School kudhinnah dhimaavaa jinni shaithaanunge massala!
image
ސިހުރު ހެދުމަށް ބޭނުންކުރާ ބައެއް ސާމާނު-- ފޮޓޯ: ފުލުހުން
ފައުޒާ މުހައްމަދު
2 ކޮމެންޓް
 

ސްކޫލު ކުދިންނަށް ދިމާވާ ޖިންނި ޝައިތާނުންގެ މައްސަލަ!

ސިހުރު ހާހޫރައިގެ މައްސަލަ ރާއްޖޭގެ ބޮޑެވެ. އެއީ އެންމެ ކުރިން ފެށިގެން މިއަދާ ހަމައަށް ވެސް ރާއްޖޭގައި އޮތް ބޮޑު މައްސަލަ އެކެވެ. އިހުގައި ސިހުރު ޖެހި އެތައް ބަޔަކު މަރުވެފައި ވެއެވެ. ހިތާމައަކީ މިއަދުގެ މި ޒަމާނުގައި ވެސް ސިހުރުގެ ސަބަބުން މީހުންގެ ދިރިއުޅުން ހަލާކުވަމުންދާ ކަމެވެ.
މި ވާހަކަ މިއަދު މި ދައްކަނީ މީގެ ދެތިން ހަފްތާއެއް ކުރިން ހަބަރުތަކުގެ ސުރުހީއެއް އެރި ކަމަކާއި ގުޅިގެންނެވެ. ބ. ތުޅާދޫ ސްކޫލުގައި ކުދިންތަކެއް "ޖިންނި މޮޔަވާ" މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސް، ކުދިންނަށް ކައުންސިލިން ދޭން ނިންމި އެވެ. އެ މައްސަލަ ނިކުންނަނީ ގަހެއްގެ ސަބަބުން ކަމަށް އެ ރަށު މީހުން ގަބޫލު ކުރެ އެވެ.

"އެ މައްސަލައ ގުޅިގެން އެގަސް ކަނޑާލަން ރަށު ކައުންސިލުންނާއި ބެލެނިވެރިން އެދުނު، ނަމަވެސް އެކަމަށް އީޕީއޭ އަދި އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ދީފައެއް ނުވޭ. މިހާރު އެދޭ ކައުންސިލިން ދިނުމުގެ ޕްރޮގުރާމުން ވެސް އެކުދިންނަށް އެއްވެސް އަސަރެއް ކުރާހެނެއް ހިއެއް ނުވޭ،" އެ ރަށު މީހަކު ސީއެންއެމް އަށް މައުލޫމާތު ދިނެވެ.

ތުޅާދޫ މީހުން ގަބޫލު ކުރާ ގޮތުގައި ކުދިންނަށް އުނދަގޫތައް ޖެހެނީ ސްކޫލު ގޯތި ތެރޭގައި ހުންނަ ބޮޑު ނިކަގަހެއްގެ ސަބަބުންނެވެ. އެ ގަހުގެ ސަބަބުން ކުދިން ހޭނެތި، ހަށިގަނޑަށް ބާރުގަނޑެއް އަރާ ކަމަށް ވެއެވެ. އެކުދިން އުޅެނީ ޖިންނި މޮޔަވެގެން އުޅޭ މީހުން އުޅޭ ގޮތަށޭ ވެސް އެ ރަށު މީހުން ބުނެ އެވެ.

އެ ރަށު ބެލެނިވެރިން ވަނީ އެ މައްސަލާގައި އިހުތިޖާޖުކޮށް، ސްކޫލު ބަންދުވެސް ވެސް ކޮށްފައެވެ. އެމީހުން ބުނާ ގޮތުގައި ކުދިންނަށް ސިހުރު ހަދަނީ ސްކޫލުގެ މުވައްޒަފެކެވެ. އެކަމަށް ހާއްސަ ޕެޓިޝަނެއް ވެސް ބެލެނިވެރިން ވަނީ ތައްޔާރުކޮށްފަ އެވެ. ކައުންސިލިން ދިނުމުން ވެސް ކުދިންނަށް ދިމާވާ މައްސަލަ ހައްލު ނުވާ ނަމަ، އިތުރު ގޮތަކުން ވެސް އެ މައްސަލަ ހައްލު ކުރަން ޖެހެ އެވެ.

