Internet ge agu heyo vaane dhuvahehge inthizaaruga!
image
މިނިސްޓަރު މަލީހު ޓެކް ކޮމިއުނިޓީ އާއި ބައްދަލުކުރެެއްވުމުގެ ތެރެއިން-- ފޮޓޯ: ޓެލެކޮމިއުނިކޭޝަން މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
2 ކޮމެންޓް
 

އިންޓަނެޓުގެ އަގުހެޔޮ ވާނެ ދުވަހެއްގެ އިންތިޒާރުގައި!

"ދީބަލަ ހޮޓްސްޕޮޓް ކޮޅެއް" ނުވަތަ "ޑޭޓާ އަޅަން ޖެހިއްޖެ" މިއީ މިހާރު އާއްމުކޮށް އިވޭ އަޑުތަކެވެ. އިންޓަނެޓަކީ އަސާސީ އެއްޗެކަށް ވެފައިވާ މި ޒަމާނުގައި އެ ހިދުމަތުގެ އަގުގެ ވާހަކަ އަބަދުވެސް ދެކެވެ އެވެ. އިންޓަނެޓުގެ އަގު ކުޑަ ކުރަން ސަރުކާރުން މަސައްކަތް ފެށިތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.
ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދިނުމަށް އެންމެ ފުރަތަމަ އޮތީ އެންމެ ކުންފުންޏެކެވެ. އިތުރު ކުންފުނިތައް އެ ދާއިރާ އަށް ވަނުމާއެކު ހިދުމަތްތަކުގެ އަގު ކުޑަވާނެ ކަމަށް ބެލެވުނެވެ. ކަންވީވެސް އެހެންނެވެ. ގިނަ ކުންފުނިތަކުން ހިދުމަތް ދޭން ފެށުމުން ވާދަވެރިކަން ބޮޑުވެ، އަގާއި ހިދުމަތުގެ ފެންވަރު ވެސް ރަނގަޅުވި އެވެ.

އެކަމަކު އަދިވެސް އެހެން ބައެއް ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގައި އިންޓަނެޓުގެ އަގޮ ބޮޑު ކަމަށް އެތައް ބަޔަކު ޝަކުވާ ކުރެ އެވެ. ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮ ކުރުމުގެ މަޝްވަރާތައް އެ ހިދުމަތްދޭ ކުންފުނިތަކާއެކު ފެށީވެސް އެހެންވެ، އަގަށް މިހާރަށް ވުރެ ހެޔޮ ބަދަލެއް ގެނައުމަށެވެ.

އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަނުން އާއްމު ކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ އާބާދީގެ 54.56 އިންސައްތަ މީހުން އިންޓަނެޓް ބޭނުން ކުރެއެވެ. އެ ރިޕޯޓުން އެގޮތަށް ދެއްކި ކަމުގައި ވިޔަސް، ހަގީގަތުގައި އެއަށް ވުރެ މާ ގިނަ މީހުން ރާއްޖޭގައި އިންޓަނެޓު ބޭނުން ކުރާނެ ކަމަށް ބެލެވެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އިންޓަނެޓްގެ އަގުތައް

ދެކުނު އޭޝިއާ ގައުމުތަކުގެ ތެެރެއިން އިންޓަނެޓްގެ އަގު އެންމެ ބޮޑީ ރާއްޖޭގަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ސަރަހައްދުގައި އިންޓަނެޓް އެންމެ ހެޔޮ އަގުގައި ލިބެން ހުރީ އިންޑިއާގައެވެ. އެގޮތުން އިންޑިއާ އިން 22 ރުފިޔާ އަށް އެއް ޖީބީގެ ޑޭޓާ ލިބެން ހުރެ އެވެ.

ރާއްޖޭން އެއް ޖީބީ ޑޭޓާ ޕެކެއް ލިބެނި 150 ވަރަކަށް ރުފިޔާ އަށެވެ. އަވަށްޓެރި ސްރީލަންކާގައި 32 ރުފިޔާ އަށް އެއް ޖީބީ ޑޭޓާ ލިބެން ހުރި އިރު ޕާކިސްތާނުގައި 110 ރުފިޔާ އަށް މި އިންޓަނެޓް ޕެކޭޖް ލިބެން ހުރެއެވެ.

އެކަމަކު ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އަގުގެ އެހާ ބޮޑު ތަފާތެއް އުޅެނީ ރާއްޖެއަކީ އާބާދީ ކުޑަ ގައުމަކަށް ވުމުން ކަމަށް އެކަށީގެންވެ އެވެ. އެގޮތުން އިންޑިއާ ފަދަ އާބާދީ ބޮޑު ގައުމެއްގައި ހެޔޮ އަގެއްގައި އިންޓަނެޓު ގިނަ ބަޔަކަށް ދީގެން ވެސް ފައިދާއެއް ނެރެވޭނެ އެވެ.

އެއާ ހިލާފަށް ރާއްޖެ އަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ އާބާދީ ކުޑަ އެއް ގައުމަށް ވުމުން، އެހާ ހެޔޮ އަގެއްގައި ހިދުމަތް ދީގެން ކުންފުނިތަކަށް ދެކޮޅު ނުޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ. ދުނިޔޭގެ ބޮޑެތި ޗެއިނުތައް ރާއްޖެ އަށް ވިޔަފާރި ތައާރަފް ކުރުމަށް ފަސްޖެހެނީ ވެސް އެ މައްސަލައިގަ އެވެ.

ނަމަވެސް ވިޔަފާރީގެ އެ ނަޒަރުން ގިނަ އާއްމުންނަކަށް ނުވިސްނޭނެ އެވެ. އާއްމު މީހާ އަށް ފެންނާނީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގައި އަގު ބޮޑު ކަމާއި، އޭގެ ސަބަބުން އެމީހުންގެ ޖީބަށް ބުރަވާ ތަނެވެ. އެހެންވާނަމަ ހުރިހާ ރުޅިއެއް އަމާޒުވާނީ ހިދުމަތްދޭ ފަރާތްތަކަށެވެ. ކަން ވަނީވެސް އެހެންނެވެ.

"ގިނައިން ރުފިޔާ ހަރަދު ވަނީ ޑޭޓާ އަޅަން. މަހަކު ތިން ފަހަރު ޑޭޓާ އަޅައިގެން ވެސް ނުއެއް އުޅެވޭ. އިންޓަނެޓް އަގު ހެޔޮވާނެ ދުވަހަކަށް އިންތިޒާރުގަ މިހުރީ،" އިންޓަނެޓްގެ އަގުތަކާ ބެހޭ ގޮތުން މީހަކު ބުންޏެވެ.

އަގުހެޔޮ ކުރަން ކުރާ މަޝްވަރާގެ ނަތީޖާ ކޮބާ؟

އިންޓަނެޓް އަގު ހެޔޮ ކުރުމަކީ ރައީސުލްޖުމްޖޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން މާޗް މަހުގެ ތެރޭގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ ރާއްޖޭގައި އެ ހިދުމަތްދޭ ކުންފުނިތަކާއެކު މަޝްވަރާ ފައްޓަވާފަ އެވެ.

އެ މަސައްކަތުގެ ތެރެއިން 25 ޤައުމެއްގެ އިންޓަނެޓްގެ އަގުތަކާއި ބެހޭ ގޮތުން ދިރާސާތަކެއް ހަދާފައިވާ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ. އަދި އެ ދިރާސާ އަށް ބިނާކޮށް، ވަރަށް އަވަހަށް ހެޔޮ ނަތީޖާއެއް ނިކުތުމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެ ފަރާތަށް ވެސް ވިން-ވިން ވާނެ ގޮތަށް އަގުހެޔޮ ކުރުމަށް މި މަސައްކަތް ކުރަމުން ދަނީ،" ނުރަސްމީ މަޝްވަރާތަކަށް ފަހު މަލީހް މިދިޔަ އޭޕްރިލް މަހު ވިދާޅުވި އެވެ.

މިދިޔަ މާޗް މަހު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ސީއެންއެމް އަށް ވިދާޅުވީ ކުޑަ ދުވަސްކޮޅެއް ފަހުން އިންޓަނެޓް ގެ އަގު ހެޔޮ ވާނެ ކަމަށެވެ.

"އިންޓަނެޓްގެ އަގު ހެޔޮވާން ލަސްތަކެއް ނުވާނެ. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހެޔޮ ހަބަރު ރައްޔިތުންނަށް ލިބޭ ވަރަށް މަސައްކަތް ކުރިއަށް އެބަދޭ،" ސޯލިހު ވިދާޅުވި އެވެ.

އޭގެ ފަހުން މިހާރު ގާތްގަނޑަކަށް ހަތަރު މަސް ފާއިތުވީ އެވެ. އާއްމުން އަދިވެސް ތިބީ އެ ވިދާޅުވި ހެޔޮ ހަބަރު ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
ހިޔާލު

ގުއިއްޒު

750 ޖީބީގެ ޕެކެޖް ނަގައިގެންވެސް ބޭނުންކޮށްބަލަ. މަހުގެ 20 އަށް ދާއިރު އޮންނާނީ ހޫސްވެފަ. އެ ހެޔޮ ކިތަންމެ ބޮޑު އަދި ކުޑަ ޕެކޭޖަކަސް. 20 އަށް ދާއިރު ހުސްވާނެ. މިވާއެއްޗެއް ވިސްނާ ވިސްނާވެސް ނޭނގުނު.

ތައްޚާނު

އާބާދީ ކުޑަވީމަ އަގު ކުޑަ ނުކުރެވެނީއްޔޯ. ޢެންމެ ރަނގަޅު، އެހެންވިއްޔާ ފައިދާގެ ނިސްބަތް އެހެން ޤައުމުތަކާ އަޅާ ބަލާއިރު ރާއްޖޭ ކުންފުނިތައް އުޅެނީ މާ އުހުގަ. ބޮޑެތި މަލްޓި ނޭޝަނަލް ކުންފުނިތަކުން ރާއްޖޭ ސެކްޓާ އިން ނަގާ ސާފު ފައިދާގެ ނިސްބަތް އެހާބޮޑު.