Ahusan ge maruge massalla High Court ah beli dhaanethoa nihmmanee
image
އަހުސަން މަރާލުމުގެ ދައުވާ ދައުލަތުން ކުރާ ދެ މީހުން--
0 ކޮމެންޓް
 

އަހުސަންގެ މަރުގެ މައްސަލަ ހައިކޯޓަށް ބެލިދާނެތޯ ނިންމަނީ

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރައިލި އަހުސަން ބަޝީރުގެ މަރުގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރީ އިސްތިއުނާފްގެ މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ އެ މައްސަލަ ހައި ކޯޓުން ބެލުމާ މެދު ގޮތެއް ނިންމަން އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން މިއަދު ނިންމައިފި އެވެ.
އަހުސަން މަރާލާފައި ވަނީ 2011 ވަނަ އަހަރު މަޖީދީމަގާއި އަލިކިލޭގެފާނު މަގު ގުޅުނު ހިސާބުންނެވެ. އޭނާގެ މަރާ ގުޅިގެން ދައުލަތުން ދައުވާ ކުރަނީ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށެވެ. ނަމަވެސް އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުކުމް ކޮށްފައެވެ. ނަމަވެސް ދައުލަތުން ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ އޭގެ އެއް އަހަރު ފަހުންނެވެ. އަދި މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ޝަހުމްގެ ވަކީލުން ވަނީ އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އެ މައްސަލަ ފާހަގަކޮށްފައެވެ.

ދައުލަތުން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރުން ލަސްވީ ކްރިމިނަލް ކޯޓުން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓާއި ޚުލާސާ ރިޕޯޓް ދޫކުރުން ލަސްވުމުން ކަމަށެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމިއިރު ދައުލަތަށް ދޫކުރީ ހަމައެކަނި ހުކުމުގެ އިބާރާތް ކަމަށާއި އެހެންވެ، ޖެހިގެން އައި ދުވަހު އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ހޯދަން އެ ކޯޓުގައި އެދިފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު އެ ރިޕޯޓް އެ ކޯޓުން ދޫކުރީ އޭގެ އަހަރެއް ފަހުން ކަމަށް ދައުލަތުން ބުންޏެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ މުއްދަތު ހަމަވުމަށް ފަހު އިސްތިއުނާފް ކުރުމަށް މަގްބޫލު ސަބަބެއް އޮތްތޯ ބެލުމުގައި މައްސަލައިގެ ބާވަތަށާއި މައްސަލާގެ ސީރިއަސް ކަމަށް ބަލަން ޖެހޭ ކަމަށެވެ.

އެއީ މަރުގެ މައްސަލައެއް ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ނިޔާޒް ވިދާޅުވީ ދިރިހުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސީން ދޭ ހައްގެއް ކަމަށް ވާތީ، ކުށެއް ނެތި މީހަކު މަރާލެވޭ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތުގެ ހައްގުގެ އިތުރުން މަރުވި މީހާގެ ހައްގުތަކެއް ވެސް އޮންނާނެ ކަމަށެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ އެ މައްސަލަ ހައި ކޯޓުން ބެލުމާއި މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
މަރު ހައިކޯޓް
ހިޔާލު