ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމަށް ދަށު ކޯޓުގެ ފަނޑިޔާރަކު ހަމަޖެއްސުމަށް ބާއްވާ އިންތިހާބު މޮނިޓާ ކުރުމާއި އޮބްޒާވް ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކު ޖޭއެސްސީ އަށް ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 24 ގަ އެވެ.
އެ އިންތިހާބުގެ ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓު ނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމަށާއި މޮނީޓާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޖޭއެސްސީން ވަނީ މިހާރު ފުރުސަތު ހުޅުވާލައިފަ އެވެ.
އެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މިހަފްތާގެ ބުދަ ދުވަހުގެ މެންދުރު 02:00 ގެ ނިޔަލަށެވެ.
އެގޮތުން އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރުގެ އިތުރުން ތަމްސީލު ކުރާ ފަރާތް ހިމެނޭ ގޮތަށް ލިސްޓެއް ހެދުމަށް ފަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހުށަހެޅުމަށް ޖޭއެސްސީން ވަނީ އަންގައިފަ އެވެ.
ހުށަހެޅުންތައް ބަލައިގަތުން އޮންނާނީ މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 02:00 އަށް އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާ ބެހޭ މަރުކަޒު ކަމަށްވާ ބައު ޖަމާލުއްދީން ގައެވެ.
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި މިހާރު އިންނަވަނީ ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު އީސާފުޅެވެ.
އޭނާ އެ މަގާމަށް އިންތިހާބު ކުރީ އޮގަސްޓް 2014 ގަ އެވެ. އެއީ ފަސް އަހަރަށް އިންތިހާބު ކުރާ މަގާމަކަށް ވާތީ އޭނާގެ ދައުރު އަންނަ މަހު ހަމަވާނެ އެވެ.