MPL ge tug boatu massala nimunee ACC kolhah
image
އެންޓި ކޮރަޕްޝަން ކޮމިޝަން--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އެމްޕީއެލްގެ ޓަގު ބޯޓު މައްސަލަ ނިމުނީ އޭސީސީ ކޮޅަށް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެކޮޅަށް ސެންޓަ އެންޓަޕްރައިސަސް އިން 815 މިލިއަން ރުފިޔާގެ ބަދަލު ހޯދުމަށް ކުރި ދައުވާ އޭސީސީއާ އެއްކޮޅަށް ހައި ކޯޓުން ނިންމައިފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބަންނަމުން ދިޔަ ޓަގު ބޯޓެއްގެ މައްސަލާގައި، އެ މަސައްކަތުގެ އަގަށްވާ ފައިސާ ދޫނުކުރަން އޭސީސީ އިން އެންގުމުން، ޓަގު ބޯޓު ބަނުމަށް ހަވާލުކޮށްފައިވާ ކުންފުނިން ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށް އޭސީސީގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.

ސެންޓަ އެންޓަޕްރައިސަސް އިން 2008 ވަނަ އަހަރު ވަނީ 17 ޓަނުގެ ބޮލާޑް ޕަލް ޓަގް ބޯޓެއް އެމްޕީއެލް އަށް ސަޕްލައިކޮށް ދޭން އެއްބަސްވެފަ އެވެ. ނަމަވެސް އެމަސައްކަތް ކުރަމުން ދަނިކޮށް 2012 ވަނަ އަހަރު އޭސީސީން ވަނީ އެ މަސައްކަތުގެ އަގަށްވާ ފައިސާގެ ތެރެއިން އެހާތަނަށް ނުދީ ހުރި ފައިސާ ދޫނުކޮށް، ހިފަހައްޓަން އެމްޕީއެލް އަށް އަންގައިފަ އެވެ.

އޭސީސީން އެގޮތަށް އެންގީ އެ ކޮމިޝަނުން ބަލަމުން ދިޔަ މައްސަލައަކާއި ގުޅިގެންނެވެ.

އެ މައްސަލާގައި އެކުންފުނިން ވަނީ އެއްބަސްވުމާއި އެއް ގޮތަށް އަމަލު ކުރަމުން ނުދާ ކަމަށާއި، އެ ކުންފުންޏަށް މަސައްކަތް ފުރިހަމަ ނުކުރެވޭނެކަން ދޭހަވާ ގޮތަށް އާންމުކޮށް ރާއްޖެ އާއި، ރާއްޖެއިން ބޭރުގައި ހަގީގަތާއި ހިލާފަށް މައުލޫމާތު އޭސީސީން ހާމަކޮށްފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެ.

އަދި އެކަމުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރިއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 815,913266.94 ރުފިޔާ ހޯދަން ދައުވާ ކުރި އެވެ.

އެކަމަކު ފަހުން ދައުވާއިން ގެއްލުމުގެ ބަދަލުގެ ބައި އުނިކޮށް، އޭސީސީން އަމަލު ކުރި ގޮތުގެ މައްސަލަ ބަލައި ދިނުމަށް ސިވިލް ކޯޓުގައި އެދުނެވެ. ސިވިލް ކޯޓުން މައްސަލަ ނިންމީ އެކަމުގައި އޭސީސީން ގާނޫނާއި ހިލާފުވިކަން ސާބިތު ނުވާ ކަމަށެވެ.

އެހެންކަމުން އެކުންފުނިން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވެސް ނިންމީ އޭސީސީގެ އެންގުމުގައި ގާނޫނާއި ހިލާފު ކަމެއް ނެތް ކަމަށެވެ.

ހައި ކޯޓުން ކޮށްފައިވާ ހުކުމުގައި ބަޔާން ކޮށްފައި ވަނީ އޭސީސީގެ ސިޓީ އަކުން އެމްޕީއެލަށް އެންގުމެއް އަންގާފައި ވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާ ބާރުތަކުގެ ބޭރުން ހެޔޮ ނިޔަތެއް ނެތި ކަމަށް އެ ކުންފުނިން ބުނެފައިވީ ނަމަވެސް، އެ އެންގުމަކީ، ގާނޫނު އަސާސީގެ 202 ވަނަ މާއްދާ އާއި އޭސީސީގެ ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ބޭރުން ހެޔޮ ނިޔަތެއް ނެތި އަންގާފައިވާ އެންގުމެއް ކަމަށް ބަލާނެ ހަމައެއް ނެތް ކަމަށެވެ. އަދި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބަލާނެ ސަބަބެއް ވެސް ނެތް ކަމަށެވެ.

ސެންޓަ އެންޓަޕްރައިޒަސް އިން ވަނީ މި މައްސަލައިގައި އެމްޕީއެލް އާއި ދެކޮޅަށް ވެސް ދައުވާކޮށްފަ އެވެ.
ހިޔާލު