ތުޅާދޫގެ އިތުރުން މީގެ އެތައް އަހަރު ކުރިން އއ މަތިވެރީގައި ވެސް ވަނީ އެފަދަ ހާދިސާތައް ދިމާވެފަ އެވެ. އެރަށުގައި ސުކޫލު ދަރިވަރުންނަށް އެމައްސަލަ ދީމާވީ ސުކޫލުގައި އިންނަ ފުނަ ގަހަކުން ކަމަށާއި އެގަސް ކަނޑާލާ ކުދިންނަށް ރުގްޔާ ކުރުމުން އެކުދިން ރަނގަޅުވި ކަމަށް އެރަށު ކައުންސިލްގެ ރައީސް އިސްމާއިލް އާތިފު ވިދާޅުވި އެވެ.

އޭގެ އިތުރުން ހދ. މަކުނުދޫ ސުކޫލުގެ ދަރިވަރުންނަށް ވެސް ވަނީ އެފަދަ ކަންތައްތަކެއް ދިމާވެފައެވެ. އެކަންތައްތައް ދިމާވެފައި ވަނީ ރަށު ސުކޫލުގައި އޭރު ހުރި ރަތް މާ އަޅާ ގަހަކުން ކަމަށް އެރަށު ގިނަ މީހުން ބުނެ އެވެ. އޭރު ގިނަ ކުދިންނަށް އެ މައްސަލަ ދިމާވެފައި ވާއިރު އެގަސް މިހާރު ވަނީ ކަނޑާލާފަ އެވެ.

އެކަމަކު އަދިވެސް މަދުން ނަމަވެސް މަކުނުދޫގައި އެ މައްސަލަ ދިމާވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފަ އެވެ. އެއީ ބަޔަކު ހަދާ ސިހުރެއް ކަމަށް ރަށުގެ ބައެއް ރައްޔިތުން ގަބޫލު ކުރި ނަމަވެސް ބައެއް މީހުން އެއީ ސިހުރުގެ ކަމެއް ނޫން ކަމަށް ދެކެ އެވެ.

އޭގެ އިތުރުން 2013 ވަނަ އަހަރު ހއ. ތަކަންދޫ ސުކޫލުގެ ދަރިވަރުންނަށް ވެސް ވަނީ އެފަދަ މައްސަލަތައް ކުރިމަތިވެފަ އެވެ. އެ ރަށުގައި ވެސް މައްސަލަ ދިމާވީ ސިހުރު ހެދުމުން ކަމަށް އެ ރަށުގެ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. މިގޮތަށް އެތައް އެތައް ރަށެއްގައި މިކަން ދަނީ ހިނގަމުންނެވެ.

ސިހުރުގެ ސަބަބުން ކުދިންގެ ކިޔެވުން ހަލާކުވެ، އާއިލާތައް ރޫލި، ގިނަ ދެރަ މައްސަލަތަކެއް ދިމާވެ އެވެ. މީހުން ސިހުރު ހަދަނީ ދުނިޔަވީ އެކި އެކި މަންފާތައް ހޯދުމަށާއި، ހަސަދައިގެ ސަބަބުން މީހުންނަށް ދެރަ ދިނުމަށެވެ. އިންތިހާބުތަކާއި ދިމާކޮށް ވެސް ސިހުރުގެ ވާހަކަ ރާއްޖޭގައި ދެކެވެ އެވެ.

