Ge dhinumah vi vaudhu nufuhdhi 7 aharu, 52 aailaa Nolhivaram faruga gana thelhenee!
image
ހދ. ނޮޅިވަރަމްފަރު-- ފޮޓޯ: ހަސަން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ނޮޅިވަރަމްފަރުގައި އެއަތޮޅުގެ 52 އާއިލާއެއް ގަނެތެޅޭތާ ހަތް އަހަރު، ޝަކުވާތައް އިވޭ ވެރިއަކު ނެތް؟

ހދ. މާވައިދޫ އާއި ފަރިދޫ އަދި ކުނބުރުދޫގެ ގިނަ އާއިލާތަކެއް އެ އަތޮޅު ނޮޅިވަރަމްފަރަށް ބަދަލުވީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ. އެކަން އޭރު ކުރީ އެ ތިން ރަށަކީ އާބާދީ ކުޑަ ރަށްތަކަށް ވުމުން، އެއް ފަސް ކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.
އެމީހުން އެރަށަށް ބަދަލުކުރި އިރު ބޯހިޔާވަހިކަން ފޯރުކޮށްދޭން ހައުސިން ޔުނިޓުތަކެއް އެޅި ނަމަވެސް އޭގެ ތެރެއިން 52 އާއިލާއެއް މިއަދާއި ހަމައަށް ވެސް އުޅެމުން ދަނީ ގެދޮރު ނެތް ބައެއްގެ ގޮތުގަ އެވެ. އަމިއްލަ ގައުމުގައި "ރެފިއުޖީން" ގެ ގޮތުގަ އެވެ.

ނޮޅިވަރަމްފަރުގައި 160 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. އެ މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއްގެ ފަހުން އެމަސައްކަތް އަލުން ފެށިފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފަހުކޮޅެވެ.

އެރަށު ކައުންސިލުގެ ނައިބް ރައީސް އަހުމަދު ވަހީދު ސީއެންއެމް އަށް ވިދާޅުވި ގޮތުގައި، ގެ ނުލިބި ތިބި އެ 52 އާއިލާ އެރަށަށް ބަދަލުވި ފަހުން އުޅެމުން އަންނަނީ އެގޮތް މިގޮތަށެވެ. އޭގެ ތެރެއިން ބައެއް މީހުން ކުއްޔަށް އުޅެމުން އަންނަކަން ފާހަގަކޮށް ވަހީދު ވިދާޅުވީ، ރަށަށް ބަދަލު ކުރުމަށް ފަހު އެމީހުން އުޅޭ ނޫޅޭ ގޮތް އެއްވެސް ސަރުކާރަކުން ބަލައެއް ނުލާ ކަމަށެވެ.

"އެ ފަންސާސް ދެ އާއިލާ ދިރިއުޅެމުން އަންނަނީ އެގޮތް މިގޮތަށް ކުއްޔަށް އުޅޭ މީހުން ވެސް މަދެއް ނޫން، އަސްލު ސަރުކާރުން އެމީހުން މި ރަށަށް ބަދަލުކުރުމަށް ފަހު އެމީހުން އުޅޭ ހާލު ވެސް ބަލައެއް ނުލާ،" ވަހީދު ސީއެންއެމް އަށް ވިދާޅުވި އެވެ.

އެރަށަށް ބަދަލުވި މީހުންނަކީ އަމިއްލަ ވަޒަނުން އަސާސީ ހިދުމަތްތައް އެކަށީގެންވާ ގޮތުގައި ނުލިބުމުގެ ސަބަބުން ނޮޅިވަރަމްފަރުގައި ވަޒަންވެރިވާން މަޖުބޫރުވި މީހުންނެވެ. ދަރިންގެ ހައްގުގައި އެހެން ވަޒަނަކަށް ހިޖުރަކުރީ އެއްގޮތަކަށް ވެސް އެފަދަ ހާލެއްގައި ދިރިއުޅެން ޖެހިދާނެ ކަމަށް އުއްމީދުކޮށްގެންނެއް ނޫނެވެ.

