Bodethi thuhumathuthakeh kurevey Islamic Ministry PS ge suspension anehkaa ves ithuru kohfi
image
ސަސްޕެންޑް ކޮށްފައިވާ އިސްލާމިކް މިނިސްޓްރީގެ ޕީއެސް މުއްސަބު.
13 ކޮމެންޓް
 

ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ ސަސްޕެންޝަން އަނެއްކާ ވެސް އިތުރު ކޮށްފި

ބޮޑެތި ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑު ކުރި އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓަރީ މުއްސަބު އަބްދުﷲގެ ސަސްޕެންޝަނުގެ މުއްދަތު ދެ ވަނަ ފަހަރަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު އިތުރު ކޮށްފި އެވެ.
ސީރިއަސް މައްސަލަތަކެއްގެ ތުހުމަތުގައި ސިވިލް ސާވިސް އިން މުއްސަބު ސަސްޕެންޑް ކުރީ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އޭރު އޭނާ ސަސްޕެންޑް ކުރީ 30 ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމާ އެކު، އިތުރު 30 ދުވަހަށް އޭނާގެ ސަސްޕެންޝަން މިދިޔަ މަހުގެ 25 ގައި އޮތީ އިތުރު ކޮށްފަ އެވެ.

މިއަދަށް އެ މުއްދަތު ހަމަވާތީ، ސިވިލް ސާވިސް ކޮމިޝަނުން އަނެއްކާ ވެސް ވަނީ އޭނާ އިތުރު 30 ދުވަހަށް ސަސްޕެންޑް ކުރަން ނިންމާފަ އެވެ. ނަމަވެސް އެކަމާއި ގުޅިގެން ސިވިލް ސާވިސްގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

މުއްސަބާއި ގުޅޭ އިތުރު ތުހުމަތުތަކެއް، އެކަމަކު އޭނާ ދޮގުކުރޭ!

ގިނަ މައްސަލަތަކެއްގެ ތުހުމަތު ކުރެވިފައިވާ މުއްސަބުގެ މައްސަލަ ނުނިމި ލަސްވަމުން ދާތީ އިސްލާމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އޭނާ ސަސްޕެންޝަނުގައި ހުރެގެން އެ މިނިސްޓްރީގެ މުވައްޒަފުންނަށް ބިރު ދައްކާ ކަމަށް "ސީއެންއެމް" އަށް މައުލޫމާތު ދިން އިސްލާމިކް މިނިސްޓްރީގެ ގިނަ މުވައްޒަފުން ބުނެ އެވެ.

ސަސްޕެންޝަނުގައި ހުރެގެން މުއްސަބު ބިރު ދައްކާފައިވަނީ، އޭނާ އަނބުރާ އެ މަގާމަށް އައުމަށް ޕެޓިޝަނެއް ހެދުމަށް ފަހު، އެ ޕެޓިޝަނުގައި މުވައްޒަފުން ލައްވާ ސޮއި ކުރުވުމަށް ކަމަށް ވެއެވެ. އެގޮތުން އޭނާ އެނބުރި ވަޒީފާ އަށް ނިކުންނާނެ ކަމަށާއި، ނިކުތުމަށް ފަހު ޕެޓިޝަނުގައި ސޮއި ނުކުރާ މުވައްޒަފުން ވަކިކުރާނެ ކަމަށް ބުނެ ބިރުދައްކާ ކަމަށް ގިނަ މުވައްޒަފުން ބުނެ އެވެ.

"ޕީއެސްގެ [މުއްސަބުގެ] ދިފާއުގައި ޕެޓިޝަނެއް ތައްޔާރުކޮށް މުވައްޒަފުންގެ ނަންތަކާއި އެކު ޕީއެސް އޭނާގެ ސެކްޓްރީ އަށް އީމެއިލްކޮށް، އެޕެޓިޝަންގައި މިނިސްޓްރީގެ މުވައްޒަފުންލައްވާ އޭނާގެ ސެކެޓްރީ މެދުވެރިކޮށް ސޮއިކުރުވަން ނިމިދިޔަ ހަފްތާގައި މަސައްކަތްކޮށްފައިވޭ. އެ ޕެޓިޝަންގައި ސޮއި ނުކުރާ ކޮންމެ މުވައްޒަފަކަށް ޑިރެކްޓަ ޖެނެރަލް ސައީދު އަށް ވީގޮތް ވެގެންދާނެކަމަށް ސެކެޓްރީ މެދުވެރިކޮށް ވަކިވަކި މުވައްޒަފުންނަށް އިންޒާރު ވެސް ދިން،" ނަން ހާމަނުކޮށް ސީއެންއެމް އަށް މައުލޫމާތު ދިން އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މުއްސަބު ސަސްޕެންޑް ކުރުމުން، އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމާ ވަގުތީ ގޮތުން ހަވާލުވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނަރަލް ސައީދެވެ. ނަމަވެސް، ސިވިލް ސާވިސް ކޮމިޝަނުން ވަރަށް ފަހުން ވަނީ ސައީދު ވަޒީފާ އިން ވަކިކުރަން ނިންމާފައި ކަމަށް ވެއެވެ. އެކަމަކު އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެ އެވެ.

