Raajje "himaayaiy" kuran jehunee kaakuge kibain?
image
ރާއްޖެ އަށް ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރައްވަނީ--
ރައްޔާން މުޙައްމަދު
2 ކޮމެންޓް
 

ރާއްޖެ "ހިމާޔަތް" ކުރަން ޖެހުނީ ކާކުގެ ފަރާތުން؟

މީލާދީން 1965 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކަމުގައި ފާހަގަކުރަމުން އަންނަތާ މިއަދަށް މިވަނީ 54 އަހަރުވެފަ އެވެ. މިނިވަން ދުވަސް ފާހަގަކުރާތާ 54 އަހަރު ވެފައި ވިޔަސް، ހިތާމައަކީ ގިނަ ދިވެހިންނަށް މިނިވަން ދުވަހުގެ ތާރީހުގެ އިތުރުން، މި ތާރީހީ ދުވަހާއި ގުޅޭ މާ ގިނަ މައުލޫމާތުތަކެއް ލިބިފައި ނުވާ ކަމެވެ. ރާއްޖޭގެ މަދަރުސާތަކުގައި ވެސް މިނިވަން ދުވަހާއި ބެހޭ ގޮތުން އެންމެ އެދެވޭ ތައުލީމް ފޯރުކޮށްދެވޭ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
ޖުލައި 26 މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެދުވަހަކީ ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ދުވަސް ކަމުގައި ވާތީ އެވެ. ނަމަވެސް އޭގެ ކުރިން ވެސް މިނިވަން ގައުމެއްގެ ގޮތުގައި އޮތް ރާއްޖެ އިނގިރޭސީންގެ "ހިމާޔަތު" ގެ ދަށަށް ދާން ޖެހުނު ސަބަބު މިއީ ކޮންމެ ދިވެހި ދަރިއަކަށް ވެސް އިނގެން ޖެހޭ މައުލޫމާތެކެވެ. މުސްތަގުބަލުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށެވެ. މިއަދު އަޅުގަނޑުމެންނަށް މިފެންނަ މިނިވަން ރާއްޖެ އެ މަންޒިލަށް ވާސިލްވާން ކުރި ދަތުރު ފަހުމްވުމަށްޓަކަ އެވެ.

އިނގިރޭސީންގެ ހިމާޔަތަށް ދިވެހިރާއްޖެ ދިޔައީ 16 ޑިސެމްބަރު 1887 ވަނަ އަހަރުގައެވެ. ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެންދިޔަ އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔައީ ދިވެހިންގެ ތެރެއިން ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ކުރަމުން ދިޔަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިކަމަށް މެދުވެރިވި ސަބަބު އެކި ބޭފުޅުން އެކި ގޮތަށް ވިދާޅުވީ ނަމަވެސް، އެންމެ މަޤްބޫލުކޮށް ބުނެވޭ ގޮތަކީ، ރާއްޖޭގައި އޭރު އޮތް ސިޔާސީ ދެ އާއިލާ ކަމުގައިވާ ކަކާގޭ އާއިލާއާއި އަތިރީގޭ އާއިލާއާ ދެމެދު ކުރިޔަށް ދިޔަ ތަޅާފޮޅުމެއްގެ ތެރޭގައި، އޭރުގެ ރަދުންނަށް އިނގިރޭސީންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް މަޖުބޫރުވުމުވެ. އެގޮތުން އެދުވަސްވަރު މާލޭގައި ހިނގާދިޔަ "ބޮޑުހުޅު" ގެ ނަމުން ނަން ދެވިފައިވާ އަނިޔާވެރި ބަގާވާތަކީ ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔުމުގައި އެންމެ މުހިއްމު ދައުރެއް އަދާކޮށްފައިވާ ހާދިސާކަމަށް ތާރީހީ ފޮތްތަކުން ހެކިދެއެވެ. ބޮޑުހުޅުގެ އަނިޔާވެރި ހާދިސާ ހިނގާފައި ވަނީ އަތިރީގޭ އާއިލާގެ ބޭފުޅުންނާ ކަކާގޭ އާއިލާގެ ބޭފުޅުންގެ މެދުގައި އޮތް ފިތުނަވެރިކަމާއި، ވެރިކަމަށް އަތްގަދަ ކުރުމުގެ ރޫހުގެ ސަބަބުން ބޮޑުންގެ މެދުގައި އުފެދިފައިވާ ކޯޅުންތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މި ދެެ އާއިލާގެ މެދުގައި އުފެދިފައިވާ ސިޔާސީ ކޯޅުންގަނޑުގެ ސަބަބުން މީލާދީން 1857 ވަނަ އަހަރު، މުސްކުޅި ބަންޑާރައިންގެ ރަސްކަމުގައި އަތިރީގޭ އަލީ ދޮށިމޭނާ ކިލެގެފާނުގެ ވިޔަފާރި ބަލިކޮށްލެއްވުމަށް ކަކާގޭ އަލީ ރަންނަބަނޑޭރި ކިލެގެފާނުގެ ދޮށީ ދަރިކަލުން މުހައްމަދު ރަންނަބަނޑޭރި ކިލެފާނުގެ އެހީއާއެކު ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމަށް ވޯރާވިޔަފާރިވެރިން ރާއްޖެ ގެނެވުނެވެ. މިކަން ކުރެއްވީ އަލީ ދޮށިމޭނާ ކިލެގެފާނުގެ ނުގަބޫލުގަ އެވެ. ނަތީޖާއަކަށްވީ މުސްކުޅި ބަންޑާރައިންގެ ރަސްކަމުގައި އަލީ ދޮށިމޭނާ ކިލެފާނު ބޮޑުބަނޑޭރިކަމުން އިސްތިއުފާ ދެއްވުމަށްފަހު، އެކިލެގެފާނުގެ ދޮށީ ދަރިކަލުން އިބްރާހީމްދީދީ އާއި އަދިވެސް އެކިލެގެފާނުގެ ބައެއް ގާތް ބޭފުޅުންނާއެކު ސިލޯނުގެ ގާލީއަށް ވަޑައިގަތުމެވެ.

