Minivan dhuvahuge ufalaai kurevey israafu!
image
މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން--
1 ކޮމެންޓް
 

މިނިވަން ދުވަހުގެ އުފަލާއި ކުރެވޭ އިސްރާފު!

މިއަދު ދިވެހީންގެ ރަމްޒު ކަމަށްވާ ޤައުމީ ދިދަ މިނިވަންކަމާއެކު ޖައްވުގައި ވިހުރޭތަން ފެންނަ ކޮންމެ ހިނދަކު ކޮންމެ ދިވެހި ދަރިއެއްގެ ޤައމީ ރޫހު އާލާވެގެން ދާނޭކަން ޔަޤީނެވެ. މިއަދު ދިވެހީން ގައުމީ ދިދައިގެ ހިޔަލުގައި މިނިވަންކަމާއެކު އުޅެމުންދާތާ 54 އަހަރު ފުރިފައިވާއިރު މިކަމުގެ ފަހަތުގައިވާ ބާނީގެ ހަނދާން އާ ކޮށްލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ފުރިހަމަ މިނިވަންކަން ހޯދުމަށް ދިވެހީން ކުރި ވަރުގަދަ ދަތުރުގައި ކާމިޔާބީގެ އައްސޭރިއަށް ވާސިލްވެ، އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް މިނިވަންކަން ލިބުނީ 26 ޖުލައި 1965 އެވެ.
ކޮންމެ އަހަރަކު ރާއްޖެއަށް މިނިވަން ކަން ހޯދައި ދެއްވި ބާނީންތަކުގެ އަގު ވަޒަންކޮށް ހަނދާންތައް އާލާކޮށް ޤައުމީ ރޫހު ވަރުގަދަ ކުރުމަށް އެތައް ހަރަކާތްތަކެއް ސަރުކާރުންނާއި، އަމިއްލަ ފަރުދުން ވެސް އިސްނަގައިގެން ވަރަށް ކުލަގަދަކޮށް ކުރަމުން ދެއެވެ. އެގޮތުން ހެވިކަމުގެ ހަރަކާތާއި ފުޅަނދުބުރާއި، ޕެރޭޑާއި ބަޑިބޭހުގެ ކުޅިވަރާއި މިފަދަ ހަރަކާތްތައް ފާހަގަކުރެވެ އެވެ. އެކަމަކު ކޮންމެ ކަމެއް ކުރުމުގައި ވެސް އިސްރާފާ ހަމައަށް ގޮސްފި ނަމަ އެ ހެދެނީ ގޯހެކެވެ.

މިނިވަންދުވަހާ ގުޅިގެން ސަރުކާރުގެ އެކި ވުޒާރާތަކުގައްޔާއި އެކި ސަރަހައްދުތަކުގައި ބޮކިފަތި ދިއްލުން މިވަނީ ފަހަކަށް އައިސް އާންމުކަމަކަށް ވެފައެވެ. މިނިވަން ދުވަސް އައުމުގެ ހަފްތާއެއް ނުވަތަ ފަސް ވަރަކަށް ދުވަސް ކުރިން މި ބޮކިތައް ސަރަހައްދުތަކުގައި ގިނަވާން ފަށައެވެ. ތެދެކެވެ. މިގޮތަށް ޤައުމީ ކުލަ ކުލައިން ބޮކިތައް ދިއްލާފައި ހުރުމުން މަންޒަރު ބަލާލަން ނުހަނު ހިތްގައިމެވެ. ހިތަށް އުފާވެރިކަން ވެސް އިހުސާސް ކުރެވެއެވެ. އެކަމަކު އުފާވެރި ދުވަސް އައުމުގެ މާ ކުރިން އެ ބޮކިތައް ދިއްލަން ފެށުމުން އެކަމަށް ހޭދަވާނެ ކަރަންޓާއި މެދު ވިސްނާލެވޭ ބާއެވެ. ހަރަދުތައް ކުޑަ ކުރުމާއި، ތިމާވެށި ހިމާޔަތް ކުރަން ކަރަންޓު ބޭނުން ކުރާ މިންވަރު މަދު ކުރުމުގެ ވާހަކަ ދައްކާއިރު، އެފަދަ ކަންކަން އަމަލު ދައްކަން ނުޖެހޭނެ ބާވައެވެ.

ހެވި ކަމުގެ ހަރަކާތަކީ މިނިވަން ދުވަހާ ގުޅިގެން އެންމެ ހާއްސަ އެއް ހަރަކާތެވެ. ފަރި ނެށުންތަކާއި، ޕެރޭޑާއި، ޤައުމީ ލަވަތަކުން މުޅި ޤައުމީ ސްޓޭޑިއަމް ގުގުމައިލައެވެ. އެމްއެންޑީއެފް އާއި ކެޑޭޓް ކުދިންނާއި ދިވެހި ފަންނާނުންތަކުގެ ހުނަރާއި ސްކޫލް އެތައް ދަރިވަރުންގެ މި ފަރި ހަރަކާތްތައް ބަލައިލަން ގިނަ ބަޔަކު ގަލޮޅު ދަނޑަށް އެއްވެއެވެ. ހެވިކަމުގެ މި ހަރާކާތްތަަކަށް ތައްޔާރުވާން މި ކަމުގެ ބައިވެރީން އެތައް މަސްތަކެއް ކުރީން ކުރާ މަސައްކަތްތައް އަންދާޒާ ކުރެވޭތޯއެވެ. ހާއްސަކޮށް މަދަރުސާ ދަރިވަރުން މި ކަމުގައި ފާހަގަކޮށްލެވެއެވެ. މި ހަރަކާތުގައި ބައިވެރިވި ފަރުދެއްގެ ހައިސިއްޔަތުން މި މަންޒަރުތައް ވަރަށް ކައިރިން ވަނީ ފެނިފައެވެ.


