"Gaidheenekey effadhain jalu officerunge rakkaatherikan kashavarukohdheyn jehey"
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--ފޮޓޯ:މަޖްލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ގައިދީންނެކޭ އެއްފަދައިން ޖަލު އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ: މިނިސްޓަރު އިމްރާން

ޖަލުތަކުގައި ތިބޭ ގައިދީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ އިތުރުން، ޖަލު އޮފިސަރުންގެ ރައްކާތެރިކަން ވެސް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި އިމްރާން ވިދާޅުވީ ޖަލު އޮފިސަރުންނަށް ހިމާޔަތްދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެ މިނިސްޓްރީގެ ފުރިހަމަ ޒިންމާއެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުން އެއީ އަޅުގަނޑުމެންގެ ފުރިހަމަ ޒިންމާއެއް، ގައިދީންނަށް ރައްކާތެރިކަން ލިބިދޭންޖެހޭ ފަދައިން، އޮފިސާސްގެ ރައްކާތެރިކަމަށްވެސް އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭ، އަޅުގަނޑުމެން އޮފިސަރުންނަށް ލިބިދޭންޖެހޭ ހިމާޔަތާ އިނާޔަތްތަކަށްވެސް މަސައްކަތް ކުރަންޖެހޭ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އެކަން ކަށަވަރުކޮށްދިނުމަށް މިނިސްޓްރީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އޮފިސަރުންނަށް ދޭން ޖެހޭ ތަމްރީނާ އިނާޔަތްތައް ދިނުމުގެ މަސައްކަތްތައް، މިނިސްޓަރުގެ މަގާމާއި ހަވާލުވީންސުރެ ކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.

މީގެ އިތުރުން އެ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކޮށް ޖަލު އޮފިސަރުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޖަލުގައި ހަމަނުޖުހުމެއް ދެން އިތުރަށް ނުހިނގާނެކަން ކަށަވަރު ކުރުމަށް އެންމެ މުހިއްމު ފިޔަވަޅަކީ އޮފިސަރުންނަށް ފުރިހަމަ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުން ކަމަށެވެ.

ކުރިން ވެސް ދިޔައީ އެ މަސައްކަތް ކުރައްވަމުން ކަމަށާއި މިހާރު ވަނީ އެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން ޖެހިފައި ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިއަހަރު މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް އިޝާރަތް ކުރައްވާ އިމްރާން ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ކުށްވެރިންނަކީ އަނބުރާ މުޖުތަމައުއަށް އިސްލާހު ކުރުމަށްފަހު ނެރެވޭނެ ބަޔަކަށް ހެދުން ކަމަށެވެ.

އެހެންކަމުން އެމީހުންނަކީ އަނިޔާކޮށް އަދަބު ދީގެން ހިފަހައްޓަން ޖެހޭ ބައެއް ނޫން ކަމަށާއި ސަރުކާރުން ސިޔާސަތަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން އިހުންސުރެ އޮތް ޖަލު އަނިޔާގެ ސަގާފަތް ނެތެމުންދާ ކަމަށެވެ.

ރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓެއް ހެދުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދަކަށް ވާއިރު، މިދިޔަ މޭ މަހު އޮޑިޓް ރިޕޯޓް އެކުލަވާލައި ވަނީ އާންމުކޮށްފަ އެވެ.

ކަންބޮޑުވާހާ ގިނަ މައްސަލަތަކެއް ޖަލުތަކުން ފާހަގަކުރެވިފައިވާ އިރު، ހުރިހާ ކަމެއް އިސްލާހް ކުރުމަށް އެއް އަހަރުގެ މުއްދަތެއް ހޯމް މިނިސްޓްރީން ވަނީ ކަނޑައަޅާއިފަ އެވެ.

އަދި އޮޑިޓް ރިޕޯޓްގައިވާ ކަންކަން ތަންފީޒުކުރޭތޯ ބެލުމަށް ހޯމް މިނިސްޓްރީން ވަނީ ކޮމެޓީއެއްވެސް އެކުލަވާލައިފަ އެވެ.

އެކޮމިޓީގައި ހޯމް މިނިސްޓަރު އިމްރާން ގެ އިތުރުން މިނިސްޓަރު އޮފް ސްޓޭޓް ފޯ ހޯމްއެފެއާޒް އަލީ ނަޒީރާއި އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސް އަހްމަދު މުހައްމަދު ފުޅާއި ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް ގެ އިތުރުން ޗީފް އިނިސްޕެކްޓަރު އޮފް ޕޮލިސް އިޒްމިއާ ޒާހިރު ހިމެނެއެވެ.
ހިޔާލު