އަސާސީ ހިދުމަތްތައް ހޯދުމަށް ލޯބިވާ ރަށް ދޫކޮށް ކުލި ދައްކައިގެން އެމީހުން ދިރިއުޅެމުން އަންނައިރު އިންތިހާއަށް ދަތިތައް ކުރިމަތިވާނެކަން ޔަގީނެވެ.

ގެ ނުލިބޭ 52 ގޭގެ އާއިލާއެއް އަދި ވެސް ތިބިއިރު އެތަނުން އެއް އާއިލާއެއްގެ މީހަކު ސީއެންއެމް އަށް ވަނީ ވޭތުވެދިޔަ ހަތްވަރަކަށް އަހަރު އެމީހުންނަށް ކުރިމަތިވި ދަތިތައް ހިއްސާކޮށްފަ އެވެ. ކުރިން ނޮޅިވަރަމްފަރުގައި ކުއްޔަށް އުޅެމުން އައި އެ އާއިލާ މިހާރު މާލެއަށް ބަދަލުވެފައި ވާއިރު އެމީހާ ބުނި ގޮތުގައި ރަށުގައި އެމީހުންނަށް އިންތިހާއަށް ދަތިތައް ކުރިމަތިވި އެވެ.

"ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ދަތިތައް ކުރިމަތިވޭ، ކުރިން ފެމިލީ މީހުންނާއެކު އުޅެމުން އައިސްފަ އަބަދަކު އެމީހުންނާއެކު ވެސް ނޫޅެވޭނެ ދަރިން ލިބި މުޅި ގޯތި ފުރުނީމަ، ނޯވެ ތަނެއް އެންމެން އުޅޭކަށް، ދެބައި މީހުން އުޅޭއިރު މައްސަލަތައް ޖެހި މިކަހަލަ ކަންތައް ވެސް ކުރިމަތިވޭ،" އެމީހާ ބުންޏެވެ.

"އެންމެ ކުޑަ މިނުން ޗުއްޓީއަކަށް ރަށަށް ގޮސް ވެސް މިޖެހެނީ ކުއްޔަށް އުޅެން، ކުރިން 2000 ނޫނީ 3000 އެއްހާ ރުފިޔާއަށް ކުއްޔަށް ގެ ލިބޭ ރަށުން. އެކަމަކު މިހާރު 5000 އަށް މި ލިބެނީ، އަދި ޗުއްޓީތަކުގަ އެއަށް ވުރެ އަގު ބޮޑުވާނެ".

އާއިލާތައް ބަދަލުކުރިއިރު ކޮންމެ އާއިލާއަކަށް 52000 ރުފިޔާ ދިންކަން ފާހަގަކޮށް އެމީހާ ބުނީ، އެއަހަރު އެ 52 އާއިލާއަށް ގޯތި ހަމަޖެހޭނެ ކަމަށް ބުނި ކަމަށެވެ. އެކަމަކު މިއަދާއި ހަމައަށް ވެސް އެމީހުންގެ އަމިއްލަ ބޯހިޔާވަހި ކަމެއް ނެތި ދިރިއުޅެމުން އަންނައިރު ލިވިން އެލަވަންސެއްގެ ގޮތުގައި ވެސް އެމީހުންނަށް އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"ބައެއް ރަށްރަށުގަ އަޅުގަނޑުމެންނަށް އަޑުއިވިފަ އޮތީ އެގޮތަށް ބަދަލުވުމަށް ފަހު އެމީހުންނަށް ފަސޭހައިން އުޅެވޭނެ ގޮތެއް ހޯދުމަށް ކޮންމެވެސް ވަރެއްގެ އެލަވަންސެއް ދޭކަމަށް، އެކަމަކު އޭރު ދިން އެފައިސާއަށް ފަހު މި ގާތްގަނޑަކަށްވީ އަށެއްކަ އަހަރު އަޅުގަނޑުމެންނަކަށް ނެތް އެފަދަ ގޮތަކަށް ވެސް ފައިސާއެއް ލިބިފައެއް،" އެމީހާ ބުންޏެވެ.