މުސްކުޅި ބަންޑާރައިން 48 އަހަރުގެ ދިރު ވެރިކަމެއް ކުރެއްވުމަށް ފަހު އެރަދުން އަވަހާރަވުމުން ތަހުތަށް އިސްވެވަޑައިގަތީ އެރަދުންގެ ދެވަނަ ދަރިކަލުން އިބްރާހީމް ނޫރައްދީނެވެ. ނޫރައްދީން ބަންޑާރައިންގެ ރަސްކަމުގައިވެސް އެންމެ ފުރަތަމަ ބޮޑުވަޒީރަކަށް ހުންނެވީ މުސްކުޅި ބަންޑާރައިންގެ ރަސްކަން ނިމިދިޔައިރު ބޮޑުވަޒީރެއްގެ ގޮތުގައި ހުންނެވި ކަކާގޭ މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނެވެ. ނަމަވެސް ނޫރައްދީން ބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއްނުވެ ގާލީގައި ހުންނެވި އަތިރީގޭ އިބްރާހީމްދީދީއަށް ފަތްކޮޅެއް ފޮނުއްވައިގެން މާލެ ގެންނަވައި ބޮޑުވަޒީރުކަން ދެއްވާ އިބްރާހީމް ދޮށިމޭނާ ކިލެގެފާނަށް ބޮޑުބަނޑޭރިކަން ދެއްވި އެވެ. އަދި ނޫރައްދީން ރަދުންގެ ދައިތާފުޅު މާންދޫގޭ ގޮމަޔާ ކައިވެނި ބައްލަވައިގެންނެވާ ބައްޕާފުޅަށް އޮތް ދޮށިމޭނާ ކިލެގެކަން އިބްރާހީމްދީދީއަށް ދެއްވި އެވެ. ވެރިކަމުގެ ތެރޭގައި އިބްރާހީމް ދޮށިމޭނާ ކިލެގެފާނަށް މިލިބިވަޑައިގެންނެވި ކުރިއެރުމުގެ ސަބަބުން ކަކާގޭ އާއިލާ އާއި އަތިރީގޭ އާއިލާގެ މެދުގައި އުފެދިފައިވާ ޒަމާންވީ ދެކޮޅުވެރިކަން އިތުރުވި އެވެ.

