Offshore platform eh masverin beynumeh nuvey: Idhikolhu memberun
image
ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޝިޔާމް--
0 ކޮމެންޓް
 

އޮފްޝޯ ޕްލެޓްފޯމެއް މަސްވެރިން ބޭނުމެއް ނުވޭ: އިދިކޮޅު މެމްބަރުން

ބޮޑު އަގު ދީފައިވާ އޮފްޝޯ ޕްލެޓުފޯމުތައް އެޅުމުގެ ބަދަލުގައި މަސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުން މިވަގުތު މާ މުހިއްމު ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި މަސްވެރިކަން ކުރާ ސަރަހައްދުތަކެއް ފާހަގަކޮށް "އޮފްޝޯ ޕްލެޓްފޯމް" ގާއިމް ކުރުމާއި ގުޅޭ ގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ހުށަހަޅާފައިވާ ގަރާރަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުގެ މެންބަރު މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ މަސްވެރިކަމުގެ ސަގާފަތާއި މަސްވެރިކަން ކުރާ ވައްޓަފާޅި އެނގިގެން ހުށަހަޅާފައިވާ ގަރާރެއް ނޫން ކަމަށެވެ.

ގަރާރު ހުށަހެޅުއްވި މެންބަރު ގަރާރު ހުށަހަޅުއްވަމުން ދެއްކެވި ވާހަކަތަކަކީ ވަރަށް ރަނގަޅު ވާހަކަތަކެއްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މެންބަރު އިބްރާހިމް ރަޝީދު އެފަދައިން ވާހަކަ ދެއްކެވި ނަމަވެސް އެ ވާހަކަތަކަކީ ގަރާރުގައި ބަޔާންކޮށްފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ.

އެމްޑީޕީގެ އެޖެންޑާ "ލާހުރޭ" އެޖެންޑާއަކަށް ނުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ އެޕާޓީގެ މަޖިލިސް މެންބަރުން މަޖިލީހަށް ހުށަހަޅުއްވާ ހުރިހާ ގަރާރަކީވެސް "ލާހޫރޭ" ގަރާރުތަކެއް ކަމަށެވެ. އެގޮތުން އޭނާ ވަނީ އެއް ގަރާރު އަނެއް ގަރާރާ ފުށުއެރުންތަކެއް އެބަހުރިކަން ފާހަގަކުރައްވާފަ އެވެ.

ކޮންމެ އޮފްޝޯ ޕްލެޓު ފޯމަކަށް 600 މިލިއަން ރުފިޔާ ދާނެ ކަމަށް ގިނަ މެންބަރުން އަންދާޒާ ކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ އެއީ 40 މިލިއަން ޑޮލަރު ކަމަށެވެ. ޝިޔާމް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރުމުގެ ބަދަލުގައި މިހާރު ހުރި ވަސީލަތްތައް ތަރައްގީ ކުރުން ބުއްދިވެރި ކަމަށެވެ.

"އެއަށްވުރެ މާ ރަނގަޅެއް ނޫންތޯ ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރިއްޔާ. 30 މިލިއަނެއްހާ ޑޮލަރު ހަރަދުކޮށްގެން ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރިއްޔާ. އޭރުން މަސްވެރިޔާއަށް ބޭނުންވާ މަސްކޮޅު ކިރާލެވޭނެ. އިއްޒަތްތެރި ރައީސް މި އަންނަނީ އޮކްޓޫބަރު މަސް، އަޅުގަނޑުމެންނަކަށް ނޭނގެ މަސްވެރިން ބާނާ މަހަށް ހަދާނެ ގޮތެއް. މިއަދު ވެސް މިއަދު ވެސް މިއުޅެނީ މަސްވެރިން ބާނާ މަސް ކިރާލީމަ ލާރިކޮޅު ނުލިބިގެން، މަސްވެރިން ބޭނުންވާ އައިސްކޮޅު މަސްވެރިންނަށް ނުލިބިގެން އުޅޭތަން އަޅުގަނޑުމެންނަށް މި ފެންނަނީ. މިކަންތައް ހައްލު ކުރަންވީ ނޫންތޯ. ކީއްކުރަންތޯ އަޅުގަނޑުމެން 2050 އަށް މިގެންދަނީ. އަޅުގަނޑުމެން މިއުޅެނީ 2019 ގައި އިއްޒަތްތެރި ރައީސް،" ޝިޔާމް ވިދާޅުވި އެވެ.

