Health ministry ge PS ge massalaeh ACC aai CSC ah!
image
މިނިސްޓްރީ އޮފް ހެލްތް ގެ ޕާމަނަންޓް ސެކްރެޓަރީ ހަދީޖާ އަބްދުއްސަމަދު-- ފޮޓޯ: ޑަބްލިއުއެޗްއޯ
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ހެލްތް މިނިސްޓްރީގެ ޕީއެސްގެ މައްސަލައެއް އޭސީސީ އާއި ސީއެސްސީ އަށް ހުށަހަޅައިފި

މިނިސްޓްރީ އޮފް ހެލްތް ގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހަދީޖާ އަބްދުއްސަމަދުގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅައިފި އެވެ.
ސީއެންއެ މަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަދީޖާއާ ބެހޭ ގޮތުން ހުށަހަޅާފައި ވަނީ، މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ ނުރުހުމުގައި، މަސައްކަތް ކުރާތަން ނޫން އެހެން ތަންތަނަށް ބަދަލު ކުރުމާއި ބަދަލު ކުރަން އުޅުނު ކަމުގެ މައްސަލަ އެކެވެ.

ޕީއެސްގެ މަގާމުގައި ހަދީޖާ ހުރެ އެކަން ކުރަން އުޅުނީ ސިޔާސީ ނުފޫޒުން ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައި ދިނުމަށް އަމިއްލަ ފަރާތަކުން ވަނީ އޭސީސީ އާއި ސީއެސްސީ އަށް ހުށަހަޅައިފަ އެވެ.

ސީއެންއެމަށް މައުލޫމާތު ދެއްވަމުން ސީއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޒުހުރީ ވިދާޅުވީ ހަދީޖާއާ ބެހޭ މައްސަލަ އަންގާރަ ދުވަހު ހެނދުނު 11:20 ގައި އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މިހާރު ކުރިއަށް ދަނީ އެ މައްސަލައިގެ ލީގަލް ރިވިއުކުރުން ކަމަށް ޒުހުރީ ވިދާޅުވި އެވެ.

އޭގެ އިތުރުން ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހަދީޖާ، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އިހުމާލުވެފައިވާ މައްސަލައެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން ހެލްތު މިނިސްޓްރީގެ ދަށުން 7000 މުވައްޒަފުން މަސައްކަތް ކުރާ އިރު، އެ މުވައްޒަފުންނާއި ހަދީޖާ ބައްދަލުކޮށްފައި ނުވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

އަދި މުވައްޒަފުންގެ ޝަކުވާތައް އަޑު އެހޭނެ ފަދަ ނިޒާމެއް ހެލްތު މިނިސްޓްރީން ގާއިމުކޮށްފައި ނުވާ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ.

މި މައްސަލައަކީ ހެލްތް މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ އެތައް މުވައްޒަފެއްގެ މަސްލަހަތު ހިމެނޭ ކަމަކަށްވުމުން، ނަން ހާމަ ކުރަން ބޭނުން ނުވާ ފަރާތަކުން ސީއެންއެމަށް ވިދާޅުވީ ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަ ކުރުމަކީ އާންމުކަމަކަށް ވެފައިވާ އިރު އެފަދަ މައްސަލަތައް ބެލޭނެ ނިޒާމެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މުއައްސަސާތަކުގައި ސެކްޝުއަލް ހެރޭސްމަންޓް ކޮމިޓީ އެއް އަދި ޝަކުވާ ހުށަހެޅުމަށް ގްރީވެންސް ކޮމިޓީއެއް އެކުލަވާލަން ޖެހޭއިރު އެފަދަ އެއްވެސް ކަމެއް ހަދީޖާ ކޮށްފައި ނުވާ ކަމަށެވެ.

ޕީއެސްގެ މަސްއޫލިއްޔަތަށް އިހުމާލުވާ މައްސަލަ ބަލައި ދިނުމަށް އޭސީސީ އާއި ސީއެސްސީ އަށް ހުށަހަޅާފައި ވަނީ މުވައްޒަފުން ބަދަލު ކުރުމަށް ފޮނުވާފައިވާ މެމޯ އާއި ސިޓީ ފަދަ ހެއްކާ އެކުގަ އެވެ.

ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ގެ މަގާމާއި ހަދީޖާ ހަވާލުވީ 2016 ވަނަ އަހަރުގަ އެވެ.
ހިޔާލު

އަހުމަދު

ތިޔަކަން އިނގޭނީ ނިންމާގޮތަކުން... ތިޔަމީހާވެސްކަންކުރާނީ ދަށުގެ މުއައްޒަފުން ބުނެގެންކަމަށްވާނީ....
ތިޔައީ އަބަދުވެސް ހިތްނުރެހޭ މުއައްޒަފުންނަށް ވ އަހުވަދަށްކާ މިނިސްޓްރީއެއް. ޚާއްޞަކޮށް ހެލްތްވޯރކަރުންނަށް....