ނޫރައްދީން ބަންޑާރައިންގެ ރަސްކަމުގެ ފުރަތަމަ ދެ އަހަރެއްހާ ދުވަސްވަންދެން އަމާންކޮށް އޮތުމަށްފަހު ބޮޑުވަޒީރުކަން ބަދަލުވުމާ ގުޅިގެން އުފެދުނު ހަމަނުޖެހުމުގެ ތެރެއަށް ވޯރާވިޔަފާރިވެރިން ވަދެ އެބަޔަކު ރުހޭ ކޮޅަކަށް ޖެހެމުން ދިޔަ އެވެ. ވޯރާވިޔަފާރިވެރިންނަށް ދިވެހި ދައުލަތް ދަރަން ފެށުމުގެ ނަތީޖާއަކަށްވީ ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން އެންމެން ދައުލަތުގެ އިގްތިސާދީ ސިޔާސަތާ ދެކޮޅު ހަދާ ފާޑު ކިޔަން ފެށުމެވެ. ރަދުން ވޯރާވިޔަފާރިވެރިންނާ އެއްކޮޅަށް ހުންނެވި ނަމަވެސް ބޮޑުވަޒީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ހުންނެވީ ވޯރާވިޔަފާރިވެރިންނާ ދެކޮޅަށެވެ. ނަތީޖާއެއްގެ ގޮތުން ރަދުންނާ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ގުޅުން ކުޑަވެ ވެރިކަމުގެ ތެރޭގައި ހަކުރާ މަނިކުފާނުގެ ނުފޫޒު ގަދަވެގެން ދިޔަ އެވެ. އޭގެ ސަބަބުން އަނެއްކާ ވެސް ކަކާގޭ މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނު ނޫރައްދީން ބަންޑާރައިންގެ ބޮޑުވަޒީރަކަށް ވެގެން ދިޔައެވެ. އޭރުވެސް ބޮޑުބަނޑޭރިއަކަށް ހުންނެވީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނެވެ.

ކަކާގެ އާއިލާއަށް ލިބުނު ކުރިއެރުމާއެކު 1886 ވަނަ އަހަރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ރޭވުމުގެ މަތިން ނޫރައްދީން ރަދުން ރަސްކަމުން ދުރުކުރެވުނެވެ. އަދި އެހަރުގެ ޑިސެމްބަރު މަހު 28 ވަނަ ދުވަހު މުސްކުޅި ބަންޑާރައިންގެ ދޮށީ މަނިއްޕުޅުގެ ދޮށީ ދަރިކަލުން މުހައްމަދު މުއީނުއްދީނުއްސާނީ ވެރިކަމާއި ހަވާލުވެވަޑައިގަތެވެ. ރަސްކަން ބަދަލުވުމާއެކު އަނެއްކާވެސް ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނަށެވެ. ވެރިކަން ބަދަލުވެގެން ދިޔައީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ރޭވުމުން ކަމުގައިވިޔަސް އާ ވެރިކަމަށް މާ ގިނަ ދުވަސްތަކެއް ނުވެ އޭނާ ބޮޑުވަޒީރުކަމުން ވަކިކުރައްވައި، މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނަށް ބޮޑުވަޒީރުކަން ދެއްވިއެވެ. އަދި ބޮޑުބަނޑޭރިކަމުގެ މަގާމަށް މުލީގޭދޮށީދީދީ ހަމަޖެއްސެވި އެވެ. މިކަމުގެ ސަބަބުން ވެރިކަމަށް ދަހިވެތިވަމުންއައި އަތިރީގޭ ބޭފުޅުންނަށް އަނެއްކާވެސް ހިތްދަތިކަމަކާ ކުރިމަތިލާން ޖެހުނެވެ.