ޕެޓިޝަނެއް ހަދައިގެން އުޅޭކަން އެނގިވަޑައިނުގަންނަވާ ކަމަށް، ސީއެންއެމް އިން މުއްސަބު އަށް ގުޅުމުން ވިދާޅުވި އެވެ. އަދި މިނިސްޓްރީގެ މުވައްޒަފުންނަށް ތުހުމަތު ކުރި ފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. މުއްސަބު ސަސްޕެންޑް ކުރި ހަބަރު ޝާއިއު ކުރި ގޮތާއި މެދު ހިތްހަމަޖެހިވަޑައިނުގެން ހުންނެވި، މުއްސަބު ވަނީ ސީއެންއެމް އިން ކުރާ މަސައްކަތަކީ މީހުންގެ އަބުރު ކަތިލުމާއި، ފިތުނަ ފަސާދަ އުފެއްދުން ކަމަށް ވިދާޅުވެފަ އެވެ.

މުއްސަބު އެހެން ވިދާޅުވި ނަމަވެސް ސީއެންއެމް އިން އޭނާ އާ ގުޅޭ ގޮތުން ނުވަތަ ސީއެންއެމްގައި ޝާއިއު ކުރާ އެހެން ހަބަރެއްގައި ވެސް ދޮގު މައުލޫމާތު ހިމަނާފައެއް ނުވާނެ އެވެ. އަދި މުއްސަބު ސަސްޕެންޑް ކުރި ހަބަރު ސީއެންއެމް ލިޔެފައިވާނީ ސިވިލް ސާވިސް ކޮމިޝަނުގެ މަސްދަރުތަކުންނާއި، އިސްލާމިކް މިނިސްޓްރީގެ މަސްދަރުތަކުން، މައުލޫމާތުތައް ޔަގީން ކުރުމަށް ފަހު އެވެ.
ހިޔާލު

ނަޒުމާ

ކަރަޕްޝަން ހިންގާފަ ޕެޓިޝަނެއް ހެދީމާ އެ ނިމުނީތަ؟ މިކަހަލަ ކަންކަމުގައި ޕެޓިޝަނަށް ބަލާނަމަ، މައްސަލަ ތަހްގީގުކުރުމާއި ޝަރީއަތް ކުރާނެ ކަމެއް ނެތްތާ.. އޮފީސް މުވައްޒަފުންގެ މެދުގައި ވޯޓަކަށް ދިޔައިމަ އެވީދޯ.. ގިނަ ބަޔަކު އަތުއަޅުވާލެވޭ މީހާ އަކީ ޤާނޫނު ނުހިނގާ މީހަކަށް ވާނެ..

އަޒީމް

ވަޒީފާގެ ނުފޫޒުން މުއަށްޒަފުން ލައްވާ މަސައްކަތޮ ކުރާ މީހުންގެ ވަނަވަރު ހާމަކޮށް ނޫސްތަކުގައި ހާމަ ކުރުމަކީ، އެކަންކަން ހުއްޓުވަން އެޅޭ ވަރަށް ބޮޑު ބާރެއް. ކޮރަޕްސަނާ ހިޔާނާތާ ވައްކަމާ ބޭއިންސާފާ އެނގިތިބެމެ ހާމަ ނުކުރުމަކީ އެކަމަށް ދެވޭ ހިއްވަރެއް.
ނޫސްވެރިން ތިކުރާ ބުރަ މަސައްކަތަށް ސާބަހާ އައްސަރިބަސް އަރިސްކުރަން.

އެލެކްސް އަހުމަދު

މި ހަބަރު ލިޔެގެން ތި ލިބޭ ފައިސާ ހަލާލް ވާނެތޯ ވިސްނާލިންތަ؟ ފިކުރު ތަފާތު ވިޔަސް ބޮޑުވަރު. ސީއެންއެމް ހިތުން ކަލޭމެންވަރު އެނގޭ ބަޔަކު ނެތްދޯ!

ަޢަބްދުﷲ

މުސްޢަބް ހަބޭސް

ނާދެވޭނެ

ކިތަންމެވަރަކަށް މިނިސްޓްރީ އަށް އަންނަން ބިރުދައްކައިގެން ސޮއި ކުރުވި ޕެޓިޝަން ހުށަހެޅިޔަސް އެކަމެއް ނުވާނެ ދެން. ވަރަށް ސަލާމް!

