Fandiyaarunge sulookee massalaige mauloomaathu haama kuranee gaanoon asaasee aa hilaafah
image
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މައްސަލައިގައި ޖޭއެސްސީން ހުޅުވާލައިގެން ބޭއްވި ތަހުގީގުގެ އަޑުއެހުން-- ފޮޓޯ: ވަން އޮންލައިން
1 ކޮމެންޓް
 

ފަނޑިޔާރުންގެ ރުހުން ނެތި ސުލޫކީ މައްސަލައިގެ މައުލޫމާތު ހާމަކުރަނީ ގާނޫނު އަސާސީއާ ހިލާފަށް

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގައި އެމީހުންގެ ނުރުހުމުގައި މީޑިއާތަކަށް މައުލޫމާތު ހާމަ ކުރުމަކީ "ރަހުމު ކުޑަ، އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަމަލެއް" ކަމަށާއި އެއީ ގާނޫނު އަސާސީއާ ހިލާފަށް ކުރާ ކަމެއް ކަމަށް ކުރީގެ މެޖިސްޓްރޭޓަކު ވިދާޅުވެއްޖެ އެވެ.
ރިޓަޔާޑް މެޖިސްޓްރޭޓް އަބްދުﷲ ފާރޫގް އިބްރާހީމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ މައުލޫމާތު މީޑިއާ އަށް ހާމަކުރަން ވާނީ އެމީހުންގެ ރުހުމާއެކުގައި ކަމަށެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގައި އެމީހުންގެ ރުހުން ނެތި މީޑިއާއަށް މައުލޫމާތު ދިނުމަކީ ގާނޫނު އަސާސީގެ 54 ވަނަ މާއްދާއިން މަނާ ކަމެއް ކަމުގައި ވެސް އެ ބަޔާނުގައި ވެއެވެ.

ގާނޫނު އަސާސީގެ 54 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެސް މީހަކަށް ރަހުމު ކުޑަ، ލާއިންސާނީ، އިހާނެތި ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބެއް އެއްވެސް މީހަކަށް ދީގެން ނުވާނެ ކަމަށާއި އެއްވެސް މީހަކަށް އަނިޔާކޮށްގެން ނުވާނެ ކަމަށެވެ.

ފާރޫގް ވަނީ "ފަނޑިޔާރުންނާއި ގުޅޭ ހުރިހާ ބަލަދުވެރި ފަރާތްތައް" ވެސް ގާނޫނީ އިމުގެ ތެރެއިން ޝަރުއީ ދާއިރާގެ ކަރާމާތް ނުގެއްލޭ ގޮތަށް ކަންކަން ކުރުމަށް ގޮވާލައްވާފަ އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ގާނޫބީ ބާރު ލިބިދީފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ގެންދަނީ ގިނަ ފަނޑިޔާރުންތަކެއްގެ އެކި މައްސަލަތައް ބަލަމުންނެވެ.

އެފަދަ ބައެއް މައްސަލަތަކުގެ މައުލޫމާތު ވެސް މީޑިއާއާ ޖޭއެސްސީން ހިއްސާކޮށްފައި ވެއެވެ. އޭގެ އިތުރުން ބައެއް ފަނޑިޔާރުން އަމިއްލަ އަށް އެދިވަޑައިގަތުމުން، އެމީހުންގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުންތަކެއްގެ ގޮތުގަ އެވެ.
ހިޔާލު

އަހުމަދު

ފަނޑިޔާރު ގެތަކުގައި ގާނޫނު އަސާސީގެ 54 ވަނަ މާއްދާ އެހެން މީހުންނަށް ނުހިނގަނީ ކީއްވެބާ