MIRA ge board ashai tax negumaa behey gaanoonah badhalu gennan islaaheh hushahalhanee
image
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)--ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މީރާގެ ބޯޑަށާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ބަދަލުގެންނަން އިސްލާހެއް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށާއި ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ ބިލެއް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލައި، ރައީސް އޮފީހަށް ފޮނުވައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ހުށަހެޅޭ އިސްލާހުތަކުގެ ސަބަބުން މީރާގެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ ކޮމިޝަނާ އަދި ޑެޕިއުޓީ ޖެނެރަލް އޮފް ޓެކްސްސޭޝަން ޖަވާބުދާރީކުރެވޭނެ ކަމަށެވެ.

އިސްލާހުތަކުގެ ސަބަބުން މިހާރަށްވުރެ ހާމަކަން ބޮޑު ނިޒާމެއް ތައާރަފްވެ ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހުން މިހާރު އެ ބިލް ވަނީ ރައީސް އޮފީހަށް ފޮނުވާފައެވެ.

އިސްލާހީ ބިލުގައި މީރާގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރެވޭ ގޮތަށް ހަމަޖެއްސުމާ އެކު އެ ބޯޑު އެކުލެވޭ ގޮތް ބަދަލު ކުރުން ހިމަނާފައިވެއެވެ.

އަދި ކޮމިޝަނާ އާއި ޑެޕިއުޓީ ކޮމިޝަނާގެ މަގާމުގެ މުއްދަތެއް މިހާރު ކަނޑައެޅިފައި ނެތުމުން އެ ދެ މަގާމުގެ މުއްދަތެއް ކަނޑައެޅުމާއި، އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ މުދަލާއި ފައިސާގެ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅަންޖެހޭ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ޓެކްސްގެ މައްސަލަތަކުގައި މީރާއިން ނިންމާ ނިންމުން އިސްތިއުނާފް ކުރުމުން ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމަންޖެހޭ ގޮތަށް ހެދުމާއި އިސްތިއުނާފް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަމަށް ގާނޫނުގައި ބުނާ ބައެއް ކަންކަމަށް ލުއިތަކެއް ދިނުން ވެސް އިސްލާހީ ބިލުގައި ހިމެނެއެވެ.

ކުރިން މައްސަލަ ހުށަހަޅާއިރު ޓެކްސް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ޚަލާސް ކުރަން ޖެހެއެވެ. ނަމަވެސް އާ އިސްލާހުގައި ޓްރައިބިއުނަލްއަށް ޓެކްސްގެ ފައިސާގެ ގޮތުގައި ދައްކަންޖެހޭނީ ދައްކަން ޖެހޭ އަދަދުގެ 30 ޕަސެންޓްކަމަށް ވަނީ ބުނެފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ވާގޮތުން ޓެކްސާ ގުޅޭ ރޫލިންތައް ނެރުމާ ގުޅޭ އުސޫލުތަކަށް ވެސް ބަދަލުތައް ގެންނަން އެ ބިލުގައި ވަނީ ހިމަނާފަ އެވެ.
ހިޔާލު