Dhe aharah fahu fenunu fulhandhu burah bodu tharuheebeh
image
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދު ބުރުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ފާތުމަތު ނަޒުފާ އިރުޝާދު
2 ކޮމެންޓް
 

ދެ އަހަރަށް ފަހު ފެނުނު ފުޅަނދު ބުރަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މިނިވަން ދުވަހާ ގުޅިގެން ރޭ މާލޭގައި ފުޅަނދުބުރު ބޭއްވިގެން ދިޔުމަކީ ގިނަ ބަޔަކަށް އުފާވެރިކަން ލިބުނު ކަމެކެވެ. ފުޅަނދުތައް ބަލާލަން ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ޖަމާވެފައި ވާއިރު ސަރުކާރުގެ ފަސް ކުންފުންޏަކުން ތަފާތު ނުވަ ފުޅަނދެއް ދައްކާލައިފައި ވެއެވެ. ރޭ 08:30 ގައި ރަސްފަންނުން ފެށި ފުޅަނދުބުރުގެ މި ފޯރިގަދަ ހަރަކާތް ނިންމާފައި ވަނީ އިންޑަސްޓްރިއަލް ޒޯނާއި ހަމައިންނެވެ.
ފުޅަނދުބުރުގައި ބައިވެރިވި ސަރުކާރު ހިއްސާވާ ފަސް ކުންފުންޏަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، މާލެ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ)، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.


އެމްޕީއެލް ގެ ފުޅަނދު-- ފޮޓޯ: ރައީސް އޮފީސް

އެމްޕީއެލް އިން ދެ ފުޅަނދެއް ތައްޔާރުކޮށްފައި ވާއިރު ފުރަތަމަ ފުޅަނދުން ފެންނަނީ އިހު ޒަމާނުގެ މަންޒަރެކެވެ. ކުރީ ޒަމާނުގައި ދިވެހިރާއްޖޭގައި ކަނޑުމަގުން ގެންނަ މުދާ ބަނދަރަށް ބާލައި ކާބަފައިން މަސައްކަތް ކުރާ ގޮތެވެ. އެމްޕީއެލް ގެ ދެވަނަ ފުޅަނދުން ދައްކާފައި ވަނީ ޒަމާނީ ވަސީލަތްތަކާއެކު ވިޔަފާރި ބަނދަަރު މިހާރު ތަރައްގީވެފައި އޮތް މިންވަރެވެ. ފުޅަނދުތަކުގެ އިތުރުން ބޮޑުބެރު ގެ ހަރަކާތްތައް ވެސް އެމްޕީއެލް އިން ގެނެސްދީފައިވާކަން ފާހަގަކޮށްލެވެ އެވެ.


ބީއެމްއެލްގެ ފުޅަނދު-- ފޮޓޯ: ރައީސް އޮފީސް

ބީއެމްއެލްގެ ލޯގޯ ހިމަނައިގެން ވަކި ރުފިޔާތައް ދައްކައިދޭ އެ ފުޅަނދަކީ ބަލައިލަން ވަރަށް ހިތްގައިމު ގޮތަކަށް ތައްޔާރުކޮށްފައިވާ ފުޅަނދެކެވެ. މި ފުޅަނދުގައި ބީއެމްއެލްގެ މުވައްޒަފުން ކުޑަކުދިންނާއެކު ހަރަކާތްތެރިވެފައި ވެއެވެ.


އެމްޑަބްލިއުއެސްސީ ގެ ފުޅަނދު-- ފޮޓޯ: ރައީސް އޮފީސް

"ވޯޓާ އެކްސްޕްރެސް" ގެ ނަމުގައި މި ކުންފުނިން ވަރަށް ތަފާތު ފުޅަނދެއް ދައްކައިދީފައި ވެއެވެ. ވޯޓާ އެކްސްޕްރެސް އަކީ ރާއްޖެ އަކީ ފެނުގެ ވަސީލަތްތައް މަދު ގައުމަކަށް ވުމުން ފެން އުފައްދާ ފެން ފޯރުކޮށްދިނުމަކީ ހަރަދު ބޮޑު ކަމަކަށްވެފައި ފެން އިގްތިސާދު ކުރުމާއި ފެން އިސްރާފު ކުރުން މަދު ކުރުމަށާއި ފެނުގެ މުހިންމުކަން ދައްކައި ދިނުމަށް ތައްޔާރުކޮށްފައިވާ ފުޅަނދެކެވެ. ވޯޓާ ހީރޯސް ކާޓޫން ކެރެކްޓާތައް ފެނިގެންދާ މި ކުންފުނީގެ ފުޅަނދުގެ މަގްސަދަކީ ފެނުގެ މުހިންމުކަން ދިވެހިންނަށް އަންގައިދީ ކުޑައިރުން ފެށިގެން މި ރޫހު އާލާކުރުމެވެ.


