Kulhudhuffushi Row house thah alun hedhun anna aharuge budget ah
image
ހދ. ކުޅުދުއްފުށީ ރޯ ހައުސްތައް ވީރާނާ ވަނީ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ކުޅުދުއްފުށީ ރޯހައުސްތައް އަލުން ހެދުން އަންނަ އަހަރުގެ ބަޖެޓަށް!

ކުޅުދުއްފުށީގައި ކުރިއަށް ނުގޮސް ހުއްޓިފައިވާ ރޯ ހައުސްތަކުގެ މަސައްކަތް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް 2011 ވަނަ އަހަރު ރޯ ހައުސްތަކެއް ތަރައްގީ ކުރަން ފެށި އެވެ. އެ މަސައްކަތް ހުއްޓިފައި އޮންނަތާ މިހާރު ހަތް އަހަރު ވެއްޖެ އެވެ.

އެ މަޝްރޫއުގެ ދަށުން އެރަށުގައި 165 ރޯ ހައުސެއް އަޅަން ނިންމިއިރު އެކި ރޯހައުސްތަކުގެ ކޮންކުރިޓް މަސައްކަތް އެކި މިންވަރަށް ހުރީ ނިމިފަ އެވެ. މިއަދާ ހަމައަށް އެތަނުގައި އުޅުމުގެ ނަސީބު ލިބުނީ އެންމެ 20 އާއިލާއަށެވެ.

އެމީހުންނަށް ވެސް އެތަނަށް ވަދެވުނީ ފްލެޓުގެ މަސައްކަތް ނިމި އެތައް ދުވަހެއްގެ އިންތިޒާރެއްގައި ތިބުމަށް ފަހެވެ.

"މިދިޔަ ސަރުކާރުގެ ފަހުކޮޅުގައި އެ 20 ފްލެޓަށް މީހުން ވަނީ، ބާކީ ފަސް ތަނުގެ ކޮންކުރިޓް އެޅިފަ އޮތީ، މަސައްކަތް ނިމުނު ތަނުގައި ވެސް އެކި ތަންތަނަށް ފަހުން މަރާމާތު ކުރަން ޖެހިގެން ފްލެޓު ލިބުނު މީހުންނަށް ބަދަލު ދިން، އެތަން މަރާމާތު ކުރަންވެގެން، ގާތްގަނޑަކަށް ހަތް ލައްކައެއްހާ ރުފިޔާ ބަދަލަށް ދޭން ޖެހުނު،" ރަށުގެ ކަނބޯރަނި ހިޔާ ސަރަހައްދުގައި އަޅަން ހަމަޖެހުނު 25 ފްލެޓާ ގުޅިގެން ން އެރަށު ކައުންސިލުގެ ރައީސް އަބްދުއް ލަތީފް ހަސަން ވިދާޅުވިއެވެ.

އެރަށު މާފަލު ހިޔާ ސަރަހައްދުގައި ތަރައްގީ ކުރަން ނިންމި 40 ރޯ ހައުސްގެ މަސައްކަތް ހުއްޓުނީ އެތަނުގެ 98 އިންސައްތަ މަސައްކަތް ނިމިފައި ވަނިކޮށެވެ. އެކަމަކު މަސައްކަތް ނުކުރާތާ ގިނަ ދުވަސްތައް ވުމުގެ ސަބަބުން އެތަން ވެސް އޮތީ އަލުން ރަނގަޅުކުރަން ޖެހިފައި ކަމަށް ލަތީފް ވިދާޅުވިއެވެ.

"އެތަނުގެ ޓިނުތައް އޮތީ ހަލާކުވެފައި، ބައެއް ތަންތަނުގެ ސީލިންގު ވެއްޓިފައި، މުށިތައް ނެއްޓި މައްޗަށް އަރާފަ ވެސް އެބަހުރި، އެތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ މީހަކު ހުންނަނީކީ ނޫން، ވަގުން ވެސް އެތަނަށް ވަދެ، މަސްތުވާތަކެތި ބޭނުންކޮށް، ހޮޑުލާ ނުވިތާކަށް ކަރަންޓު ނަރުތައް ވަގަށް ނަގައި، ދޮރުތައް ވެސް ހަލާކުކޮށްފައި ހުރީ، އެތަނަށް ލިބިފަ ހުރި ގެއްލުން ބަލަމުން މިދަނީ،" ލަތީފް ކިޔައިދިނެވެ.

ބާކީ 100 ރޯ ހައުސް އަޅާފައި ހުރީ އެރަށު ބަންޑާރަ ހިޔާ ސަރަހައްދުގައެވެ. އެ 100 ރޯހައުސްގެ މަސައްކަތް އެކި އެކި މިންވަރަށް ކުރިއަށް ގެންގޮސްފައި ވާއިރު އެތަނުގެ މަސައްކަތް ވެސް ހުއްޓިފައި އޮތްތާ ހަތް އަހަރުވީ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައި އޮތީ މި ރޯހައުސްތަކަށް ކަމަށް ވެސް ލަތީފް ފާހަގަކުރެއްވި އެވެ.

އެތަނުގެ ހާލަތު ކިޔައިދެއްވަމުން ލަތީފް ވިދާޅުވީ، ބައެއް ރޯހައުސްތަކުގެ ފުރާޅުވެސް ވަޔާ އެއްލާލާފައިވާ ކަމަށާއި އެގޮތުން އެތަން އޮތީ ކުރި މަސައްކަތް އަލުން ކުރަން ޖެހޭ ހާލަތުގައި ކަމަށެވެ.

އެތަނަށް ލިބުނު ގެއްލުންތައް ބެލުމަށް މިދިޔަ ހަފުތާގެ ތެރޭގައި އެރަށަށް ހައުސިން މިނިސްޓްރީގެ ޓީމެއް ވެސް ޒިޔާރާތް ކުރިއެވެ. އެގޮތުން ލިބުނު ގެއްލުންތައް ބެލުމަށް ފަހު އެތަން އަލުން ހެދުމަށް ބަޖެޓުގައި ހިމަނާނެ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

މިއަހަރުގެ ބަޖެޓުގައި ކުޅުދުއްފުށީގެ ރޯ ހައުސްތައް އަލުން މަރާމާތު ކުރުމުގެ މަސައްކަތް ހިމެނިފައި ނުވި ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި އެމަސައްކަތް ހިމެނޭނެ ކަމަށް ހައުސިން މިނިސްޓްރު އައިމިނަތު އާތިފާ ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު