MDP in Councilorunge forum eh baahvanee
image
އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހު ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އެމްޑީޕީ
0 ކޮމެންޓް
 

އެމްޑީޕީން ކައުންސިލަރުންގެ ފޯރަމެއް ބާއްވަނީ

ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށްޓަކައި، މި ފެށޭ އޯގަސްޓް މަހު އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުން ބައިވެރިވާ ކައުންސިލަރުންގެ ފޯރަމްއެއް ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.
އެމްޑީޕީން ބުނީ ރާއްޖޭގެ ސިޔާސީ ޕާޓީ އަކުން ބާއްވާ މިފަދަ ފުރަތަމަ ފޯރަމުގައި، އެ ޕާޓީ އަށް ނިސްބަތްވާ 300 އަށް ވުރެ ގިނަ ރަށު، އަތޮޅު އަދި ސިޓީ ކައުންސިލަރުން ބައިވެރިވާން ދައުވަތުދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާނެ ވަކި ތާރީހެއް އަދި އެ ޕާޓީން ހާމައެއް ނުކުރެ އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީން ކައުންސިލަރުންގެ ފޯރަމެއް ބާއްވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ލާމަރުކަޒީ ނިޒާމު ކުރިއަރުވައި ކައުންސިލްތައް ބާރުވެރި ކުރުވުމަށް އަންނަނީ މަސައްކަތް ކުރެވެމުންނެވެ. އެގޮތުން ކުރިން ސަރުކާރުން ހިފަހައްޓާފައިވާ ބައެއް ބާރުތައް އާ ސަރުކާރާ އެކު އަނބުރާ ކައުންސިލްތަކަށް ދީފައިވެއެވެ.

އެމްޑީޕީން ބުނީ ކައުންސިލަރުންގެ ފޯރަމުގެ އިތުރުން، އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ބައިވެރިވުން، ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އަމާޒުކޮށްގެން ޔޫތު ކޮންގްރެސް އެއް ވެސް އޯގަސްޓް މަހުގެ ތެރޭގައި ބާއްވާނެ ކަމަށެވެ. އަދި އެ ފޯރަމްގައި ރާއްޖޭގެ އެކި ދާއިރާއިން ޒުވާނުން ބައިވެރިވެ، ޒުވާނުން ބާރުވެރިކޮށް ސިޔާސީ މައިދާނަށް އިތުރު ޒުވާނުން ނެރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
ކައުންސިލް އެމްޑީޕީ
ހިޔާލު