އެގޮތުން ސްކޫލުތަކުގެ ކުދިންނަށް ސިހުރު ދިމާވަނީ ވޯޓު ފޮށި ސްކޫލުތަކުގައި ބަހައްޓާތީ، އެތަނަށް ހަދާ ސިހުރުގެ ސަބަބުން ކަމަށް ގަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް، ރައީސް އަބްދުﷲ ޔާމީނަށް ސިހުރު ހަދަން އުޅޭ ކަމަށް ބުނެ ހދ. ކުޅުދުއްފުށިން ހަތަރު މީހަކު ހައްޔަރު ކުރި އެވެ.

އޭގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ސްރީ ކަންކާގެ އަސޭލާ ނަމަކަށް ކިޔާ މީހެއްގެ އެހީ ޔާމީން ހޯއްދެވި ކަމަށް ވެސް ތުހުމަތު ކުރެވުނެވެ. ތާރީހުގެ ތެރެއިން ބަލާއިރު ކުރީގެ ރައީސް އަމީން ދީދީ އަވާހަރަކޮށްލުމަށް ބަޔަކު ސިހުރު ހެދި ކަމަށް ވެސް ފޮތްތަކުގައި ބުނެ އެވެ. މިހެން ގޮސް، ސިޔާސީ ކަންކަމުގައި ވެސް ސިހުރު ހާހޫރައިގެ ބޭނުން ދިވެހިން ކުރާތާ އެތައް ސަތޭކަ އަހަރެއް ވެދާނެ ކަން ނޭނގެ އެވެ.

ފަންޑިތަ ހެދުމަކީ ރާއްޖޭގައި 1978 ވަނަ އަހަރު ހެދި ގާނޫނަކުން ހުއްދަ ކަމެކެވެ. އެކަމަކު ސިހުރު ހެދުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށް ބަޔާންކޮށްފައެއް ނުވެ އެވެ. ސިހުރަކީ އިސްލާމްދީނުގައި ހަރާމްކޮށްފައިވާ ބޮޑު މުންކަރާތަކަށް ވާއިރު ވެސް، އެކަން ކުރާ މީހުން ރާއްޖޭގައި ގިނަ އެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިޔާޒް އަބްދުލް ލަތީފް ސީއެންއެމް އަށް ވިދާޅުވީ ސިހުރު ހާހޫރައިގެ ކަންކަން ރާއްޖޭގައި ފެތުރިފައި އޮތް މައްސަލަ ހައްލު ކުރެވޭނީ މީހުން ހޭލުންތެރި ކޮށްގެން ކަމަށެވެ. އެގޮތުން ދީނުގައި އެކަން އޮންނަ ގޮތް މީހުންނަށް ސާފުވާން ޖެހޭ ކަމަށާއި ސަލާމަތްވާން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެފަދަ ކަމެއް ދިމާވެއްޖެނަމަ ހެނދުނާ ހަވީރުގެ ޒިކުރުތައް ވަރަށް ބަރާބަރަށް ރައްކާތެރިވެ، އެކަމުން ސަލާމަތްވުމަށް ކުރަންޖެހޭ ރުގްޔާތައް ކުރުންޖެހޭނެ،" އިޔާޒު ވިދާޅުވި އެވެ. އިޔާޒުގެ ނަސޭހަތަކީ އެފަދަ ކަންކަމުން އެންމެވެސް ދުރުވެ ތިބުމެވެ.
ޖިންނި ސިހުރު ސްކޫލް
ހިޔާލު

މަހޭ

އިޚުލާޞް، ފަލަޤް، ނާސް މިތިންސޫރަތް ނުދަންނަނީބާ؟ ނޫނީ ޤަބޫލުނުކުރަނީބާ؟

އެކުޓިވިސްޓެއް

ކުދިންނަށް ސިހުރު ދިމާވަނީ ވޯޓު ފޮށި ސްކޫލުތަކުގައި ބަހައްޓާތީ، އެތަނަށް ހަދާ ސިހުރުގެ ސަބަބުން .މީ ހަގީގަތް