Leena ge review: Olympuhuga elhuvee furihama nuvaa film eh tha?
image
ލީނާގެ ޕޯސްޓަރެއް--
4 ކޮމެންޓް
 

ލީނާގެ ރިވިއު: އޮލިމްޕަހުގައި އެޅުވީ ފުރިހަމަ ނުވާ ފިލްމެއްތަ؟

"ލީނާ" އަކީ މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނައެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލި އަޒްލީނާ ނަފީސްގެ މަރު އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ލިޔުމުގައި މިވަނީ އޮލިމްޕަހުގެ ބޮޑު ސްކްރީނުގައި ފިލްމު ބެލުމަށް ފަހު ފިލްމާ މެދު އަޅުގަނޑުގެ ހިޔާލެވެ.
ކޮންމެ ފިލްމެއް ވެސް ބަލަން ދާނީ ރީތި، ތަފާތު ވާނެ ކަމުގެ އުއްމީދުގަ އެވެ. އެހެންވެ މިދިޔަ ހަފްތާގެ ރެއެއްގައި އަޅުގަނޑު ވެސް އެކުވެރިއަކާއެކު އޮލިމްޕަހަށް ދިޔައީ ވަރަށް ރީތި، ތަފާތު ފިލްމެއް ބަލާލުމުގެ އުއްމީދުގަ އެވެ. ފިލްމު ފެށުނީ އުއްމީދީ ގޮތަކަށެވެ. އެކަމަކު ވަކި ހިސާބަކުން ފިލްމު ބަދަލުވީ ހަމަ އާދައިގެ ދިވެހި ފިލްމަކަށެވެ.

އެންމެ ބޮޑު ކަމަކަށް ފާހަގަވީ ފިލްމު ނިމުނު އިރުވެސް ގިނަ ބައިތަކެއް މަދުވެފައި ހުރިހެން ހީވި ހީވުމެވެ. ފިލްމެއް ފުރިހަމަ ވުމަށް އެ ފިލްމުގެ ސްޓޯރީ ނުވަތަ ވާހަކަ ފުރިހަމަ ވާން ޖެހެ އެވެ. އެކަމަކު "ލީނާ" އަކީ ފުރިހަމަ ނޫން ވާހަކައެއްގެ މައްޗަށް ބިނާކޮށް ހެދުމުން، ހަޑިވެފައިވާ ފިލްމެކެވެ.

ފިލްމު ނިމޭއިރު ވެސް، ފިލްމުގައި ލީނާގެ ރޯލުގައި އުޅޭ އެކްޓަރެސް އައްޒަ މަރާލީ، ޒުހޫރުގެ ރޯލުގައި އުޅޭ އެކްޓަރު ރޯލުކަން އެނގުނު ސަބަބެއް ބުނެދީފައެއް ނުވެ އެވެ.

ފިލްމުގެ ކާސްޓުންނަށް ބަލާއިރު މަރިޔަމް އައްޒަ ފެނިގެން ދިޔައީ ލީނާގެ ރޯލުންނެވެ. އޭނާ ފިލްމުގައި ފެނިގެން ދިޔައީ ވަރަށް ރަނގަޅު މަޑުމައިތިރި މިޒާޖެއްގެ ކުއްޖެއްގެ ރޯލުންނެވެ. ފިލްމުގައި ލީނާގެ ގާތިލް ނުވަތަ (ވިލަން) ރޯލުން ފެންނާނީ މުއާ އެވެ. މުއާ އަކީ ފިލްމުގެ ޑައިރެކްޓަރު ވެސް މެއެވެ. މުއާ އެ ފިލްމުގައި ފެނިގެން ދަނީ ވަރަށް ކެރޭ، ކޮންމެ ކަމެއް ވެސް ކޮށްފާނެ ނުބައި މީހެއްގެ ރޯލުންނެވެ.

އަލީ އާޒިމް (ދޮން އައްޔަ) ފެނިގެން ދިޔައީ ލީނާގެ ލޯބިވެރިޔާ ގެ ރޯލުންނެވެ. އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ފެނިގެން ދިޔައީ ލީނާގެ އެންމެ ގާތް ރަހުމަތްރެރިޔާގެ ރޯލުންނެވެ. ފިލްމުގައި މަރިޔަމް ހަލީމް ފެނިގެން ދަނީ އައްޒަގެ މަންމަ ގެ ރޯލުންނެވެ. އަހުމަދު ސައީދު ކައުންސިލަރެއްގެ ރޯލުން ފެނިގެން ދިޔައިރު ޒީނަތު ފެނިގެން ދިޔައީ މުއާގެ ލޯބިވެރިޔާގެ ރޯލުންނެވެ.

