Islamic University ge qaanoonah hushahelhi islaah genaumuge bill Majleehun faaskoffi
image
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ--
0 ކޮމެންޓް
 

އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ވެރިންގެ އޮނިގަނޑަށާއި ވެރިންގެ މަސްއޫލިއްޔަތުތަކަށް ބައެއް ބަދަލުތައް ގެނެސް، ޔުނިވާސިޓީ ހިންގުމުގައި ސަރުކާރުގެ ނުފޫޒު ވީހާވެސް ކުޑަ ކުރުމަށްޓަކައި، އިސްލާމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެބިލް ފާސްކޮށްފައި ވަނީ، ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.

އެބިލް މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރެއްވުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީށް ފޮނުވީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ބޭއްވި ޖަލްސާގައި، ވޯޓުގައި ބައިވެރިވި 67 މެމްބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި އައިޔޫއެމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެވެ.

އިސްލާމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއެކު، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ގާނޫނަށް ވެސް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅި، މިއަދުގެ ޖަލްސާގައި ވަނީ އެބިލް ވެސް ފާސްކޮށްފަ އެވެ. އެ ދެ ބިލްގެ މަސްކަތް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ވެސް ކުރައްވާފައި ވަނީ އެކުއެކީގަ އެވެ. އެމްއެންޔޫގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އެވެ.

އެ ދެ ބިލުގައި ވެސް މައިގަނޑު ގޮތެއްގައި އިސްލާހު ހުށަހަޅުއްވާފައިވަނީ ހިންގުމާއި ޒިންމާދާރު ކުރުމާއި ނުފޫޒުން އެއްކިބާ ކުރެވޭ ގޮތަށް ވިސްނައިގެންނެވެ.

އައިޔޫއެމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވެސް މައިގަނޑު ގޮތެއްގައި ހުށަހަޅާފައި އެތަން ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނައުމަށެވެ. އައިޔޫއެމް ހިންގަނީ ޔުނިވަސިޓީގެ މަޖިލީހުންނެވެ. ޔުނިވަސިޓީގެ މަޖިލީހަކީ ޔުނިވަސިޓީ ހިންގާ އެންމެ އިސް ފަރާތެވެ.
ހިޔާލު