Dhiraagun bayeh hidhumaiy medhu kendenee upgrading masakkaiy kuraathee
image
ދިރާގު ހެޑް އޮފީސް-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ބައެއް ހިދުމަތްތައް ހޯދުމުގައި ދަތިވަނީ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާތީ: ދިރާގު

ދިރާގުގެ ބައެއް ހިދުމަތްތައް ލިބުމުގައި ދަތިތަކާއި ކުރިމަތިވަމުން ދަނީ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ގުޅިގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގުން ނެރުނު ބަޔާނެއްގައި ބުނީ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަނީ އެ ކުންފުނިން ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މުހިއްމު މަސައްކަތް ކަމަށާއި އެއީ ޓެކްނިކަލް ގިނަ ކަންކަން އެކުލެވޭ މަސައްކަތެއް ކަމަށް ދިރާގުން ބުންޏެވެ.

އެގޮތުން ސަޕޯޓު ހިދުމަތްތަކުގެ ތެރެއިން ރީލޯޑް އަދި ރީޗަރޖް އާއި ގުޅޭ ޚިދުމަތްތަކާއި، މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން، ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕާއި، މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަ) އާއި ދިރާގު ކަސްޓަމަ ސާވިސް ސެންޓަރުތައް އަދި ދިރާގު ޕާޓްނާޝޮޕް ތަކުން އައު މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުމުގެ އިތުރުން މޮބައިލް ނަންބަރު ޕޯޓަބިލިޓީ ހިދުމަތަށް މައްސަލަ ދިމާވުން އެކަށީގެންވާ ކަމަށެވެ.

އެކަމަކު ޑޭޓާ، އެސްއެމްއެސް އަދި ވޮއިސް ކޯލުގެ ހިދުމަތް އެއްވެސް އުނދަގުލެއް ނެތި ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އޭގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ވެސް ހިދުމަތް ހޯދުމުގައި ބައެއް ދަތިތަކާއި ކުރިމަތިވުން އެކަށީގެންވާ ކަމަށާއި، އެކަމަށްޓަކައި މައާފަށް އެދޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ މައި ޚިދުމަތްތަކަށް ވީހާވެސް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތް ރާވާ ކުރިއަށް ގެންދިޔުމެވެ،" ދިރާގުން ބުނެފައި ވެއެވެ.

ދިރާގުގެ މޮބައިލް ކަސްޓަމަރުންނަށް ބައެއް ހިދުމަތްތައް ހޯދުމުގައި ދަތިތަކާއި ކުރިމަތިވާން ފެށީ އަންގާރަ ދުވަހުގެ ހަވީރެވެ. ދިރާގުން ވަނީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ވަގުތުން ފަށާފަ އެވެ.
ދިރާގު
ހިޔާލު