އެރަށުގައި ގިނަ އާއިލާތަކުން އުޅެމުން އަންނަނީ ވަރަށް ހާލުގައިކަން ފާހަގަކޮށް އެމީހާ ބުނީ، ނޮޅިވަރަމްފަރަށް ބަދަލުވި ފަހުން މިވީ އަހަރުތަކުގައި އެމީހުންގެ ރަޖިސްޓްރީ އޮތީ ފަޅު ރަށަކަށް ކަމަށެވެ.

"މާވައިދޫ މިހާރު ފަޅުވެފައި އޮންނަތާ އެތައް އަހަރެއް، އަޅުގަނޑުމެންގެ ދިވެހި ރައްޔިތުކަން މިއޮތީ ފަޅު ރަށަކަށް، މިކަމުގެ ސަބަބުން އިންތިހާބު ދުވަސްވަރާއި އެކި ގޮތްގޮތުން އަޅުގަނޑުމެންނަށް ދަތިތައް ކުރިމަތިވޭ، މިކަމަށް ވެސް ހައްލެއް ބޭނުންވޭ،" ފާއިތުވި އަހަރުތަކުގައި އުޅެމުން އައި ދަތި ހާލު ކިޔައި ދެމުން އެމީހާ ބުންޏެވެ.

ނޮޅިވަރަމްފަރުގައި އަލުން އަނެއްކާ ވެސް ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށިގެން ކުރިއަށް ދާއިރު މިދިޔަ ހޯމަ ދުވަހު، މަޖިލީހުގެ ޖަލްސާއަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، ހާޒިރު ކުރެއްވުމުން މިނިސްޓަރު ވަނީ އެ 52 އާއިލާއަކީ މިދިޔަ ސަރުކާރުތަކުން ވަރަށް ބޮޑަށް އަޅާނުލައި ދޫކޮށްލެވިފައިވާ އާއިލާތަކެއް ނަމަވެސް މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އެމީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ވަނީ، އަންނަ ޖޫން މަހުގެ ތެރޭގައި އެ 52 އާއިލާއަށް ހާއްސަ ކުރެވިފައިވާ ހައުސިން ޔުނިޓުތަކަށް ވަދެވޭވަރު ވާނެ ކަން ވެސް ފާހަގަކުރައްވާފަ އެވެ. ހަތް އަހަރު ވީ އިރު އެތައް ބަޔަކު އެންމެ އަސާސީ އިންސާނީ ހައްގުތަކުން މަހުރޫމުވެ، ހާލުގައި އުޅެމުން ދިޔައިރު، ދިވެހި ދައުލަތުން އަޅާލާފައި ނުވުމަކީ ހައިރާން ވާން ޖެހޭ ވަރުގެ ކަމެކެވެ.

ބޯހިޔާވަހިކަމުން މަހްރޫމްވެ އެމީހުން ދިރިއުޅެމުން އަންނައިރު އެ މައްސަލަ ބަލަމުންދޭތޯ ސުވާލުކުރުމުން އިންސާނީ ހައްގުތަކުގެ ކަންކަން ބަލާ މިނިވަން މުއައްސަސާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ މައްސަލަ ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނެފަ އެވެ. އެކަމަކު އެއީ ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީ ތަފްސީލެއް ނުދެއްވި އެވެ.

ކޮންމެއަކަސް ގާތްގަނޑަކަށް އަށެއްކަ އަހަރުވީ އެމައްސަލައަށް ހައްލެއް މިއަދާއި ހަމައަށް އެޗްއާރުސީއެމުން ވެސް ގެނެސްދީފައި ނުވާކަމީ ވަރަށް ދެރަވަރު ކަމެކެވެ.
ހިޔާލު