މި ގަރާރާއި ގުޅިގެން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ވިދާޅުވީ ސިޔާސީ ގޮތުން މަސްވެރިން ވާވެއްދުމުގެ ބަދަލުގައި މަސައްކަތް ކުރާ ކަމަށް ވާނަމަ އެކަމުގެ ނަފާ ލިބިގެން ދާނެ ކަމަށެވެ. ތާރިގު ވަނީ އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމުގެ ގަރާރުތަކުގައި ބުނެފައިވާ ކަންކަން ކުރެވިދާނެތޯ ސުވާލު އުފައްދާފަ އެވެ. ތާރިގު ވިދާޅުވީ ގަރާރެއްގައި ބަޔާންކުރާ ހުރިހާ ކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ހުރިހާ ކަމަކީ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށްޓަކައި ނުވަތަ ރައްޔިތުންތަކަކަށް ހަގީގީ މަންފާއެއް ލިބިދާނެ ކަމެއްތޯ ވިސްނާލަން ޖެހޭ ކަންތައްތައް. އިއްޒަތްތެރި ރައީސް ގޭދޮށު މަސް ފެކްޓަރީގެ ވާހަކަ މީގެ ކުރިން ވާހަކަދެއްކީމާ އަޅުގަނޑު ހިތަށް އަރަނީ ގޭދޮށު މަސް ފެކްޓަރީ ނުވަތަ އެ ކޮންސެޕްޓް އަޅުގަނޑުމެންނަށް މިހާރު މަޖިލީހުގެ މެންބަރުން ކިޔާ ދެއްވި ގޮތަށް އެކަންތައް ކުރެވިދާނެތޯ،" ތާރިގް ވިދާޅުވި އެވެ.

އޮފްޝޯ ޕްލެޓް ފޯމުތައް އެޅުމަށް މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ އިޤުތިސާދުގައި މުހިއްމު ސިނާއަތަކަށްވީ ހިނދު އަދި ގިނަ އަދަދެއްގެ ދިވެހިން އެ މަސައްކަތުގައި ހަރަކާތްތެރިވާ ސިނާއަތަކަށްވެ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް، އެ މަސައްކަތުގެ ސީދާ ނަފާ ވިހާ ވެސް ފުޅާ ދާއިރާއެއްގައި ދިވެހިންނަށް ހޯދާ ދިނުމުގެ މުހިއްމުކަން ބޮޑުވެ އެކަމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

މި ގަރާރުގައި ބުނެފައި ވަނީ ދިވެހި މަސްވެރިން ބާނާމަހަށް ހަމަ އަގު ހޯދާދިނުމަށްޓަކައި ބޭރު ކަނޑުގައި މަސްވެރިކަން ކުރާ މަސްވެރިން ބާނާ މަސް ވިއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ މުހިއްމު ކަމަކަށްވީ ހިނދު، ރާއްޖޭގެ ރަށްތަކާއި ދުރަށް ދުއްވައިގެން އާއްމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓް ފޯމްތަކެއް ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެފަދަ ޕްލެޓްފޯމުތަކަކީ އައިސް އާއި ތެޔޮ އަދި މަސް ދޯނި ފަހަރަށް ބޭނުންވާ ސާމާނު އެތަންތަނުން ފޯރުކޮށްދިނުމުން މަސްވެރިން ބޮޑު ޚަރަދުކޮށް އެނބުރި ރަށަށް އަންނަން ނުޖެހުމުން ބޮޑު ހަރަދެއް ސަލާމަތްވާނޭ ކަމަށް ވެސް ގަރާރުގައި ބަޔާންކޮށްފައި ވެއެވެ.
ހިޔާލު