Russia ge muzaaharaa akun haahakah vure gina meehun hayyaru koffi
image
މުޒާހަރާގެ ބައިވެރިއެއް ފުލުހުން ހައްޔަރު ކުރަނީ-- ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އިންތިހާބާއި ގުޅިގެން ރަޝިއާގައި ކުރި މުޒާހަރާއަކުން ހާހަކަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ސެޕްޓެމްބަރު މަހު ރަޝިއާގައި އޮންނަ އިންތިހާބާއި ގުޅިގެން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ހާހަކަށް ވުރެ ގިނަ މީހުން ފުލުހުން ހައްޔަރުކޮށްފި އެވެ.
ހޮނިހިރު ދުވަހު ރަޝިއާ ފުލުހުން ވަނީ މޮސްކޯގެ ސިޓީ ހޯލް ކުރިމަތީ ކުރި މުޒާހަރާގެ ބައިވެރިން، އެ ސަރަހައްދުން ދުރަށްލުމަށް މުގުރި އާއި ބާރުގެ ބޭނުންކޮށްފަ އެވެ.

މުޒާހަރާގެ ބައިވެރިން ސިޓީ ހޯލް ކުރި މައްޗަށް އެއްވެފައި ވަނީ، ސެޕްޓެމްބަރު އަށެއްގައި މޮސްކޯގައި ބާއްވާ ސިޓީ ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކުގެ ގިނަ އަދަދެއްގެ ބޭފުޅުންނަށް ވާދަނުކުރެވޭނެ ކަމަށް ސަރުކާރުން ނިންމުމުންނެވެ.

ރަޝިއާގެ ސަރުކާރުން ވަނީ އިންތިހާބުގައި ވާދަ ކުރުމަށް ސައްހަ ސޮއީގެ އަދަދު ހަމަނުވާ ކަމަށް ބުނެ 30 މީހެއްގެ ކުރިމަތިލުން ބާތިލްކޮށްފަ އެވެ.

މުޒާހަރާގެ މޮނީޓަރުން ބުނާ ގޮތުގައި ފުލުހުން ވަނީ 1،127 މީހެއް މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފަ އެވެ. ބައެއް މީހުން ހައްޔަރު ކުރުމަށް ފުލުހުން މަގުތަކުން އެމީހުން ފަހާ ދުވި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މުޒާހަރާގެ ބައެއް ބައިވެރިން "އަހަރުމެން ލޯބި ވަނީ ރަޝިއާ ދެކެ، އެމީހުން ލޯބި ވަނީ ފައިސާ ދެކެ" ގޮވަމުން ދިޔައިރު ބައެއް މީހުން ވަނީ މަގުތަކުގައި ތިބެ ރަޝިއާގެ ގާނޫނުގެ މާއްދާތައް އަޑު ހަރުކޮށް ކިޔާފަ އެވެ.

ރަޝިއާގެ އިލެކްޝަން ކޮމިޝަން ގެ ނިންމުމާއި ދެކޮޅަށް މުޒާހަރާ ކުރަން ގޮވައިލެއްވީ އިދިކޮޅު ލީޑަރު އެލެކްޒީ ނަވަލްނީ އެވެ. އެ ސަބަބަށްޓަކާ އޭނާ ވަނީ މިދިޔަ ބުދަ ދުވަހު 30 ދުވަހަށް ޖަލަށްލައިފަ އެވެ.

ނަވަލްނީ ގެ އިތުރުން ވެސް ސަރުކާރާއި އިދިކޮޅި ގިނަ އިސް ފަރާތްތަކެއް ރަޝިއާގެ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އިންތިހާބަށް ކުރިމަތިލީ ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.

މޮސްކޯގެ މޭޔާ ސާޖީ ސޮބްޔަނިން ވިދާޅުވީ މިހާރު ކުރަމުންދާ މުޒާހަރާއަކީ "ސަލާމަތަށް ހުރި ނުރައްކަލެއް" ކަމަށެވެ. އަދި މޮސްކޯގެ ހަމަނުޖެހުން ނަގާލިޔަ ނުދޭނެ ކަމަށް އޭނާ ވަނީ ވައުދުވެފަ އެވެ.

ހޮނިހިރު ދުވަހުގެ މުޒާހަރާގައި 700 ނޫސްވެރިން ހިމެނޭ ގޮތަށް 3500 މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މަހުގެ 20 ވަނަ ދުވަހު ވެސް އިދިކޮޅު ފަރާތްތަކުން ވަނީ މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާގައި 20،000 މީހުން ބައިވެރިވި އެވެ.
ރަޝިޔާ
ހިޔާލު