ގާލީގައި ހުންނެވި ދުވަސްވަރު އިބްރާހިމް ދޮށިމޭނާ ކިލެގެފާނާ އިނގިރޭސީންނާ ދެމެދު ވަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައެވެ. އެދުވަސްވަރު ތުރުކީ ސަރުކާރުގެ ފަރާތުން ސިލޯނުގައި ހުންނަވާ ކައުންސިލަރު ކަމުގެ މަގާމް އިބްރާހިމް ދޮށިމޭނާ ކިލެގެފާނަށް ލިބިވަޑައިގެންނެވިއެވެ. މި މަގާމް ލިބުމާއެކު ސިލޯނުގައި އޮންނަ އިނގިރޭސި ސަރުކާރުގެ ފަރާތުން ޖޭޕީ ކަމުގެ އިއްޒަތް އިބްރާހިމް ދޮށިމޭނާ ކިލެގެފާނަށް ދެއްވި އެވެ. މީގެ އިތުރުން ނޫރައްދީންގެ ރަސްކަން ބަދަލުވެ މާލޭގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އިނގެރޭސިން މިމައްސަލައާއި ގުޅޭގޮތުން ސިޓީ ލިޔުއްވި އިރު، ސިޓީތައް ރަދުންނަށް އެޑްރެސްކުރުމުގެ ބަދަލުގައި ސިޓީ އެޑްރެސްކޮށްފައި ވަނީ އިބްރާހިމް ދޮށިމޭނާ ކިލެގެފާނަށެވެ. މިކަމުންވެސް އަތިރީގޭ އާއިލާ އާއި އިނގެރޭސިންނާއި އޮތް ގުޅުން ހާމަވެގެންދެ އެވެ.

މުއީނުއްދީސާނީ ގެ ރަސްކަމުގައި ލިބުނު ނާކާބިޔާބިއާއި ގުޅިގެން އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ގަސްދުކުރެއްވީ އަނެއްކާވެސް ރަސްކަން ބަދަލުކޮށްލެއްވުމަށެވެ. އެހެންނަމަވެސް މިފަހަރު ހަވަރާއި ރައްޔިތުން އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ބާރުގެ ދަށަކަށް ނުގެނެވުނެވެ. ނަތީޖާއަކަށްވީ ކޮންމެ ގޮތަކުންވިޔަސް ވެރިކަން ބަދަލުކުރަންބޭނުންވެ 19 ވަނަ ގަރުނުގެ ތެރޭގައި ރާއްޖޭގައި ހިނގައިދިޔަ އެންމެ އަނިޔާވެރި އެއް ހާދިސާ ހިނގުމެވެ. "ބޮޑުހުޅުގެ" ނަމުން ނަން ދެވުނު ބަގާވާތް އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ކުރެއްވި އެވެ. އެގޮތުން އެކިލެގެފާނުގެ އެކުވެރި ބައިގަނޑާއެކު އަތިރީގެއަށް އެއްވެ ސައްލާކުރުމަށްފަހު، އިނގިރޭސިންނަށް ރަށުގެ އަމަން އާންމު ބޮއްސުންލައިފިކަން އެންގުމުގެ ގޮތުން މާލޭގައި ހުޅުޖެހުމަށާއި، ވޯރާވިޔަފާރިވެރިންނަށް އަނިޔާކޮށް އެމީހުންގެ މުދަލަށް ގެއްލުން ދިނުމަށް ރޭވި އެވެ. އިބްރާހީމް ދޮށިމޭނާ ކިލެފާނުގެ މަގްދަސަކަށްވީ މުއީނުއްދީން ރަދުންނާއި އެރަދުންގެ ބޮޑުވަޒީރު މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނަށް ރާއްޖޭގައި އަމަން އަމާން ކަން ގާއިމް ނުކުރެވޭނެކަން އިނގިރޭސީންނަށް އެންގުމެވެ.

މި ބަގާވާތުގައި އިބްރާހީމް ދޮށިމޭނާ ކިލެގޭފާނާ އެކު ނޫމަރާ ގަނޑުވަރު ފާށަނާ ކިލެގެފާނާއި، މަލިމް މާފަތް ކިލެގެފާނާއި، އެސްޖެހި ގަނޑުވަރު ސައްޔިދު ކިލެގެފާނާއި، ހަސަން ވެލާނާ މަނިކުފާނާއި، މީރުބަހުރުގޭ އިސްމާއީލްދީދީ އާއި، ބުޗާގޭ ދޮންތުއްތާއި، ޔާގޫތު މޫސާ ކަލޭގެފާނާއި، ސައިކުރާ ކޮއި ގެ އިތުރުން ބުއްކޮއި ފަދަ އެތައް ބައެއް ބައިވެރިވި އެވެ. ބޮޑުހުޅުގެ ބަގާވަތުގައި އެތައް ބައެއްގެ ގެދޮރާއި މުދަލަށް ގެއްލުންދިނެވެ. އަދި ވޯރާވިޔަފާރިވެރިންގެ ތެރެއިން ދެމީހެއްގެ ބުރަކަށީގައި ވަޅިން އަޅައި ވަރަށް ޒަހަމް ކޮށްލާ ވޯރާވިޔަފާރިވެރިންގެ މީހަކު ވީނުވީއެއް ނޭނގިވަނީ ގެއްލުވާލައިފަ އެވެ. މި ބަގާވަތުގެ ފަހަތުގައި ހުންނެވީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުކަން ފަޅާއެރުމުން އެކިލެގެފާނާއި، އެކިލެގެފާނުގެ އެކުވެރިން ހައްޔަރުކޮށް އަދަބުދީ އަރުވާލެވުނެވެ.

