Sifainge thamreen centerah India inn 1 million dollaru dheefu
image
މިއަދު ބޭއްވި ރަސްމިއްޔާޓުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސިފައިންގެ ތަމްރީން ސެންޓަރަށް އިންޑިއާ އިން 1 މިލިއަން ޑޮލަރު ފައިސާގެ އެހޯ ފޯރުކޮށްދީފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޅ. މާފިލާފުށީގައި ގާއިމްކޮށްފައިވާ ސިފައިންގެ ތަމްރީން މަރުކަޒު ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރުން ފައިސާގެ އެހީ ފޯރުކޮށްދީފި އެވެ.
އެ އެހީއަކީ މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގެ ފޭސް އެކެއް ފުރިހަމަ ކުރުމަށް އިންޑިއާ ސަރުކާރުން ދިން އެހީ އެކެވެ.

ބަންޑާރަކޮށީގައި މިއަދު ހެނދުނު އޮތް ހަފްލާއެއްގައި އިންޑިއާ ސަރުކާރުގެ ފަރާތުން ހަވާލު ކުރާ ފައިސާގެ ރަމްޒީ ޗެކް، ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އިންޑިއާ ސަފީރު ސަންޖޭ ސުދިރް އެވެ.

ޑިފެންސް މިނިސްޓްރީގެ ފަރާތުން ރަމްޒީ ޗެކާ ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އިންޑިއާ އިން މިއަދު ދިނީ 1.07 މިލިއަން ޑޮލަރު ގެ އެހީ އެވެ.

އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ އެހީގައި މާފިލާފުށީގައި ބިނާ ކުރަމުންދާ ޓްރޭނިން ސެންޓަރެވެ. އެ ޓްރޭނިން ސެންޓަރު ބިނާކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ކޮމްޕޮސިޓް ޓްރޭނިން ސެންޓަރު އިމާރާތް ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ހިމެނެނީ ޓްރޭނިން ސެންޓަރާއި އެޑްމިނިސްޓްރޭޓިވް ބްލޮކާއި ތިން އެކަމަޑޭޝަން ބެރެކްސްގެ އިތުރުން ފަޔަރިން ޝެޑާއި ފަޔަރިން ރޭންޖާއި، ހެލްތު ޕޯސްޓާއި އޮބްސްޓެކަލް ބެލްޓާއި ދެ ރެކްރިއޭޝަން ބިލްޑިން އަދި އެ ތަންތަންނަށް ބޭނުން ވާނެ ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމެވެ.

ކޮމްޕޮސިޓް ޓްރޭނިން ސެންޓަރު ބިނާކޮށް ނިމުމުން، އެތަން ވެގެން ދާނީ ސިފައިންގެ ތަމްރީނުތައް ހިންގާ މައި މަރުކަޒުގެ ގޮތުގަ އެވެ.
ހިޔާލު