IOIG ge Dhivehi athlete inn anna hoama dhuvahu Raajje annanee
image
ގައުމީ އަންހެން ޓީމާއި ފިރިހެން ޓީމުގެ ކުޅުންތެރިން-- ފޮޓޯ: ނިޝާން އަލީ
0 ކޮމެންޓް
 

އައިއޯއައިޖީގައި ބައިވެރިވި ދިވެހި އެތުލީޓުން އަންނަ ހޯމަ ދުވަހު ރާއްޖެ އަންނަނީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ ތަމްސީލުކުރި ބައިވެރިން އަންނަ ހޯމަ ދުވަހު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު މިއަދު ވިދާޅުވީ، އަންނަ ހޯމަ ދުވަހު، ޖުމްހޫރީ މައިދާނުގައި އެތުލީޓުންނަށް މަރުހަބާ ކިޔުން އޮންނާނެ ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު އެމީހުންނަށް މަރުހަބާ ކިޔުމަށް އެސަަރަހައްދަށް ދިއުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ނިމިދިޔަ އައިއޯއައިޖީގައި ރާއްޖެގެ ގިނަ ބައިވެރިންތަކެއް ވަނީ ފަހުރުވެރި ވަނަތަކެއް ހޯދާފައެވެ. އެގޮތުން ބެޑްމިންޓަން ޓީމް އިވެންޓް ބައިން ރާއްޖޭގެ ގައުމީ ފިރިހެން ބެޑްމިންޓަން ޓީމުން ލޯ މެޑަލް ހޯދިއިރު އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ ފަހުރުވެރި ރަން މެޑަލް ދިވެހި ޓެނިސް ޓީމުން ވަނީ ހޯދާފަ އެވެ.

އަދި ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޓީމުން ވެސް ވަނީ ރިހި މެޑަލް ހޯދާފަ އެވެ. އޭގެ އިތުރުން ބީޗް ވޮލީބޯޅަ އިވެންޓުގެ އިންޑިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ އިން ވެސް ލޯ މެޑަލް ހޯދާފައި ވެއެވެ.

އެ މުބާރާތުގައި ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމު އިވެންޓުން ލޯ މެޑަލް ވެސް ހޯދި އެވެ. އަދި އައިއޯއައިޖީގައި ބެޑްމިންޓަން ވިމެންސް ސިންގަލްސް އިން އާމިނަތު ނަބީހާ އަބްދުއްރައްޒާގު ވަނީ ރަން މެޑަލް ވެސް ހޯދާފައެވެ.

އޭގެ އިތުރުން ދުވުންތެރިޔާ ހަސަން ސާއިދު، ވެސް ވަނީ 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދާފައެވެ.

މޮރިޝަސްގައި މިއަހަރު ކުރިއަށް ދިޔަ އެމުބާރާތުގައި ދިވެހި އެތުލީޓުން ރާއްޖެ ފަހުރުވެރިވާނެ ނަތީޖާތަކެއް ހޯދިއިރު 2023 ގައި އޮންނަ އައިއޯއައިޖީ ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ވަނީ އިއުލާނުކުރައްވާފައެވެ.

އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު އެކި ގައުމުތަކަށް ދަތުރު ކުރައްވާ ގައުމުތަކުގެ ރުހުން ހޯއްދެވުމަށް މަސައްކަތް ކުރެއްވި އެވެ.
ހިޔާލު