MMPRC Corruption aai gulhey non-negotiable 6 cheque eh BML in endorse kohdhin!
image
ބީއެމްއެލް ގެ ހެޑްއޮފީސް-- ފޮޓޯ: ބީއެމްއެލް
0 ކޮމެންޓް
 

އެމްއެމްޕީއާރުސީ ކޮރަޕްޝަނާއި ގުޅޭ ނޮން-ނެގޯޝަބަލް ހަ ޗެކެއް ބީއެމްއެލް އިން އެންޑޯޒް ކޮށްދިންކަން ހާމަވެއްޖެ

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެއްމެ ބޮޑު ހިޔާނާތުގެ ގޮތުގައި ފާހަގަ ކުރެވޭ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތާ ގުޅޭ، ނޮން-ނެގޯޝަބަލް ހަ ޗެކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެންޑޯޒް ކޮށްދީފައިވާކަން ހާމަވެއްޖެ އެވެ.
އެކަން ހާމަވީ ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއަކުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އިންޓަވަލް ގަޑިއަށް މެދުކަނޑާލުމުގެ ކުރިން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ސިޓީ މަޖިލީހުގެ ތަޅުމުގައި ހާމަކޮށްފަ އެވެ.

ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ހިޔާނާތުގައި ބީއެމްއެލްގެ ބައެއް މުވައްޒަފުންގެ ބައިވެރިވުން ހިމެނޭ ކަމަށް އެތައް ބަޔަކު ތުހުމަތު ކުރެ އެވެ. އެގޮތުން ރިސޯޓް ތަރައްގީ ކުރުމަށް އޭރު ދޫކުރި ގިނަ ރައްރަށުގެ އިކުއިޒިޝަން ކޮސްޓް އާއި އެހެނިހެން ފީތަކަށް އެމްއެމްޕީއާރުސީ އަށް ދީފައިވާ ގިނަ ޗެކުތަކެއް ބީއެމްއެލްގެ ތެރެއިން އެންޑޯޒް ކޮށްގެން، އެހެން އެކައުންޓްތަކަށް ޖަމާކޮށްފައި ވެއެވެ.

މިހާތަނަށް ބީއެމްއެލް އިން ބުނަމުން އައީ އެ ޗެކުތައް އެންޑޯޒް ކޮށްދިނީ ބޭންކުން އޭރު އަމަލު ކުރަމުން ދިޔަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ނޮން-ނެގޯޝަބަލް ޗެކުތައް އެންޑޯޒް ކޮށްދީފައި ނުވާނެ ކަމަށް ބީއެމްއެލް އިން ކުރިން ބުނެފައި ވެއެވެ. އެކަމަކު ނޮން-ނެގޯޝަބަލް ޗެކުތަކެއް ވެސް އެންޑޯޒް ކޮށްދީ، ބީއެމްއެލުން ފައިސާ ދޫކުރި ކަން ވަނީ ދާދި ފަހުން ފަޅާ އަރައިފަ އެވެ.

އޭގެ އިތުރުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހަށް އޮލުވާލައްވާފައި ކަމަށް ނިންމައި، އެ މައްސަލަ މަޖިލީހުގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި އެ މަޖިލީހުން ހުށަހެޅި އެ މައްސަލަ ފުލުހުން މިހާރު ވަނީ ބަލަން ފަށައިފަ އެވެ.
ހިޔާލު