ފިލްމުގައި ފެނިގެން ދިޔަ ކާސްޓުންގެ އެކްޓިން އަށް ބަލާއިރު އެންމެ މޮޅު އެކްޓިން އެއް ދައްކާފައި ވަނީ ނުޒޫ އާއި މުއާ އެވެ. ފިލްމުގައި ނުޒޫގެ ރޯލު ވަރަށް ފުރިހަމަ އެވެ. އަދި އޭނާ ޑައިލޮގްތައް ގެނެސްދޭ ގޮތް ވެސް ވަރަށް ފުރިހަމަ ކަމަށް ފާހަގަ ކުރެވުނެވެ. ވިލަންގެ ރޯލުން ފެނިގެން ދިޔަ މުއާ ގެ އެކްޓިން ވެސް ވަރަށް ފުރިހަމަ އެވެ. އަދި އޭނާގެ އެކްޓިން ވަރަށް އަސްލު ކަން ފާހަގަކުރެވުނެވެ.

އެކަމަކު މިހާރު ރާއްޖޭގެ ފިލްމު އިންޑިސްޓްރީގައި އެންމެ ނަން މަޝްހޫރު އައްޒަގެ އެކްޓިން މި ފިލްމުގައި ކަމަކު ނުދިޔަ އެވެ. އައްޒަ ފެނުނީ މުޅި ފިލްމުގައި ވެސް "އޯވާ އެކްޓު" ކުރަމުން ދިޔަ މަންޒަރެވެ. ދޮން އައްޔަގެ އެކްޓިކް ރަނގަޅެވެ. މަރިޔަމް ހަލީމްގެ އެކްޓިން ވެސް ރަނގަޅެވެ. އަދި ޒީނަތުގެ އެކްޓިން ވެސް ރަނގަޅެވެ.

ފިލްމުގެ ލަވަތަކަށް ބަލާއިރު ފިލްމުގައި ފެނިގެން ދިޔަ ފުރަތަމަ ލަވަ ރީއްޗެއް ނޫނެވެ. ނަމަވެސް ދެވަނަ ލަވަ ވަރަށް ހިތްގައިމެވެ. އަޅުގަނޑުގެ ހިޔާލުގައި މި ފިލްމަކީ އޮލިމްޕަހުގެ ބޮޑު ސްކްރީނުގައި އަޅުވާ ފެންވަރަށް ހަދާފައިވާ ފިލްމެއް ނޫނެވެ. ފިލްމު ނިމުމާއެކު ފިލްމު ބަލަން ދިޔަ އެހެން މީހުން ވެސް ތިބީ ސުވާލު މާކެއްގެ ތެރޭގަ އެވެ. އެއީ މުޅި ވާހަކަ ރަނގަޅަށް ފުރިހަމަ ނުވަނީވެސް ކުއްލި އަކަށް ނިންމާލުމުންނެވެ. ބައެއް މީހުން "ދެން އެ ނިންމާލީ ހެއްޔޭ" ބުނާ އަޑު ވެސް އަޅުގަނޑަށް އިވުނެވެ.

މި ފިލްމަށް އަޅުގަނޑު ފަސް ތަރީގެ ތެރެއިން ދޭނީ ދެ ތަރި އެވެ.
ހިޔާލު

ޗަބީ

ވަކި ހިސާބަކުން އާދައިގެ ފިލްމަކަށް ބަދަލުވީ ގޮތެއް ނުބުނެދެވުނު. ދެން އެކްޓިންގ ގޯސް، އެކްޓިންގ ރަނގަޅު. މީ ރިވިއު އެއްތަ؟

ހެވެނީ

ފިލްމް ނިމުނު އިރުވެސް ނޭނގޭ ލީނާ ވަޅުލިކަމެއްވެސް. ނަން ޖަހާލާފަ ރިވިއު ލިޔެލަން ނުކެރުނީމަ ދެން އެނގިއްޖެ ރިވިއު ލިޔުނު މީހާގެ ފެންވަރު

ޙަސަނު

ރިވިއުގަ ލިޔަން އުޅުނު އެއްޗެއް ސާފެއް ނުވި. މަށަށް މިކިޔާފަ ބުނެވުނީ މީ ރިވިއުއެއް ހޭ؟

އަސްލު

އައްޒަ އެއްވެސް މޮޅެއް ނޫން. މާ އޯވާ ވެފަ. އައްޒަ އަސްލު އެކްޓަކަށް އެއްވެސް މޮޅެއް ނޫން. ބަލާލަން ކެރޭދެން، ސާޖަރީ ހެދީމަ ދެން ކޮންމެ މީހަކުވެސް ރީތިވާނެ ދޯ... ކުޑަ މިނުން ކިމް ކާޑެޝަންވެސް އެއްބަސް ނުވާނެ ޕްލާސްޓިކް ސާޖަރީ ހެދިކަމަކަށް