China in HongKong ge muzaaharaathah kuvverikoffi
image
ހޮންކޮން މުޒާހަރައިގެ ބައިވެރިން--ފޮޓޯ:ރިއުޓާސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ހަމަނުޖެހުންތަކަށް ބަދަލުވެފައިވާ ހޮންކޮންގެ މުޒާހަރާތައް ކުށްވެރިކުރަން: ޗައިނާ

ހޮންކޮންގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ޗައިނާ އިން ކުށްވެރިކޮށްފި އެވެ. ޗައިނާ އިން ބުނީ މެދުކެނޑުމެއް ނެތި އަށް ހަފްތާއަށް ދިގު ދެމިގެން ގޮސްފައިވާ މުޒާހަރާތަކުގެ ސަބަބުން ގާނޫނާއި ގަވާއިދުތަކަށް ބޮޑެތި ގެއްލުންވަމުންދާކަމަށެވެ.
ސަރުކާރާއި ދެކޮޅަށް ކުރެވެމުންދާ މުޒާހަރާތަކުގައި ފާއިތުވި ދުވަސްތަކުގައ ވަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގައިފަ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާމެދު ކުރިމަތިލުންތަކެއް ހިނގާ، ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް ކަރުނަ ގޭހާއި ރަބަރު އުންޑައިގެ ބޭނުންކޮށްފަ އެވެ.

ހޮންކޮންގައި ހުންނެވި ޗައިނާގެ ތަރުޖަމާނަކު ވިދާޅުވީ މިވަގުތު ސަރަހައްދީ އެންމެ މުހިންމު ކަމަކީ ސުލްހަ މަސަލަސްކަން އަލުން އިޔާދަކުރެއްވުންކަމަށެވެ. މިއީ ހޮންކޮންގައި މިހާރު އުފެދިފައިވާ ދާހިލީ ހަމަނުޖެހުންތަކާއި ބެހޭގޮތުން ރަސްމީގޮތެއްގައި ޗައިނާ އިން ބަހެއް ބުނި ފުރަތަމަ ފަހަރެވެ.

ހޮންކޮން އެންޑް މަކައު އެފެޔަ އޮފީސް (އެޗްކޭއެމްއޭއޯ) ގެ ތަރުޖަމާނު ޔޭން ގުއާން ވިދާޅުވީ ހޮންކޮން އިން މިހާރު ފެންނަމުންދަނީ ނުރައްކާތެރި ފިކުރީ މައުދަންތަކެއްގެ ނުބައި ނުލަފާ އަމަލުތަކެއްކަމަށެވެ.

"މިހާރު ހޮންކޮންގައި ހިނގަމުން މިދާ ކަންތައްތަކުގެ ނާޒުކުކަމާއި މެދު ހުރިހާ ރައްޔިތުންވެސް ވިސްނާލުމަށް އަޅުގަނޑު ގޮވާލަން،" ގުއާން ވިދާޅުވި އެވެ.

މީގެ އިތުރުން ތަރުޖަމާނާ ޒޫ ލުއިން ވެސް ވަނީ މުޒާހަރާތަކަށް ފާޑު ވިދާޅުވެފަ އެވެ. ލުއިން ވިދާޅުވީ މިވަގުތު ހޮންކޮން އަށް އެންމެ މުހިންމީ ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރާ މީހުންނަށް ހައްގު އަދަބުދީ ގައުމުގައި ހަމަޖެހުން ގާއިމު ކުރުންކަމުގައި ލުއިން ޗައިނާއިންވެސް ގަބޫލުކުރާކަމަށެވެ.

އެޗްކޭއެމްއޯ އިން ވަނީ އެބޭފުޅުން ތިބީ ހޮންކޮންގެ ސަރުކާރާ އެކީ ކަން ހާމަކޮށް ފުލުހުންގެ މަސައްކަތަށް ތަރުހީބުކޮށްފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުންތަކާއި ދުރުވުމަށް ވަނީ ގޮވާލައްވައިފަ އެވެ.
ޗައިނާ މުޒާހަރާ
ހިޔާލު