Minivan kamah 54 aharu: Minivan dhuvahah Kalhi eh
image
އިހު ޒަމާނުގައި މާލޭ ހުކުރު މިސްކިތުގެ މުންނާރު--
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

މިނިވަންކަމަށް 54 އަހަރު: މިނިވަން ދުވަހަށް ކަޅިއެއް

އިނގިރޭސީންގެ އަތް ދަށުގައި 78 އަހަރު ރާއްޖެ އޮތް އޮތުމަށް ފަހު ދިވެހިންގެ އަރުގައި މިނިވަންކަމުގެ ފޮނިރަހަލިތާ މިއަދު މިވަނީ 54 އަހަރުވެފައެވެ. 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު، ދިވެހިންނަށް ފުރިހަމަ މިނިވަންކަން ލިބުނުއިރު މިއަދާއި ހަމައަށް ވެސް މިނިވަން ދުވަހާއި ގުޅޭ ފުރިހަމަ މައުލޫމާތު ނުލިބޭ އެތައް ބަޔަކު ދިވެހިންގެ ތެރޭގައި ތިބިކަމީ އަލުން މިހަނދާންތައް އާކޮށްލަން ޖެހޭ ކަމެކެވެ.
ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔައީ 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، ރާއްޖޭގެ އޭރުގެ ރަދުން އައްސުލްޠާން މުހައްމަދު މުއީނުއްދީން ދެވަނަ އާއި ސިލޯނުގައި ހުންނެވި، އިނގިރޭސި ގަވަރުނަރު ސާ އޭއެޗްގޯޑްންއާ ދެމެދު ކުރެވުނު މުއާހަދާއެއްގެ ދަށުންނެވެ. އެ މުއާހަދާގައިވާ ގޮތުން ރާއްޖޭގެ ހާރިޖީ ކަންކަން ހިންގާނީ އިނގިރޭސި ދައުލަތް މެދުވެރިކޮށެވެ. އަދި ރާއްޖެއަކީ އިނގިރޭސީންގެ ހިމާޔަތް ލިބިގެންވާ ގައުމެކެވެ.

އޭގެ އިތުރުން އެމުއާހަދާގައިވާ ގޮތުން ރާއްޖޭގެ ރަސްގެފާނަކީ އިނގިރޭސި ދައުލަތުގެ ރުހުން ލިބިފައިވާ މީހަކަށް ވެސް ވާން ޖެހެއެވެ. އަދި ކޮންމެ އަހަރަކު އިނގިރޭސި ދައުލަތަށް ރާއްޖެއިން ޖިޒީ ފޮނުވަން ވެސް ޖެހެއެވެ.

ކޮންމެއަކަސް އެ މުއާހަދާއަށް އަމަލު ކުރަމުންދަމުން ވެސް ރާއްޖެއިން ވަނީ އިނގިރޭސީންގެ އަތްދަށުން ސަލާމަތްވުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ނަތީޖާއަކަށްވީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު އާ މުއާހަދާއެއް އެކުލަވާލުމެވެ. އެމުއާހަދާގައި ވަނީ ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ގަބޫލު ކޮށްފައިވާ ކަމެވެ.

އެއާއެކު ސިޔާސީ ގޮތުންނާއި، އެހެނިހެން ވެސް ގޮތްގޮތުން ގައުމުތަކާއި އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކަ ސީދާ އަމިއްލައަށް ގުޅުން ހިންގުމުގެ ހައްގު ރާއްޖެއަށް ލިބިގެން ދިޔައެވެ.

އެ ތާރީހީ އެއްބަސްވުމުގައި ސޮއި ކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު ރާއްޖެ ގަޑިން 10:00 ގައި ސިލޯނު (ސްރީލަންކާ) ގެ ކޮޅުނބުގައި ހުންނަ އިނގިރޭސި ދައުލަތުގެ ހައި ކޮމިޝަނު ގައެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އަދި އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނާ ސާ މައިކަލް ވޯކާ އެވެ.

ރާއްޖޭގެ ތާރީހުން އެނގެން އޮތް ގޮތުގައި ދެ ފަހަރެއްގެ މަތިން ރާއްޖެ ބައެއްގެ އަޅުވެތި ކަމުގެ ދަށަށް ދާން ޖެހުނެއެވެ. އެއީ މީލާދީން 1558 އިން 1573 އަށް ޕޯޗުގީޒުން ރާއްޖެއަށް އަތްގަދަކުރި ދުވަސްވަރާއި ހިޖުރައިން 1166 ގައި ހޮޅިން ރާއްޖެ ހިފި ދުވަސްވަރެވެ.

އަޅުވެތިކަމުގެ ތެރެއަށް ދިވެހިން ވެއްޓިގެން ދިޔަ ކޮންމެ ފަހަރަކު ވެސް ކާބަފައިންގެ ތެރެއިން ބަޔަކު ވަނީ ގައުމުގެ ދިފާއުގައި ނިކުމެ އެމީހުންނާ ކުރިމަތިލާފައެވެ. އެގޮތުން ޕޯޗުގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކުރުމަށް ބޮޑުތަކުރުފާނުގެ ނިކުތްއިރު ހޮޅިންގެ އަތްދޮށުން ގައުމު ސަލާމަތް ކުރީ ދޮން ބަންޑާރައިން ނިކުމެއެވެ. ދިވެހި ފަސްގަނޑު އަނބުރާ ދިވެހިންނަށް ހޯދައިދިނުމަށް އެތައް ކުރިމަތިލުމެއް ކުރިމަތިލުމުގެ ނަތީޖާއަކީ ދިވެހިންނަށް މިނިވަންކަމުގެ ނޭވާ ލުމުގެ ފުރުސަތު އަލުން ލިބިގެންދިއުމެވެ.

ކާބަފައިންގެ މިންނެތް މަސައްކަތުން އަދުގެ ޖީލުތަކަށް ހޯދައިދީފައި މިވާ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދިވެހިން ގަދައަޅާ ކުރަން ޖެހެއެވެ. މިނިވަންކަމުން އަޅުވެތިކަމުގެ ހިތިރަހަ އަރުގައިލާން އެއްވެސް ދިވެއްސަކު ބޭނުންނުވާނެކަން ޔަގީނެވެ.
މިނިވަން ދުވަސް
ހިޔާލު

ސސ

އިގިރޭސިން ނާއި ފުރާންސު މީހުން އަޅުވެތި ކޮށްގެން އުޅުނު ގައުމު ތަކުގައި އޮންނަ ސަގާފަތެއް މިނިވަން ދުވަސް އާލާކޮށް އެކަން ހާދުމަކޮށްދިނުން އިގިރޭސި ވިލާތުގެ އަޅުންގެ ގޮތުގައި ތިބެން ހިއްވާ ބަޔަކު މިފަދަ ދުވަސް ފާހަގަ ކޮށްފާނެ !

ލަދު

އަހަރު މެންނަކީ އެއްވެސް އިރެއްގައި އިންސާނުންގެ އަޅުންގެ ގޮތުގައި ދިރިއުޅުނު ބަޔެއް ނޫން، އަބަދުވެސް ﷲ ގެ އަޅުންގެ ގޮތުގައި މިނިވަންނުންގެ ގޮތުގައި ދިވެހިންތިބީ ! މީ ފިކުރީ ހަނގުރާމައިގެ ވިސްނުން އިންސާނުން އަޅުވެތި ކުރަން ދުވަސް ފާހަގަކުރުން !