Rah thakuge fenaai narudhamaa ge nizaamah gellun libey kankan nukurumah edhijje
image
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއް--
0 ކޮމެންޓް
 

ރަށްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުން ލިބޭ ކަންކަން ނުކުރުމަށް އީޕީއޭ އިން އެދިއްޖެ

ފެން އަދި ނަރުދަމާގެ ހިދުމަތްދޭ ރަށްރަށުގައި އެ ނިޒާމަށް ގެއްލުން ލިބޭ އަދި ތަގައްޔަރުވުމަށް މަގު ފަހިވާ ގޮތަށް ކުރާ ކަންކަން ހުއްޓާލުމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެދިއްޖެ އެވެ.
އީޕީއޭ އިން ނެރިފައިވާ ނޫސް ބަޔާނެއްގައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ރަށްރަށުގައި ކުރާ ކަމަށް ފާހަގަކުރެވޭ ބައެއް ކަންކަން ބަޔާންކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެނާއި އެހެނިހެން ފެން ގުޅޭނެހެން ކްރޮސް-ކަނެކްޝަން ހެދުމާއި، ރަށު ތެރޭގައި ފެން ބޮޑުވުމުން އެ ފެނާއި ދިޔަދޮވިތަކުން ފައިބާ ފެން ނަރުދަމާ ނިޒާމާއި ގުޅުމާއި، ފެން ބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދުމަށް މޭންހޯލްގެ މަތިގަނޑު ނެގުމާއި، ގޭގޭގައި ނުވަތަ އެހެނިހެން ތަންތަނުގައި ނަޖިސް ހިންދާ ވަޅުގަނޑު ބެހެއްޓުމާއި، ގޭގެ ގޯތި ތެރޭގައި ކެޗްޕިޓްގެ އިތުރުން އިތުރު ނަރުދާ ޖަންގްޝަނެއް ބަހައްޓާފައި ހުރުމެވެ.

އީޕީއޭ އިން ބުނީ އެފަދަ އަމަލުތަކުގެ ސަބަބުން ފެނާއި ނަރުދަމާ ނިޒާމުތަކަށް ބޮޑެތި ގެއްލުންތައް ލިބި، ހިންގާ ބެލެހެއްޓުމަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުމުގެ އިތުރުން ބިމުގެ ފެނަށް ނަޖިހުގެ އަސަރުކޮށް ބިމުގެ ފެން ތަގައްޔަރުވާ ކަމަށެވެ.

ފެނުގެ ނިޒާމުގައި ކްރޮސް-ކަނެކްޝަން ހެދުމަކީ ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެން ތަގައްޔަރުވުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށް ވެސް އީޕީއޭ އިން ފާހަގަކޮށްފައި ވެއެވެ.

އީޕީއޭ އިން ބުނީ އެފަދަ އަމަލުތަކަކީ އާންމު ބޭނުންތަކުގެ ޚިދުމަތާ ބެހޭ ޤާނޫނާއި ހިލާފު ކަންކަމުގައި ވާތީ އެފަދަ އަމަލުތައް ނުކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.
ހިޔާލު