޭންގް ލިރޯންގެވެ.

އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ދެވޭ ލޮލުގެ ފަރުވާގެ ހިދުމަތް ފުޅާކުރުމުގައި ޗައިނާގެ އެހީތެރިކަން ހޯދާނެ އެވެ. އަދި ޗައިނާގެ އެހީގައި ލޮލުގެ ހާއްސަ ފަރުވާދޭ މަރުކަޒު ގާއިމް ކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ.

އެގޮތުން އެ މަރުކަޒު ގާއިމުކޮށް، ހުޅުމާލޭ ހޮސްޕިޓަލްގައި ދެވޭ ލޮލުގެ ފަރުވާގެ ހިދުމަތްތައް ފުޅާކޮށް، އާ ހިދުމަތްތައް ތައާރަފް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލްގެ ލޮލުގެ ޑިޕާޓްމަންޓް އިތުރަށް ހަރުދަނާކޮށް، ލޮލުގެ އެންމެ އާދައިގެ ފަރުވާތަކުން ފެށިގެން ހާއްސަ ސާޖަރީތައް ހެދޭ ފެންވަރަށް ތަރައްގީ ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ލޮލުގެ ފަރުވާ އާއި ގުޅޭ އާލާތްތައް އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި ޗައިނާގެ ލޮލުގެ ހާއްސަކޮށް ޑޮކްޓަރުން ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާނެ އެވެ. އޭގެ އިތުރުން ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ތަމްރީންތައް ޗައިނާގައި ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޗައިނާ ސަރުކާރުގެ އެހީގައި 2015 ވަނަ އަހަރު އަދި 2017 ވަނަ އަހަރު ވެސް ވަނީ ލޮލުގެ ހާއްސަ ކޭމްޕުތަކެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފަ އެވެ. އެ ކޭމްޕްތަކުގައި ޖުމްލަ 1000 އަށް ވުރެ ގިނަ މީހުން ސްކްރީންކޮށް 186 މީހުންގެ ކެޓަރެކްޓް ސާޖަރީ ވަނީ ހަދާފަ އެވެ. އަދި 9.2 މިލިއަން ރުފިޔާގެ ލޮލުގެ ފަރުވާ އާއި ގުޅޭ އާލާތްތައް ޗައިނާ ސަރުކާރުން ވަނީ ހަދިޔާކުރައްވާފަ އެވެ.

ދިވެހި ރާއްޖޭގައި ލޮލުގެ ހާއްސަ ފަރުވާދޭ މަރުކަޒެއް ގާއިމް ކުރުމަކީ ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުން ޗައިނާ ސަރުކާރާއެކު 2017 ގައި ސޮއި ކުރެވިފައިވާ އެމްއޯޔޫ އެއްގައި ފާހަގަ ކުރެވިފައިވާ މައިގަނޑު އެއް ދާއިރާ އެވެ.

މިއަދު ވެވުނު އެއްބަސްވުމާއިއެކު ރާއްޖެއިން ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހިޔާލު

ސސ

މަރުހަބާ އަމީން މަރުހަބާ އެމްބަސެޑާރް !