JSC ah kurimathilumuge furusathu dhashu court thakuge fan'diyaarunnah hulhuvaalaifi
image
ޖޭއެސްސީގެ މެމްބަރުން-- ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޖޭއެސްސީ އަށް ކުރިމަލުމުގެ ފުރުސަތު ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ހުޅުވާލައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއީ) އިން މިއަދު ހުޅުވާލައިފި އެވެ.
ޖޭއެސްސީގެ މެމްބަރު ކަމަށް ދަށު ކޯޓުގެ ފަނޑިޔާރަކު ހޮވުމަށް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު އެވެ.

ދަށު ކޯޓުން ޖޭއެސްސީ އަށް ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

އެދުވަހުގެ މެންދުރު 02:00 އާ ހަމައަށް އިންތިހާބާއި ބެހޭ މަރުކަޒު، ބާ ޖަމާލުއްދީނުން މަގާމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް ބަލައިގަންނާނެ އެވެ.

ދަށު ކޯޓު ތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި މިހާރު އިންނަވަނީ ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު އީސާފުޅެވެ.

ޖޭއެސްސީގެ މެމްބަރު ކަމަށް ބޭފުޅުން އިންތިހާބް ކުރަނީ ފަސް އަހަރުގެ ދައުރަކަށެވެ. އެ މަގާމަށް މުހައްމަދު އީސާފުޅު އިންތިހާބްކޮށްފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގައިކަމުން މިއަހަރު އޭނާގެ ދައުރު ހަމަވާނެ އެވެ.

މި އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތަކީ ދަށު ކޯޓެއްގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކޮށްފައި ނެތުމާއި ދަށު ކޯޓުގެ ފަނޑިޔާރެއް ކަމުގައި ވުމެވެ.
ހިޔާލު