މިކަން ސިލޯނުގައި ކިޔަވަން ހުންނެވި އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ ދޮށީ ދަރިކަލުން އަހުމަދު ދޮށިމޭނާ ކިލެގެފާނަށް އެނގުމުން ބައްޕަ ސަލާމަތްކުރުމުގެ މަސައްކަތް ފެށި އެވެ. އެގޮތުން އޭރު އިނގިރޭސި ސަރުކާރުގެ ހިމާޔަތުގެ ދަށުގައި އޮތް ސިލޯނުގެ ގަވަރުނަރު ސާ އާތަ ހެމިލްޓަން ގޯޑްން މާލޭގައި ކަން ހިނގި ގޮތް ތަހްގީގް ކުރުމަށް އިނގިރޭސި މަނަވަރެއް ރާއްޖެއަށް ފޮނުއްވިއެވެ. މިމަނަވަރުގައި ކެޕްޓަން ރޮޑްނީ އެމް ލޮއިޑް އާއެކު އަހުމަދުދީދީވެސް މާލެވަޑައިގަތެވެ. މާލޭގައި ހިނގާދިޔަ ކަންތައްތައް ތަހްގީގް ކުރުމަށްފަހު ކެޕްޓަން ލޮއިޑް ގަވަރުނަރު ގޯޑްން އަށް ފޮނުވި ރިޕޯޓުން ކެޕްޓަން ލޮއިޑްގެ ސިކުނޑިއަށް ދިވެހިރާއްޖެ އިނގިރޭސީންގެ ކޮލޮނީއަކަށް ނުވަތަ ޕްރޮޓެކްޓަރޭޓަކަށް ހެދުމުގެ ހިޔާލު ވަނެވެ. އިބްރާހިމް ދޮށިމޭނާ ކިލެގެފާނު ސަލާމަތް ކުރެއްވުމަށް އަހުމަދު ދޮށިމޭނާ ކިލެގެފާނު އިނގިރޭސީންގެ މަދަދު ހޯދުން ވެގެން ދިޔައީ ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް އިނގިރޭސީންނަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