ސްޓެލްކޯގެ ފުޅަނދު-- ފޮޓޯ: ރައީސް އޮފީސް

ޓޯއީ ސްޓޯރީގެ ތީމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފުޅަނދަކީ ގިނަ ކުޑަކުދިންގެ ތަރުހީބު ލިބިގެން ދިޔަ ފުޅަނދެކެވެ. ސްޓެލްކޯ އިން ތިން ފުޅަނދެއް ތައްޔާރުކޮށްފައި ވާއިރު ފުރަތަމަ ފުޅަނދުން ފެނިގެން ދިޔައީ ޓޯއީ ސްޓޯރީގެ ރޭލެކެވެ. ކުޑަކުދިން ދަތުރުކުރާތަން ފެންނަ މި ރޭލުން ދައްކައި ދެނީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ގިނަ އުޅަނދުތައް އެތެރެ ކުރުމުގެ ބަދަލުގައި މިފަދަ ނިޒާމަކުން އާންމުން ދަތުރުފަތުރު ކުރުމުގެ މުހިންމު ކަމެވެ. ހިތްފަސޭހަ ޖަޒީރާވަންތަ ރަށްތަކުގައި ރަށުގެ އަހުލުވެރިންތައް ޒަމާނީ ޓެކްނޮލޮޖީ އާއެކު އެ ރަށްތަކުގެ އަހުލުވެރިން އުފަލުގައި އުޅެމުންދާ މަންޒަރު ދެވަނަ ފުޅަނދުން ފެނިފައި ވެއެވެ. މީގެ އިތުރުން ޓޯއީ ސްޓޯރީ ގެ އެކި ކެރެކްޓާތައް ވެސް ފެނިގެން ދިޔައެވެ.


އެމްއޭސީއެލް ގެ ފުޅަނދު-- ރައީސް އޮފީސް

ޖަޒީރާ ރާއްޖޭގެ ރީތިކަން ބަލައިލާން ދިވެހިރާއްޖޭގެ މައި ވައިގެ ބަނދަރަށް އެހެން ޕްލެނެޓަކުން އައި އަން-އައިޑެންޓިފައިޑް ފްލައިން އޮބްޖެކްޓް (ޔޫއެފްއޯ) ޖައްސާފައިވާ މަންޒަރު އެމްއޭސީއެލް ގެ ފުޅަނދުން ފެނިގެން ދިޔައެވެ. ރާއްޖޭގެ ހިތްގައިމު ޖަޒީރާ ރަށްތަކުގެ އުފަލާއި އަރާމު ހާސިލް ކުރުމަށް އެކި އެކި ޕްލެނެޓް ތަކުގެ އޭލިއަން ތަކާއި އެތައް ސުޕަ ހީރޯތައް ވެސް އެމްއޭސީއެލްގެ މި ފުޅަނދުން ފެނިގެން ގޮސްފައި ވެއެވެ. ދެވަނަ ފުޅަނދުން ދައްކުވައި ދިނީ ދިވެހިން މަސްވެރިކަން ކުރަން ބޭނުން ކުރާ ބޮއްކުރައެއްގެ ފަހަތުގައި ރާއްޖޭގެ ރީތި ގޮނޑުދޮށް ދައްކައިދޭ މަންޒަރުތަކާއި ސުޕަހީރޯސްތައް އެ ހިތްގައިމުކަން ދެކިލުމަށް ގޮނޑުދޮށްތަކުގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރެވެ.

އެތައް އަހަރުތަކަކަށްފަހު ފުޅަނދުބުރު ރާއްޖޭގައި ބޭއްވިގެން ދިޔައިރު ގިނަ ބަޔެއްގެ ތަރުހީބު މި ހަރަކާތްތަކަށް ލިބިގެން ދިޔައެވެ.
ހިޔާލު

އައިސް

ޔާމިން ދައުރު ތި ކަމަށް ވެސް އިދިކޮޅުން އަދި ނޫސް ތަކުން ކިހާ ފާޑު ކިޔާ ދުއްތުރާ ކުރި...

ހުވަ

ފުޅަނދު ބުރު އަޑު އެހި ނަމެއްވެސްނޫން ދުވަހަކު ދެކުނު މަންޒަރެއްވެސް ނޫން އަދި އަލަށް މިފެނުނީ ސާބަސް