Jailam ge maruge massalaiga dhoo kuri 3 meehun alun hayyaru kuran amuru koffi
image
ޖައިލަމް އަހުމަދު ޝާކިރު--
0 ކޮމެންޓް
 

ޖައިލަމް މަރާލި މައްސަލާގައި ދޫކުރި ތިން މީހުން އަލުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފި

ހ. ހަންޑްރެޑް ފްލާވާސްގޭ ޖައިލަމް އަހުމަދު ޝާކިރު މަރާލި މައްސަލާގައި ހައްޔަރުކޮށް ދައުވާ ކުރަމުން ދަނިކޮށް ކުއްލިއަކަށް ބަންދުން ދޫކޮށްލި ތިން މީހަކު އަލުން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ މައްސަލާގައި ސ. ފޭދޫ، ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގު އަދި ޏ. ފުވައްމުލައް، ޖަމްނާ އަލީ އިރުފާން ބަންދުން ދޫކޮށްލާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެމީހުން އަލުން ހައްޔަރު ކުރުމުގެ އަމުރަކަށް ދައުލަތުން އެދުނީ އެމީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކާ ވާނެ ކަމަށް ބެލެވޭތީ އާއި ސިއްރު އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ކަމަށް މިއަދުގެ އަޑުއެހުމެއް ހާޒިރުވި ބައެއް ނޫސްތަކުން ރިޕޯޓުކުރެ އެވެ.

އެމީހުންގެ ދިފާއީ ވަކީލް ބުނެފައި ވަނީ އެމީހުން ދޫކުރުމަށް ކުރި އަމުރު ދައުލަތުން އިސްތިއުނާފު ނުކޮށް، ސިޓީއަކުން އެމީހުން ބަންދު ކުރުމަށް ކޯޓުގައި އެދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ދެ ފަރާތުގެ ވާހަކައަށް ރިއާޔަތްކޮށް އެމީހުން އަލުން ހައްޔަރު ކުރުމުގެ އަމުރެއް ގާޒީ އިސްމާއިލް ރަޝީދު ނެރުއްވީ އެމީހުން މިނިވަންވެފައި ތިބުމުން ހެކިވެރިންނާއި އެމީހުންގެ އާއިލާ އުޅެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ދައުލަތުން ބުނުމުންނެވެ.

2015 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު ދަރުބާރުގެ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި މާރާމާރީ ހިންގާ 12 ތަނަކަށް ވަޅި ޖަހާފައި ވެއެވެ.

އެ މައްސަލާގައި އިތުރު މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. އެއީ ގއ. ވިލިނގިލި، ފިޔަޖަހާގެ މުހައްމަދު ހުމައިދެވެ. އެ މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެހި ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ އެވެ.
ހިޔާލު