Shaahidhu anna hafthaa budha dhuvahu majileehah haaziru kuranee
image
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ފޮރިން މިނިސްޓަރު ޝާހިދު އަންނަ ހަފްތާގެ ބުދަ ދުވަހު މަޖިލީހަށް ހާޒިރުކުރަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.
ތިން ވަޒީރަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، އެ ބޭފުޅުންގެ ބައެއް ދާއިރާތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މަޖިލީހުގެ އިދާރާ އިން ފޮނުވި 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިޔުޝާ ވަނީ ނޯޓިހުގެ މުއްދަތު ހަމަވެފައިވާ ވަޒީރުންގެ ތެރެއިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަ ހަފްތާގައި މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޝާހިދާއި ސުވާލުކުރަން ހަމަޖެހިފައިވަނީ ގަތަރާ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ދޭތޯ އާއި އެ ގައުމާ ގުޅުން ބަދަހި ކުރުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ހިމެނޭ ކަމެއްތޯ ބެލުމަށެވެ.

އެ ސުވާލު ހުށަހަޅާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު ވަނީ ހާރިޖީ ވަޒީރުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާ ސުވާލު ކުރެއްވުމަށް ވެސް ހުށަހަޅައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އާއްމު ފާތުމަތު ނިއުޝާ މިއަދު ވިދާޅުވީ ވަޒީރުން މަޖިލިހަށް ހާޒިރުވެވަޑައިނުގެންނެވުނީ ރަށުގައި ނޫޅުއްވާތީ ކަމަށެވެ. އަދި މިނިސްޓަރުން ރަށުގައި އުޅުއްވާ ތާރީހެއް ބަލާފައި ސުވާލުތައް އެޖެންޑާ ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާންއާ ސުވާލު ކުރަނީ ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އާއި އެ ދުވަހަށް ފަހު ހިނގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝާއާ ސުވާލު ކުރަނީ މާލޭގައި ޕާކިން މައްސަލަ އަށް ހައްލު ނުހޯދައި ފުލުހުން ސްޓިކާ ޖަހަމުން އަންނަ މައްސަލައިގަ އެވެ.
ހިޔާލު