ނަމަވެސް އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގެންދިޔުމުގެ މަގްސަދުގައި އިނގިރޭސީން ފެށި މަސައްކަތުގައ ފުރަތަމަ ކާމިޔާބުގެ ކުލަވަރު ޖެހޭ ގޮތެއް ނުވިއެވެ. ދިވެހިރާއްޖެއަކީ އިނގިރޭސީންގެ ކޮލޮނީ އަކަށް ވާކަށް ދިވެހިން ބޭނުމެއް ނުވިއެވެ. ނަމަވެސް މިކަމާމެދު އިނގިރޭސި ދައުލަތާ ދިވެހި ދައުލަތާ ދެމެދު ސިޓީތައް ދިޔައީ ބަދަލު ކުރެވެމުންނެވެ. އެންމެ ފަހުން ދިވެހިރާއްޖެ އިނގިރޭސީންގެ ހިިމާޔަތުގެ ދަށަށް ގެންދިއުމަށް އެބައިމީހުން އެގްރިމެންޓެއް ތައްޔާރުކޮށް އަަރަބި ބަހުން ލިޔުމަށްފަހު ރަދުން ލައްވާ ސޮއިކުރުމަށް، އަތިރީގޭ އަހުމަދުދީދީ އާއެކު އިނގިރޭސި މަނަވަރެއް މާލެ ފޮނުވިއެވެ. ކުރީފަހަރެކޭ އެއްގޮތަށް މިފަހަރުވެސް އެގްރިމްނަޓްގައި ސޮއިކުރެއްވުމަށް ރަދުން އިންކާރު ކުރެއްވިއެވެ. މިކަމަށް އިންކާރު ކުރެއްވުމުން އިނގިރޭސި މަނަވަރުގެ ބަޑިތައް މާލެއާއި ދިމާއަށް އަނބުރާލައިގެން ބާރަށް ދުއްވާފައި އައިސް ކިރިޔާ ނުބީހޭ މިންވަރަށް ތޮށި ކައިރިއަށް މަޑުކޮށްލި އެވެ. އަދި މަނަވަރުގެ ބައްތެލީގައި އަހުމަދު ދޮށިމޭނާ ކިލެގެފާނާއެކު އެވަފުދު މާލެ ފައިބާ ވަޑައިގެން "ސޮއި ނުކުރެއްވި ނަމަ ރަށް ފުނޑުފުނޑު އަރުވާލަފާނެއެވެ. ރަށަށް ހެޔޮ އެދެންޏާ ސޮއި ކުރައްވަން މަޖުބޫރުވީއެވެ." ވިދާޅުވި އެވެ. އެންމެ ފަހުން ރަދުންނަށް މަޖުބޫރުވެގެން 16 ޑިސެމްބަރ 1887 ގައި ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެންދިޔަ އެގްރިމެންޓްގައި ސޮއި ކުރެއްވީއެވެ.

އަތިރީގޭ އާއިލާއާ ކަކާގޭ އާއިލާގެ މެދުގައި އުފެދިފައިވާ ފިތުނަވެރިކަމާއި، ސިޔާސީ ވާދަވެރިކަމުގެ ނަތީޖާއަކަށްވެގެން ދިޔައީ އަޅުގަނޑުމެންގެ މި ލޮބުވެތި ވަތަން ދުނިޔޭގެ އިސްތިއުމާރީ އެންމެ ބޮޑު އެއްބާރު ކަމުގައިވާ އިނގިރޭސީންގެ "ހިމާޔަތު" ގެ އަޅުވެތިކަމުގެ ދަށަށް ދިއުމެވެ. ދިވެހި ތާރީހުގެ މާޒީވެ ގޮސްފައިވާ ދުވަސްތަކުގެ ތެރެއިން ގާތްގަނޑަކަށް 78 އަހަރު ދިވެހިރާއްޖެ އިނގިރޭސީންގެ ހިިމާޔަތުގެ އަޅުވެތި ކަމުގެ ދަށުގައި ހޭދަކުރަން ޖެހިފައިވެއެވެ.
ހިޔާލު

ލަކޫ

މީ ވަރަށަ ރަގަޅު އިބުރަތް ތެރި ލިއުމެއް ލިއުންތެރިޔާއަށް ޝުކުރު ދަންނަވަން !

ލަދު

އިގިރޭސިން ނާއި ފުރާންސު މީހުން އަޅުވެތި ކޮށްގެން އުޅުނު ގައުމު ތަކުގައި އޮންނަ ސަގާފަތެއް މިނިވަން ދުވަސް އާލާކޮށް އެކަން ހާދުމަކޮށްދިނުން އިގިރޭސި ވިލާތުގެ ނުވަތަ ފުރާންަސު އަޅުންގެ ގޮތުގައި ތިބެން ހިއްވާ ބަޔަކު މިފަދަ ދުވަސް ފާހަގަ ކޮށްފާނެ !
އަހަރު މެން ދިވެހިން ނަކީ އެއްވެސް އިރެއްގައި އިންސާނުންގެ އަޅުންގެ ގޮތުގައި ދިރިއުޅުނު ބަޔެއް ނޫން، އަބަދުވެސް ﷲ ގެ އަޅުންގެ ގޮތުގައި މިނިވަންނުންގެ ގޮތުގައި ދިވެހިންތިބީ ! މީ ފިކުރީ ހަނގުރާމައިގެ ވިސްނުން އިންސާނުން އަޅުވެތި ކުރަން ދުވަސް ފާހަގަކުރުމަކީ !