IS aai gulhifaivaa jamaathakah dhivehin fandu kuri kamuge thuhumathu!
image
އައިއެސްގެ ހަނގުރާމަވެރިންތަކެއް--
0 ކޮމެންޓް
 

އައިއެސް އާ ގުޅިފައިވާ ޖަމާއަތަކަށް ދިވެހިން ފަންޑު ކުރި ކަމުގެ ތުހުމަތު!

ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓާ ގުޅުން އޮތް ހަނގުރާމަވެރި ޖަމާއަތަކަށް ދިވެހިން ފަންޑު ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް އިންޑޮނީޝިޔާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.
އެ ގައުމުގެ ފުލުހުންނާ ހަވާލާދީ "އިންޑޮނީޝިޔާ އެކްސްޕެޓް" ނޫހުން ބުނާ ގޮތުގައި ދިވެހިންގެ އިތުރުން އެހެން ހަތަރު ގައުމެއްގެ މީހުން ފަންޑު ކޮށްފައިވަނީ އައިއެސް އާ ގުޅިގެން އެ ގައުމުގައި ހަރަކާތްތެރިވާ "ޖަމާހް އަންސަރުތު ދައުލާ" އަށެވެ. އެގޮތުން ރާއްޖެ ހިމެނޭ ގޮތަށް ފަސް ގައުމަކުން، ވެސްޓަން ޔޫނިއަން މެދުވެރިކޮށް އެ މީހުންނަށް ފައިސާ ލިބިފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެ އެވެ.

އިންޑޮނީޝިޔާ ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ އެ ނޫހުން ބުނާ ގޮތުގައި ވެސްޓަން ޔޫނިއަން މެދުވެރިކޮށް އެ ޖަމާއަތަށް 400.17 މިލިޔަން އިންޑޮނީޝިޔާ ރުޕީސް ނުވަތަ 29 ހާހަށް ވުރެ ގިނަ ޑޮލަރު ލިބިފައި ވެއެވެ. އެ ފައިސާ ލިބުނީ ރާއްޖެ ހިމެނޭ ގޮތަށް ފަސް ގައުމެއްގެ 12 މީހެއްގެ އަތުން ކަމަށް ވެސް އިންޑޮނީޝިޔާ ފުލުހުން ބުނެ އެވެ.

އެގޮތުން ރާއްޖޭގެ އިތުރުން އެ ޖަމާއަތަށް ވެސްޓަން ޔޫނިއަން މެދުވެރިކޮށް ފައިސާ ފޮނުވާފައި ވަނީ ޓްރިނިޑޭޑް އެންޑް ޓޮބާގޯ، ޖަރުމަން، ވެނެޒުއޭލާ އަދި މެލޭޝިޔާ އިން ކަމަށް ވެއެވެ. އަދި އެ މައުލޫމާތުތައް ފުލުހުންނަށް ލިބުނީ މިދިޔަ ހަފްތާގައި ސްމަތްރާ އިން ހައްޔަރު ކުރި އެ ޖަމާއަތުގެ ހަނގުރާމަވެރިއެއްގެ ތަހުގީގުގެ ތެރެއިން ކަމަށް ވެސް އެ ގައުމުގެ ފުލުހުން ބުނެ އެވެ.

އައިއެސް އާ ގުޅެން ރާއްޖޭން އެތައް ބަޔަކު ސީރިއާ އަށް ވެސް ގޮސްފައި ވެއެވެ. އަދި އެ ޖަމާއަތް ބަލިކަށިވެގެން ގޮސްފައިވާއިރު މިހާރު އޭގެ ތެރެއިން އެތައް ބަޔަކު ހާލުގައި ޖެހި، ސީރިއާގެ ރެފިއުޖީ ކޭމްޕްތަކުގައި އެބަ ތިއްބެވެ.
ހިޔާލު