Henveyru ge ehgai meehaku maruvefai ohvaa fenijje
image
އައިޖީއެމްއެޗް--
0 ކޮމެންޓް
 

ހެންވޭރު ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގޮތް ނޭނގޭ ގޮތަކަށް ހެންވޭރުގެ ގެއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނީ ގޮތް ނޭނގޭ ގޮތަކަށް މަރުވެފައި އޮތް މީހަކު ރޭ 01:00 ހާއިރު ގެނައި ކަމަށެވެ.

ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އެމީހާ މަރުވި ސަބަބު ހާމައެއް ނުކުރެ އެވެ.

ރ. އިނގުރައިދޫއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އެ ޒުވާނާގެ މަރު ފޯމުގައި އޭނާ މަރުވި ސަބަބު ނޭނގޭ ކަމަށް ވަނީ ޖަހާފަ އެވެ.

އޭނާގެ އާއިލާގެ މެމްބަރަކު ސީއެންއެމް އަށް ބުނީ އެގޮތަށް ފޯމުގައި ޖެހީ އާއިލާގެ ހުރިހާ މެމްބަރުން ހަމަނުވާތީ ލޭގެ ޓެސްޓު ހެދުން ލަސްކުރުމުން ކަމަށެވެ.

އެކަމަކު މިހާރު އެ ޓެސްޓުތައް ހަދާފައިވާ ކަމަށާއި ވަރަށް އަވަހަށް އޭގެ ނަތީޖާ ލިބޭނެ ކަމަށް އެމީހާ ބުންޏެވެ. އޭގެ އިތުރުން ގަބޫލުކުރެވޭ ގޮތުގައި އެއީ ގުދުރަތީ މަރެއް ކަމަށް ވެސް ބުންޏެވެ.

އާއިލާގެ ފަރާތުން ބުނީ އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައީ ރޭގެ 11:00 ގެ ފަހުން ކަމަށެވެ. އެ ފަރާތުން ވަނީ އައިޖީއެމްއެޗުން އެކަމުގައި އަމަލު ކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެގޮތުން އެމްބިއުލާންސްގެ ހިދުމަތް ރަނގަޅު ނޫން ކަމަށާއި، ހޮސްޕިޓަލަށް ގެންދަން އެމްބިލާންސަށް އެރުވި އިރުވެސް ނޭވާލަމުން ދިޔައިރު، އެމްބިއުލާންސް ލަހުން ދަތުރު ކުރުމުން އައިޖީއެމްއެޗަށް ދެވުނީ ލަހުން ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި، އެ ޒުވާނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ކުރަމުން ދިޔަ ޒުވާނެކެވެ. އެކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

އެ ޒުވާނާގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.
މަރު ފުލުހުން
ހިޔާލު