ދޮގު ހެދުން

އިސްލާމިކް މިނިސްޓްރީގެ ޕީއެސްއަކަށް ކިހިނެއް ހެޔޮވާނީ. ހުސް ދޮގު ހަދަނީ ތި، ޕެޓިޝަން ހަދާފަ ސެކްރެޓަރީ އަށް އީމެއިލް ކުރީ. އެ މެއިލް ޑިލީޓް ކުރޭ ދެން، ކުރިޔަސް ހެކި ހުންނާނެ.

ޕެޓިޝަންހެދި

ޕެޓިޝަންހެދި. އެ އޮންނާނެ ކޮމިޝަނަށް ހުށަހަޅަފައި. އެކަން އެކޮމިޝަނަށް ހުށަހަޅައިގެން ޔަޤީން ކުރޭ

އަޖައިބު

މިިނިސްޓްރީގެ މުވައްޒަފުންނަށް ބިރު ދައްކަނީ ކާކުކަން ވަރަށް ސާފު.. ޕީއެސް ކަން ބޭނުން ވެގެން އުޅެނީ ކާކުކަން ވެސް ވަރަށް ސާފު.. ސީއެންއެމް އަށް ތިއޮތީ ވަރަށް ބޮޑަށް އޮޅިފުޅުވަޑައިގަތްފަ

އެނޮނިމަސް

މީހުންނަށް އަނިޔާދީ، އަބުރު ކަތިލުމަށް އެހީތެރިވުމީ ސީއެންއެމްގެ ކެރުންބާ؟

ގައުމުގެ ދޫ

އަސްލުވެސްތަ؟ސީއެން އެމް.އަކީ ދޮގު މައުލޫމާތު ފަތުރާބައެއް ނޫން ދޯ؟ ހަހާ. ދޮގު ހެދިއަސް ބޮޑު ވަރު ސީއެންއެމް.. ތި ޚަބަރު ގެނެސްދޭ ނޫސް ތަކަކީ ދޮގު ޚަބަރު ފަތުރާ ބައެއް... މީހުންގެ އަނބުރުކަތިލާ ބައެއް ތެދެއް މުއްސަބު އެބުނީ. މިހާރު ނޫސް، ރާއްޖެ ޓީވީ، ސީއެން އެމް މިއީ މިކަމުގެ މާހިރުން .... ވަގު އެމް.ޑީ.ޕީ ސަރުކާރުން ލާރި ދީފަ ތިބި ބައެއް، ރަނގަޅު ޚަބަރެއް ނުލިޔާނެ...ތެދު ޚަބަރެއް ނުލިޔާނެ... އަދި އެމީހުންގެ ޚަބަރާއި ބެހޭ ގޮތުން މީހަކު ނެގެޓިވް ކޮމެންޓެއް ކޮއްފިއްޔާ ޝާއިރު ވެސް ނުކޮއްދޭ...ދޮގު ހަދާ ބައެއް.... ހެއްދެވި ކަލާންގެ ދެކެ ބިރުވެތި ވެބަލަ... ދުލަކީ އެންމެ ނުބައި އަމަލު ކުރާ ގުނަވަނަން ވީހިނދު މި ނުބައި އަމަލްތަކުން ދުރެވެލުން ރަނގަޅު، ޚަބަރުގަ ލިޔަންޖެހޭނީ ތެދު ވާހަކަ...

ކޮސް

ހުސް ދޮގު

އަންތަރީސް

މަޢުލޫމާތު ނޭންގިތިބެ ލިޔެފައިން ވަރަށް ފިނޑި ޚަބަރެއް🙄 ސީއެންއެމް އިން އިސްލާމިކް މިނިސްޓްރީގެ ޕީއެސް އާ ހިތާވެފަ ހުރި ކަހަލަ.. މީހުންނޭ ކިޔާ ދޮގު ވާހަކަ ފަތުރާ ބައެއް

ބޯ ހަލާކު

ރޯ ބުހުތާނު ދޮގު ޚަބަރު ނުލިޔެ، ތަންކޮޅެއް ޒިންމާދާރު ޚަބަރުތައް ލިޔަންވެއްޖެއެއްނު؟ ތީ ހުސް ދޮގު... ދޮގުހަދައިގެން ނޫސްތަކުގައި ޚަބަރު ލިޔުއްވާ މީހުންގެ ވާހަކަ ފުރަތަމަ ލިޔަންވީނު! އެ މީހުންނާހެދި މުޅި ޤައުމުގައި ފަސާދައާއި ކޮރަޕްޝަން... މިނިސްޓްރީގެ މުވައްޒަފުން ބިރުން ހަލާކުވެފައި ތިބީ ކޮންބައެއްގެ ސަބަބުންކަން ނޭނގޭ ބައެއް ވަރަށް މަދުވާނެ އިސްލާމިކް މިނިސްޓްރީގައި