މިދިޔަ އަހަރުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތުގެ ތެރެއިން-- ފޮޓޯ: އަވަސް

ކޮންމެ ދުވަހަކު ދެ ތިން ގަޑިއިރު މި ހަރަކާތަށް ހޭދަކުރަން ޖެހެއެވެ. ސްކޫލަށް ދަމުން އިތުރު ކުލާސްތަަކަށް ދަމުން ގިނަ ފަހަރު އެހެން ކަމެއް ކުރަން އޮންނަނީ ވަގުތެއް ނުވެފައެވެ. މި ހަރަކާތް އޮންނަ ދުވަހާއި ގާތްވުމުން ސްކޫލް ގަޑިތަކުގައި ވެސް ރިޙާސަލަށް ދާންޖެހޭ ގަޑިތައް ގިނަވެ އެވެ. ކުލާސްތަކަށް އެޓެންޑެންސް ލިބުނު ކަމުގައި ވިޔަސް އެ ގެއްލުނު ފިލާވަޅުތައް އަލުން ލިބޭކަށް ނޯވެއެވެ. މިއީ ދަރިވަރުންނަށް ލިބޭ ކިހާ ބޮޑު ގެއްލުމެއް ބާވަ އެވެ. މިއީ އެތައް ދަރިވަރުންތައް އެއްތަންވާ ހަރަކާތަކަށް ވާއިރު ފަސޭހައިން ބަލިތައް ފެތުރޭ ގޮތްވެސް މެދުވެރިވެއެވެ. މިފަދަ ހަރަކާތްތައް ބާއްވާއިރު ދަރިވަރުންގެ ސިއްހަތާ މެދުވެސް ވިސްނާލަން ޖެހޭނެ އެވެ.

ހެވިކަމުގެ ހަރަކާތްތައް ހިންގަން ކުރާ ހަރަދަކީ ނުދައްކާ ދޫކޮށްލެވޭނެ ވާހަކައެއް ނޫނެވެ. ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ ހެދުމަށާއި ބޭނުންކަރާ އާލާތްތަކަށް އެތައް ފައިސާތަކެއް ހަރަދުވެގެންދާނޭ ކަން ޔަގީނެވެ. ހަަމަ އެކަނި ހެދުމެއް ނޫނެވެ. ގަލޮޅު ދަނޑު މި ކަމަށްޓަކައި ތައްޔާރު ކުރަން ބޭނުންވާ ސާމާނުތަކަށް ވެސް ދާނެ ހަރަދުތައް ވަކި މަދެއް ނުވާނެ އެވެ. ސުވާލަކީ ބޮޑެތި ހަރަދުތައްކޮށް ފަރި ނެށުންތަކާއި، ލަވަތަކާއި މި ހަރަކާތްތައް ގެންދިޔުމުން ޤައުމީ ރޫހު އެންމެ އެދެވޭ ގޮތުގައި ކުދިންގެ ކިބައިގައި އަށަގެނުވޭބާވައެވެ.

އަހަރުތަކަކަށް ފަހު މި އަހަރު ފުޅަނދުބުރު ބޭއްވިގެންދާނޭ ކަމުގެ ހަބަރު ދާދި ފަހުން ލިބިފައި ވެއެވެ. މިއީ ހާއްސަކޮށް ކުޑަކުދިން މިނިވަން ދުވަހުގައި ބަލާލަން އިންތިޒާރު ކުރާ އެއް ހަރަކާތެވެ. އެކި ކުންފުނިތަކުން ހަދާ ތަފާތު ފުޅަނދުތައް މި ފުޅަނދުބުރުގައި ދައްކާލަ އެވެ. ޒަމާން ތަރައްޤީ ވަމުން އައިސް މި ފުޅަނދު ތަކުގައި ރާއްޖޭގެ ސަޤާފަތް ނެތި ގޮސް ބޭރުގައުމުގެ ސަގާފަތާއި ފިކުރުތައް މި ވަނީ އައިސްފަ އެވެ. އެތައް ބޮޑު ހަރަދުތައް ކޮށްގެން މި ފުޅަނދުބުރުތައް ދައްކާލާއިރު މިނިވަން ދުވަހުގެ ރޫހު އާލާކުރެވޭނެ ހަރަކާތްތައް ހިންގުން މާ ހިތްގައިމުވާނެ އެވެ.


2016 ވަނަ އަހަރު ފުޅަނދުބުރުގެ ހަރަކާތުގެ ތެރެއިން
ހިޔާލު

ޖަގަޑާ

މިހުރިހާ ފައިސާއެއް މާލެއަށް ހަރަދުކުރާއިރު ރަށްރަށުގަ ދިދަފަތިގަނޑުވެސް ދަމަންޖެހެނީ ރަށުރައްޔިތުންގެ ޖީބުން، އެހެންތާވާނީ ފައިސާފޮއްޗެއް ގެންގުޅޭމީހަކު މާލޭގަ ނުއުޅެއޭ.