"Hiyaanaathuge aslu bawiverivi meehunge massalathah adhives vanee nubeli"
image
ކުރީގެ ގަވަރުނަރު އަހްމަދު ނަސީރު--ފޮޓޯ:މިހާރު
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ހިޔާނާތުގައި އަސްލު ބައިވެރިވި މީހުންގެ މައްސަލަތައް އަދިވެސް ވަނީ ނުބެލި: ނަސީރު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގައި އަސްލު ބައިވެރިވި މީހުންގެ މައްސަލަތައް އަދިވެސް ވަނީ ނުބެލިކަމަށް ގަވަރުނަރުގެ މަގާމުން މިއަދު އިސްތިއުފާދެއްވި އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ނެރުއްވި ނޫސް ބަޔާނެއްގައި ނަސީރު ވިދާޅުވީ އެމްއެމްއޭގެ އިސް މަގާމުތަކުގައި އަދިވެސް ތިއްބެވީ ހިޔާނާތުގެ 1.3 ބިލިއަން ރުފިޔާ ގެއްލުނު އިރު ތިވި ބޭފުޅުންކަމަށެވެ.

އެއީ ގަވަރުނަރުގެ މަގާމާއި ހަވާލުވުމުގެ ކުރިންކަމަށާއި، އެމްއެމްއޭގެ އިސްވެރިން އޭރުގެ ޓޫރިޒްމް މިނިސްޓަރާ އާދަޔާ ހިލާފަށް ގިނައިން ވަކިން ބައްދަލުކޮށްފައިވާކަން، އެމްއެމްއޭގެ ރެކޯޑުތަކުން ފެންނަން އެބައޮތްކަމަށް ނަސީރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ އެބޭފުޅުން މިހާރުވެސް އެމްއެމްއޭގެ އިތުރުން ދައުލަތުގެ އެހެން މަގާމުތަކުގައި އެބަތިއްބެވިކަމަށެވެ.

ބަޔާނުގައި ނަސީރުވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުއްމަތުތަށް ދޮގުކޮށްފަ އެވެ. އަދި އޭނާ މަސައްކަތްކުރީ ކަން ހިނގާދިޔަގޮތް ބަލަން ކަމަށް ވިދާޅުވި އެވެ.

"އެމީސްމީހުން، މިހާރުވެސް އެމްއެމްއޭގެ އާއި ދައުލަތުގެ އެހެން މަގާމުތަކުގައި އެބަތިއްބެވެ. އެކަންތައް ހިނގާފައިވަނީ ކިހިނެތްތޯ ބެލުމަށް އަޅުގަނޑު މަސައްކަތް ކުރުމުން، އަޅުގަނޑުގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަން މަސައްކަތް ކުރާކަމީ މިއަދު ފެންނަން އޮތް ޙަޤީޤަތެކެވެ" ނަސީރު ނެރުނު ބަޔާނުގައި ވެއެވެ.

އެމްއެމްއޭ ހިޔާނާތުގައި އަސްލު ބައިވެރިވި މީހުންގެ މައްސަލަތައް ވަނީ ނުބެލިކަމަށް ވިދާޅުވެ ނަސީރު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތް ދައުލަތުން ބަލައި، އެ ފައިސާ އަނބުރާ ހޯދުމަކީ ކުރަން ޖެހިފައިވާ ބޮޑު މަސައްކަތެއް ކަމަށެވެ.

އަދި އެކަން ކުރެވޭނީ ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު ހޯދައިދީގެން ކަމަށާއި އެކަމަކު އެގޮތް ވިޔަ ނުދޭން ބޭނުންވާ ބަޔަކު ދައުލަތުގެ ތެރޭގައި އުޅޭ ކަމަށް ނަސީރު ތުހުމަތު ކުރެއްވި އެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުން އިސްތިއުފާދޭން ޖެހުނު ސަބަބެއްކަމުގައި ނަސީރު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ "ތާކުންތާކު ނުޖެހޭ" ތުހުމަތުތަކަށް މަގާމުގައި ހުންނަވައިގެން ޖަވާބުދާރީވާން ބޭނުންވެ ވަޑައިނުގަންނަވާތީ ކަމަށެވެ.

މަގާމުގައި ހުންނަވައިގެން އެ ތުހުމަތުތަކާ ކުރިމަތި ލެއްވުމުގެ ބަދަލުގައި އިސްތިއުފާ ދެއްވުމަށް ފަހު އެ ތުހުމަތުތަކަށް ޖަވާބުދާރީވެ ވަޑައިގަތުމުން އޭނާ އަށާއި އެމްއެމްއޭއަށް ވެސް މާ ފައިދާ ބޮޑުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ނަސީރު ވިދާޅުވި އެވެ.

ނަސީރާ ދެކޮޅަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އަދި ޑެޕިއުޓީ ގަވަރުނަރު އަބްދުﷲ އަޝްރަފް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އޭގެ ތެރޭގައި މިދިއަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ޔާމީންގެ އެކައުންޓަކަށް ބޮޑު އަަދަދުތަކުން ފައިސާ ޖަމާވެ، އެ ފައިސާ ނެގި މައްސަލާގައި އެފްއައިޔޫ އިން ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ނަސީރު ވެންނެވުމުން ހިމެނެ އެވެ.

އަޝްރަފް ވިދާޅުވި ގޮތުގައި އެފްއައިޔޫގެ ވެރިޔާގެ މަގާމުން އޭނާ ވަކިކުރުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ނަސީރު އޭނާއާ ފޯނުން ވާހަކަ ދެއްކެވި އެވެ.

އޭގެ އިތުރުން އެމްއެމްއޭގެ ޓެރަސް މަތީގައި ވެސް ބައްދަލުކުރެއްވި އެވެ. އެ ތިން ފަހަރު ވެސް ވާހަކަ ދެއްކެވީ އެފްއައިޔޫގެ މަސައްކަތް ވަކި ގޮތަކަށް ބައްޓަން ކުރަން ބާރު އަޅުއްވާ ގޮތަށް ކަމަށް ތުހުމަތުކުރެއްވި އެވެ.

އަދި ނަސީރު ގަވަރުނަރުގެ މަގާމުގައި ހުންނަވައިގެން ވަނީ އަޝްރަފު އެފްއައިޔޫއިން އެހެން މަގާމަކަށް ބަދަލުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ނަސީރު ވިދާޅުވީ އެފްއައިޔޫގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، އެ ޔުނިޓުން ގާނޫނު ލާޒިމު ކުރާ ރިޕޯޓުތައް ނަހަދާ ނަމަ އެކަމާ ފަރުވާ ކުޑަ ކުރާ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަކީ އޭނާ ގާނޫނީ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަދި އެ މަސައްކަތް އޭނާ ކުރެއްވީ ގާނޫނުގައިވާ ގޮތާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވަރުނަރުކަމުގައި ހުންނަވާތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފަހުން ނަސީރު އިސްތިއުފާ ދެއްވީ، އެމްއެމްއޭގެ އެތެރޭގެ ބައެއް ކަންކަން އުސޫލުން ބޭރުން ކުރަައްވާފައިވާ ކަމުގެ ތުހުމަތު އެޅި، އެކަމާ ބެހޭ ގޮތުން ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ޖަވާބުދާރީވެވަޑައިގެންފައި ވަނިކޮށެވެ.

ނަސީރަކީ މާލީ ދާއިރާގެ އެކިއެކި މަގާމުތަކުގައި 12 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ.
ހިޔާލު