Baasith ge maraa eku dhahtha ge asaru gadha message
image
އަބްދުލް ބާސިތު--
1 ކޮމެންޓް
 

ބާސިތުގެ މަރާއެކު ދައްތަގެ އަސަރު ގަދަ މެސެޖު

ސްކޫލު ދައުރު ނިންމާލި ގޮތަށް ފުލުހުންގެ ވަޒީފާއާ ގުޅުނީ ކޮންމެވެސް ދުވަހަކުން ރާއްޖޭގެ ފުލުސް ކޮމިޝަނަރަށް ވުމުގެ އުއްމީދުގައެވެ. އެކަމަކު މުސްތަގުބަލަށްޓަކައި ފޮނި އުއްމީދުތަކާއެކު ފެށި އެ ދަތުރު ނިމުމަކަށް އައީ މި ފަނާވަނިވި ދުނިޔެއަށް ދޫކުރި ފަހު ނޭވަޔާ އެކުއެވެ. ޅ. ނައިފަރަށް އުފަން އުމުރުން 20 އަހަރުގެ އަބްދުލް ބާސިތު މަރުވީ، ދ. ވާނީގައި ޕޮލިސް ޓްރެއިނިން ހަދަމުންދަނިކޮށް، ގެނބިގެން މިދިޔަ ބުރާސްފަތި ދުވަހެވެ. އޭނާގެ މަރާއެކު މުޅި ނައިފަރާއި އެ އާއިލާއަށް ފުން ހިތާމައެއް ކުރިމަތިވެފައި ވާއިރު ބާސިތުގެ ދައްތައަކު މިވަނީ ކޮއްކޮގެ ހަނދާންތައް އާކުރަމުން އުދާސްތައް ފޭސްބުކް މެދުވެރިކޮށް ބަންޑުންކޮށްލާފަ އެވެ.
"މިއީ އިލާހީ ގާނޫނުގެ ނިޔާ އެހެން ނަމަވެސް ކޮއްކޮ މި ދުނިޔެއާ ވަކިވެގެން ތި ދިޔައީ ގެނބިގެން ކަމުގައި ވިޔަސް ޝަހީދެއްގެ ދަރަޖަ ކޮއްކޮއަށް ލެއްވުން އެދި ދުއާ ކުރާނަން،" ބާސިތު، ފުލުހުންގެ ޔުނީފޯމުގައި ހުއްޓާ ފެނުނު ފުރަތަމަ ދުވަހަކީ އުފާވެރި އިހުސާސްތަކެއް ކުރެވުނު ދުވަހެއް ކަން ފާހަގަކޮށް އޭނާގެ ދައްތަ ފޭސްބުކުގައި ލިޔުނެވެ.

ބާސިތަކީ އަހުލާގު ރަނގަޅު މަޑުމައިތި ކުއްޖެއް ކަމަށް އެރަށު ކައުންސިލު ނައިބް ރައީސް މުހައްމަދު ޝާހިދު އަބްދުﷲ ވެސް ކުރިން ސީއެންއެމް އަށް ވިދާޅުވި އެވެ. އެގޮތުން ބާސިތުގެ ދައްތަ ވެސް ވަނީ އޭނާ އަކީ އެ އާއިލާގެ ޝަރަފެއްކަން ފާހަގަކޮށްފަ އެވެ.

"ތިއްތަގެ ސުކޫލު ދައުރު ނިމުމާއެކު މަންމަގެ ޒިންމާތަކުން އެއްބައި ތިއްތަ ނެގީ އުފަލާއެކު، އެގޮތުން ކޮއްކޮގެ ބެލެނިވެރިކަމުގެ ޒިންމާ ތިއްތަ ނަގަން ލިބުމަކީ ތިއްތަޔަށް ލިބުނު ޝަރަފެއް ކަމުގައި ދެކެން، ކޮއްކޮގެ ކުދި ކަންތައްތަކުން ފެށިގެން ބޮޑެތި ކަންތައްތަކުގެ ނިންމުން ނިންމުމުގަ ތިއްތަ ބައިވެރިކޮށްފައިވުމީ ކޮއްކޮ ތިއްތަ ދެކެ ލޯބިވާ ކަމުގެ ފުރިހަމަ ހެއްކެއް، ސްކޫލު ދައުރުގައި ވެސް ކޮއްކޮގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ދިޔަ ކޮންމެ ބައްދަލުވުމަކުން ތިއްތަޔަށް ލިބެމުން ދިޔައީ އުފަލުން ފުރިގެންވާ ފަދަ ބަސްތަކެއް، ކޮއްކޮ ތީ ތިއްތަގެ އުފަން ދަރިއެއް ފަދައިން ލޯބިވާ، ތިއްތަމެންގެ ކޮއްކޮޔަކަށް ވީތީ ފަހުރުވެރިވާ ކޮއްކޮއެއް،" ބާސިތަކީ ކިޔަމަންތެރި ރަނގަޅު ކުއްޖެއްކަން ފާހަގަކޮށް އޭނާގެ ދައްތަ ބުންޏެވެ.

"ތިއީ ވަރަށް ނަސީބު ރަނގަޅު ކޮއްކޮއެއް، ލޯބިވާ މަންމައަކާއި ބައްޕަގެ އިތުރުން ކޮއްކޮ ދެކެ އިންތިހާއަށް ލޯބިވާ ބައިވަރު ދައްތައިންނާއި ބޭބެއިން އިން އެބަތިބި، މި އެންމެން ވެސް ކޮއްކޮއަށް ހެޔޮ ދުއާ ކުރާނެ،" އެ ޕޯސްޓުގައި ލިޔެފައި ވެއެވެ.

މީގެ ކުރިން ވެސް ފުލުހުންގެ ޓްރެއިނިންތަކެއް ހެދުމަށް ފަހު ބާސިތު އައިސް ވަޒީފާ އަދާ ކުރީ އެރަށު ޕޮލިސް ސްޓޭޝަނު ގައެވެ. އަދި އެހާދިސާއެއް ހިނގީ އޭނާ ދެ ވަނަ ޓްރެއިނިންނަކަށް ގޮސް ހުއްޓަ އެވެ.
މަރު ފުލުހުން
ހިޔާލު

ބައްޕަ

ބާސިތް އަކީ ވަރަށް ރަގަޅު ކުއްޖެއް. ޖަވާހިރެއް ކަހަލަ ކުއްޖެއް. ހެޔޮބަސްއަހާ ރަގަޅު ކުއްޖެއް. މާތް الله‎ ބާސިތް ގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރައްވާށި
آمين يا رب العالمين